Advertisement

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒެއް ރައީސް އުފައްދަވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް؛ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒެއް އުފައްދަވައިފި - ފޮޓޯ: ރައީސް އޮފީސް


އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒެއް ރައީސް އުފައްދަވައިފި

މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ދެވޭނެ މަރުކަޒެއް ވިލިމާލޭގައި އުފައްދާ ގޮތަށް ހަމަޖައްސައިފި އެވެ.

"ވިލިނގިލި އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު" ނަމުގައި މަރުކަޒެއް އުފެއްދިކަން ރައީސް އޮފީހުން ހާމަކުރީ، ޖެންޑާ މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ގެނައި ބަދަލުތައް އާންމުކޮށް ނެރުނު ބަޔާނުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މަރުކަޒުގެ ބޭނުމަކީ މާލެ ސަރަހައްދުން ވަގުތީ ގޮތުން ރައްކާތެރިކަމެއް ދޭން ޖެހޭ މީހުނަށް އެ ރައްކާތެރިކަން ދިނުމުގެ އިތުރަށް، ވިލިމާލޭގައި ދިރިއުޅޭ މީހުނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.

ޖެންޑާ މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ދެން ގެނައި ބަދަލަކީ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް އެ މިނިސްޓްރީގެ ދަށަށް ގެނައުމެވެ. އެއީ، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ދިނުމައި، ރަނގަޅު ސިއްހަތެއްގައި ބޭއްތިބުމަށާއި މުނިފޫހިފިލުވުމަށް ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގެ މަގުސަދުގަ އެވެ.

އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" އިން ކުރަމުން ދިޔަ މަސައްކަތްތަކަށް އެހެނިހެން އިންތިޒާމުތަކެއް ހަމަޖެހިފައިވާތީ، އެ ތަންތަން އުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.