27 ފެބުރުވަރީ 2023 - 06:51 1
މުހައްމަދު ޝަހްޒާން
27 ފެބުރުވަރީ 2023 - 06:51 1
ޑިޖިޓަލް އައިޑީކާޑުގެ ވަގުތީ ވާޝަން ތަޖުރިބާކޮށްލުމަށް އާންމުކޮށް ހުޅުވާލުމުން، އެ ބޭނުން ކުރަމުންދާ މީހުންގެ ފަރާތުން ލިބެމުންދާ ހިޔާލުތައް ރަނގަޅު ކަމަށް ޓެކްނޮލޮޖީ މިނިސްޓަރީން ބުނެފި އެވެ.
އެ މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީކާޑުގެ "އާލީ ވާޝަން" މިހާރު ބޭނުން ކުރަމުން އަންނަ މީހުންގެ ތެރެއިން ގިނަ މީހުންގެ ވާހަކަތައް ހުރީ ވަރަށް ފައްސިކޮށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެކްސްޕީރިއަންސް ވަރަށް ޕޮޒިޓިވް، ގިނަ މީހުންގެ ފީޑުބެކް ހަމަ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ގިނަ މީހުންގެ ހިޔާލު އެގޮތަށް ހުރި ނަމަވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ބޭނުން އެބަވޭ ވީހާވެސް ގިނަ ހިދުމަތްތައް މީގެ ތެރެއިން ލިބޭނެ ގޮތް މަގުފަހިވެގެން ދިއުން، [އެމީހުން ފާހަގަ ކުރޭ] މިހާރު އެކި ތަންތަނުގެ ހިދުމަތްތައް ހޯދަން އެކި ވެބްސައިޓުތަކަށް ވަދެގެން ކުރަންޖެހޭތީ އުނދަގޫވާ ވާހަކަ،"
އޭނާ ވިދާޅުވީ މިހާތަނަށް ިލބުނު ހިޔާލުތަކަށް ބަލައި، ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު ޑިޖިޓަލް އައިޑީކާޑުގެ އައިއޯއެސް ވާޝަން ވެސް މިހަފްތާ ތެރޭގައި ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.
"މި ހަފުތާ ތެރޭގައި އައިއޯއެސް ވާޝަން ބޭނުން ކުރުމަށް ވެސް 500 މީހުންނަށް ފުރުސަތު ހުޅުވައިލާނަން، އެއަށްފަހު ލިބޭ ފީޑެބެކަށް ބަލާފައި އަންނަ މަހު ފައިނަލް ވާޝަން ރިލީޒް ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.
ޑިޖިޓަލް އައިޑީކާޑު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެ ފުރުސަތުގައި ހުޅުވާލިތާ އެންމެ ހަތަރު ހަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީކާޑު ތަޖުރިބާ ކޮށްލުމުގެ ފުރުސަތަށް އެދި ހުށަހެޅި އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ 2021 ވަނަ އަހަރެވެ.
ދެ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި ފެށި އެ މަސައްކަތް މުޅީން އެއްކޮށް ނިންމައި އަންނަ މަހު ބޭނުން ކުރަން ފެށޭނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ޑިޖިޓަލް އައިޑީއަކީ ވަރަށް ގިނަ ސެކިއުރިޓީ ސިފަތައް އޭގައި އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އައިޑީ ކާޑު ޑިޖިޓަލް ކުރުމުން ތަކުރާތުކޮށް އައިޑީ ކާޑު ހެއްދުމުގެ ބުރަ ދެން އުފާލަކަށް ނުޖެހޭނެ އެވެ.
ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ތައާރަފު ކުރުމަށް ތައްޔާރުވަމުން އަންނައިރު، މިމަހު ވަނީ ލައިސެންސް ކާޑު ޑިޖިޓަލްކޮށް ބޭނުން ކުރަން ފަށައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment