އިލޮން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް، "ގްރޮކް" ބޭނުންކޮށްގެން މީހުންގެ ހުއްދަނެތި ބަދުއަހުލާގީ ފޮޓޯ އުފައްދާ މައްސަލަ ބޮޑުވެ، އިންޑޮނީޝިއާ އާއި މެލޭޝިއާއިން އެ ޕްލެޓްފޯމް ބްލޮކްކޮށްފި އެވެ.
މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގްރޮކް ވަގުތީ ގޮތުން ބްލޮކްކުރަން ނިންމީ އެ ޓޫލް ތަރައްގީކުރި އެކްސްއޭއައި އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' އިން، ގާނޫނީ މިންގަނޑުތަކަށް ފުރުސަތު ދިނުމަށް އެދި ފޮނުވި އެންގުންތަކަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާތީ ކަމަށެވެ.
'އެކްސް' އިން އިސްކަންދީފައިވަނީ ހަމައެކަނި ޔޫޒަރުން ރިޕޯޓްކުރާ ނިޒާމަށް ކަމަށާއި ނަމަވެސް އޭއައި މެދުވެރިކޮށް އުފައްދާ ނުރައްކާތެރި ކޮންޓެންޓް ހުއްޓުވުމަށް އެއީ އެކަށީގެންވާ މިންވަރެއް ނޫންކަމަށް މެލޭޝިއާއިން ބުނެ އެވެ.
ގްރޮކް ބޭނުންކޮށްގެން އަސްލު މީހުންނާއި، ކުޑަކުދިންގެ ވެސް ބަދުއަހުލާގީ ފޮޓޯތައް އުފައްދާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މެލޭޝިއާއަކީ މި މައްސަލައިގައި ގްރޮކް މަނާކުރި ދެވަނަ ގައުމެވެ. އެ ގައުމުން ގްރޮކް މަނާކުރުމުގެ އެއް ދުވަސް ކުރިން އިންޑޮނޭޝިއާއިން ވަނީ މި ޗެޓްބޮޓް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް ވެފަ އެވެ.
މި މައްސަލައިގައި 'އެކްސް' އިން ބުނެފައިވަނީ، ގާނޫނާ ހިލާފު އެއްޗެހި އުފެއްދުމަށް ގްރޮކް ބޭނުންކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް، ޔޫރަޕްގެ އިދާރާތަކުންނާއި އެހެނިހެން ގައުމުތަކުގެ އޮފިޝަލުން ދަނީ މިކަމުގައި 'އެކްސް' އިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
Comment