Advertisement

"ކިންގްމޭކާ" ނޫނީ "ކިންގް"؟ މުޅި ގައުމުގެ ކަޅި ޖޭޕީއަށް!

7 މާރިޗު 2023 - 07:38 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


"ކިންގްމޭކާ" ނޫނީ "ކިންގް"؟ މުޅި ގައުމުގެ ކަޅި ޖޭޕީއަށް!

7 މާރިޗު 2023 - 07:38 1

"...އެހެން ބަޔަކު ވެރިކަމަށް ގެނެސްދިނުމަށްޓަކައި ލައްކަ ގިނަ މަސައްކަތް ކުރެއްވިއްޖެކަން. ލައްކަ ގިނަ ގުރުބާނީ ތަކެއް ވެވިއްޖެކަން. އަޅުގަނޑުމެން މިއަދު ކުރަން ޖެހޭ ސުވާލަކީ ކިހާ ދުވަހެއް ވަންދެންތޯ އަޅުގަނޑުމެން މިހެން އެންދަމައިގެން ވަތަށް އެން އަޅައިގެން ތިބެންވީ؟"

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއަށް ހާޒިރުވެ ތިބި 600 އަށް ވުރެ ގިނަ މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދޫކޮށްލެއްވީ މި ސުވާލެވެ.

މުށެއްހާ ބަޔަކު ފިޔަވައި، އަލީ ހުސެއިން އަޑެއް ދެއްވީ މުޅި މާލަމަށް ފެތުރިފައިއޮތް ރޫހަށެވެ. އެއީ އެތަނުގައި އެއްވެ ތިބި ގިނަ ބަޔަކު އިންތިޒާރުކުރި ވަގުތެވެ. ޕާޓީގެ ލީޑަޝިޕް އަދި ވަކިން ހާއްސަކޮށް ލީޑަރު ގާސިމް އިބްރާހިމަށް އެ މީހުންގެ އަޑު އިއްވޭނެ ފުރުސަތަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ލަފާދޭން ހުށަހެޅި ގަރާރުގެ ބަހުސަށް އެ ޝުއޫރުތައް ބަންޑުންކޮށްލީ އެ ރޫހާއި ޖޯޝުގަ އެވެ.

މިހާރު މި އޮތް ގޮތަށް ރައީސް [އިބްރާހީމް މުހައްމަދު ސޯލިހް] އާއެކު ކޯލިޝަން ދަމަހައްޓަން އެބަ ވާހަކަ ދައްކާ، އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން އެ ގޮތެއް،" - ޖޭޕީ މެމްބަރު އަހުމަދު ޝާކިރު

އެ މީހުންގެ ނަޒަރުގައި ލައްކަ ގިނަ ކޯލިޝަން ހެދިއްޖެ އެވެ. އެހެން ބައެއްގެ ފަސްބައިގައި ހިފައިގެން ތިބެވިއްޖެ އެވެ. އެ މީހުން ގޮވާލީ ގަރާރަށް އަމަލުކުރުމަށެވެ. ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ރިޔާސީ ރޭހަށް ޖޭޕީ ނުކުތުމެވެ.

އެދުމުގައި ބުރަދަން އެބަހުރި؟

ޖޭޕީ ކޮންގްރެސް ނިންމައިލީ ގިނަ ބަޔަކު އުފަލުން ނަށަމުންނެވެ. އެ މީހުން ބޭނުންވި ގޮތް ވީމަ އެވެ. އެ ގަރާރު އިއްތިފާގުން ފާސްވެ، ލަފައެއްގެ ސިފައިގައި ނަމަވެސް، ގޮތް ނިންމާނެ ޖޭޕީ ކައުންސިލާ ހަމައަށް ގެންދެވުނީމަ އެވެ. އެ ނިންމުން އިއްޔެ ވަނީ ކައުންސިލުން ފާސްކޮށް، ކޯލިޝަން ހަދާނަމަ މަޝްވަރާކުރުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމަށް ދީފަ އެވެ.

ގާސިމަށް މިހާރު އޮތީ އެ މަނިކުފާނުގެ އުމުރު ދުވަހުގެ އުއްމީދު ހަގީގަތަކަށް ހެދަށްޓަކައި ގޮތް ނިންމުމުގެ ވަގުތެވެ. މެމްބަރުން އަދި ކައުންސިލުން އެ ވަނީ ބަސް ބުނެފަ އެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނުގެ ރިޔާސީ އުއްމީދު ހަގީގަތަކަށް ވެދާނެތޯ، ނޫންތޯ ސުވާލު އުފައްދާއިރު، މާޒީގެ ނަތީޖާއިން އެޕާޓީ ނުވަތަ ގާސިމަށް އޮތް ތާއިދު ފެނެ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޑރ. އަހުމަދު އަލީ ސަވާދު ރަނިންމޭޓަކަށް ލައްވައިގެން 2008 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް 27،056 ވޯޓު ހޯއްދެވި އެވެ. އެއީ ސައްހަ ވޯޓުލީ 176،567 މީހުންގެ ތެރެއިން 15.32 ޕަސެންޓު މީހުންގެ ވޯޓެވެ.

ދެން އައި 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަނިންމޭޓު ޑރ. ހަސަން ސައީދާއެކު ނުކުމެވަޑައިގެން 48,131 ވޯޓު ހޯއްދެވި އެވެ. އެއީ 23.3 ޕަސެންޓް ވޯޓެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި އޮތް ހާލަތުގައި ޖޭޕީން ވަކިން ވާދަނުކުރެ އެވެ. ނަމަވެސް، "ކިންގްމޭކާ"ގެ ލަގަބާއެކު، މިހާތަނަށް ވެރިކަން ކުރި ކޮންމެ ޕާޓީއެއްގެ ކާމިޔާބީގައި ޖޭޕީ އަދި ގާސިމްގެ ހިއްސާ ބޮޑެވެ.

ކުރިއަށް އޮތް އިންތިހާބަކަށް ވެސް ގާސިމަކީ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ސިޔާސީ ޕާޓީތަކުން ގާސިމްގެ ތާއިދު ހޯދަން ބައްދަލުކޮށްފި އެވެ. ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމްގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ތިން ވަނަ އަށް މެމްބަރުން އެންމެ ގިނަ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ އަކީ މިހާރު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރި އެކެވެ. ވޭތުވެދިޔަ ހަތަރު އަހަރު އެ ޕާޓީގެ އަމިއްލަ ސިޔާސީ މަސައްކަތްތައް މަޑުގިނީގައި އޮތްއިރު، ޕާޓީގެ މެމްބަރުން ބުނެފައި އެވަނީ މިއީ ނުކުންނަންވީ ވަގުތު ކަމަށެވެ. ނަމަވެސް ގާސިމް ނިންމާފައިވާ ގޮތެއް، ނުވަތަ ނިންމާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ކޯޅުމާއި ފިކުރެއްގެ ދިރުން

ޕާޓީގެ ދަފުތަރާއި މާޒީގެ ނަންބަރުތައް އެއްފަރާތްކޮށްލައި ރިޔާސީ ރޭހުގެ ސަފަށް ބަލައިލާއިރު މި އަހަރުގެ އިންތިހާބަށް ވެސް ޖޭޕީގެ ތާއީދު މުހިންމު މިންވަރު ވަޒަންކޮށްލެވެ އެވެ. އެ ސަފުގެ އެންމެ ކުރީގައި ހުންނެވީ ދެވަނަ ދައުރެއް ހޯއްދެވުމުގެ އުއްމީދާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނު ހޯއްދެވީ ވެސް، ކޯލިޝަނެއްގެ ތެރެއިން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ހުވަފެން ދައްކަވަމުންނެވެ.

މިހާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭގެ ތާއީދު ކަށަވަރު ކުރެއްވި ނަމަވެސް، އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ޖޭޕީގެ ތާއީދު ރައީސް ސޯލިހަށް ވަރަށް މުހިންމެވެ. ސިޔާސީ މައިދާނުގައި މިވަގުތު ކުޅި ބައި އެތުރިފައިވާ ތަރުތީބުގެ ސަބަބުންނެވެ.

މި ނަޒަރުން ބަލާއިރު، ރައީސް ސޯލިހަށް އެންމެ ބޮޑު ނުރައްކަލެއް ފެންނާންއޮތީ އެމަނިކުފާނުގެ އަމިއްލަ ޕާޓީ އެމްޑީޕީގެ އެތެރެއިންނެވެ. ސާފުކޮށް ބުނަނީނަމަ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޕްރައިމަރީން ބަލިވިޔަސް، ނަޝީދު ދުލެއް ނުދެއްވަ އެވެ. އެ އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވި 15،000 އަށް ވުރެ ގިނަ ވޯޓާއެކު، އެމަނިކުފާނު ފައި ނަންގަވައިގެން ހުންނެވީ ރައީސް ސޯލިހާ ދެކޮޅަށެވެ. ނަޝީދުގެ އަމާޒަކީ "ފިކުރެއްގެ ދިރުން"އަށް އެމްޑީޕީގެ ތެރެއިން 50،000 މީހުންގެ ތާއީދު އަނބުރާލެއްވުމެވެ.

އެކަމަކު ނަޝީދު މިހާރު ހުންނެވި މިސްރާބު ވެސް ގޮސް ގުޅެނީ ޖޭޕީ އާއި ގާސިމްއާ އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ ނާދިރު ކަމެކެވެ. އެއާއެކު، އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ނަޝީދަށް ވަރުގަދަ "ހަތިޔާރެއް" ބޭނުންވެ އެވެ. އެއީ ނަޝީދަށް ތާއީދުކުރިޔަސް، އެމްޑީޕީ މެމްބަރުންނަށް ހަޖަމުވާނެ މީހަކަށް ވުން ލާޒިމުކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ހުދު ނަޝީދު ވެސް ވަނީ އެކި ފަހަރުމަތިން އެފަދަ އިޝާރާތްތަކެއް ކުރައްވައިފަ އެވެ.

"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އިބޫ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް،" - ނަޝީދު

ނަޝީދު އެކަންޏެއް ނޫނެވެ. ނަޝީދާ ގުޅުވައި، ގާސިމްގެ ރާގު ވެސް މިފަހުން ވަނީ ބަދަލުވެފަ އެވެ. ދައުވަތު ދީގެން ޖޭޕީގެ ކޮންގްރެސްއަށް ގެންނަވައި، ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރިހަމަ ބާރު ނަޝީދަށް ގެއްލި، ޕާޓީ ދެ ފެކްޝަނަށް ބެހިފައިވާއިރު، "ނަޝީދުއާ ނުލައި އެމްޑީޕީ ނޯންނާނެ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މިހާރު އިވެމުންދާ އަޑުތަކަށް ބަލާއިރު، ކޯލިޝަނެއްގެ ރަސްމީ ދައުވަތެއް އާންމުންނާ ހަމައަށް ތިލަވެފައި ނުވި ނަމަވެސް، ރިޔާސީ ރޭހަށް ގާސިމް ނުކުންނަވައިފިނަމަ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ތާއީދު ލިބުމުގެ ފުރުސަތު އޮތީ ތަންމިނަށް ހުޅުވިފަ އެވެ. އެކަމުގެ އެންމެ ސާފު ހެކި އަޑުއިވުނީ މަޖިލީހުގެ ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ޕްރައިމަރީން ބަލިވުމަށް ފަހު، އެހެން ޕާޓީއަކަށް ވެރިކަން ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެ ވާހަކައަށް ފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސަރުކާރުގައި މިހާރު އޮތް ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް ލިބޭނަމަ އެމްޑީޕިއަށް ރަނގަޅުވާނެ ކަމަށެވެ.

މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ 40 ޕަސެންޓު ސަރުކާރުގެ، އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ގޮތް ކަމަށް ވަންޏާ އެ ޕާޓީއަށް ރަނގަޅު ގޮތް ކަމަށް ލަފާ ކުރެވިދާނެ،" - ނަޝީދު

އޭގެ ފަހުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނަޝީދުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ހަސަން ލަތީފް ވިދާޅުވީ 2018 ވަނަ އަހަރު ވެސް ރިޔާސީ ކެންޑިޑޭޓެއް އެމްޑީޕީން ހޮވި ކަމަށާއި އެ ކެންޑިޑޭޓަށް ވާދަ ނުކުރެވިދާނެ ކަމަށް އެހެން ބޭފުޅަކަށް ޓިކެޓު އެރުވި ކަމަށެވެ.

މިއަދު ވެސް އޮތީ އެފަދަ ހާލެއް ކަމަށާއި ޕްރައިމަރީން ކެންޑިޑޭޓެއް ހޮވިނަމަވެސް ވެރިކަން ނުލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި "އެމްޑީއޭ ފަދަ ކުޑަ ޕާޓީއަކާއެކު" ނުވަތަ ކޯލިޝަނަކާ ނުލާ ވެރިކަން ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން "ދޫކޮށްލަން ޖެހޭ އެއްޗެއް ދޫކޮށްލައިގެން" ވެސް އެހެން ޕާޓީއަކާއެކު ސަރުކާރެއް ގާއިމް ކުރެވިދާނެ ކަމަށެވެ.

ކައްޕިއެއް ނެތް އިދިކޮޅު ކޯލިޝަންގެ އޮޑި

އެމްޑީޕީގެ ތެރެއިން ކޮންމެ ފެކްޝަނެއް ހިޔާރުކުރުމުގެ ފުރުސަތު ޖޭޕީއަށް އޮތް އިރު، އިންތިހާބުގެ ކުރިން އަދި އިތުރު ދޮރެއް ވެސް ހުޅުވިދާނެ އެވެ. ރާއްޖޭގައި އޮތް ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް/ޕީއެންސީ މިފަހަރު ރިޔާސީ ރޭހަށް ނުކުތުން އަދި އޮތީ ވަރަށް ބޮޑު ސުވާލު މާކެއްގެ ތެރޭގަ އެވެ.

އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ކޯލިޝަނުގެ އިސް ބޭފުޅުން އަޑަށް ބާރުލައްވާފައި ނޫނެކޭ ވިދާޅުވި ނަމަވެސް، މި އިންތިހާބުގައި ވޯޓު ކަރުދާހުގައި ޔާމީންގެ ނަން އޮތުން ވަރަށް ނާދިރެވެ.

އެކަން ހުދު ޔާމީން ވެސް ހިތުގެ އަޑިން ގަބޫލުކުރައްވާނެއިރު، ޕާޓީގެ ތެރެއިން އެހެން ކެންޑިޑޭޓަކު ނެރުމުގެ ބިރު ވެސް އެމަނިކުފާނަށް އޮންނާނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި މައުމޫނު ބާކީ ކޮށްލެއްވިގޮތާއި، މި ވެރިކަމުގައި ނަޝީދު ބާކީވެފައި ހުރިތަން ޔާމީނަށް ވަނީ ތަޖުރިބާކުރެވިފަ އެވެ.

އެއާއެކު، ޔާމީނުގެ އަމިއްލަ ސިޔާސީ މުސްތަގުބަލަށް ވެސް އެންމެ ރައްކާތެރި ގޮތަކީ މި އިންތިހާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެރުން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. ނަޝީދެކޭ އެއްފަދައިން، އެ ޕާޓީ ނުވަތަ ކެންޑިޑޭޓަކީ ޕީޕީއެމް މެމްބަރުންނަށް ބަލައިގަނެވޭނެ މީހަކަށް ވާންޖެހޭނެ އެވެ.

މިވަގުތުގެ ހާލަތަށް ބަލާއިރު، ހަމައެކަނި ނަޝީދު ނޫނީ އެމްޑީޕީ އާއެކު ކޯލިޝަނެއް ހެދުން ޕީޕީއެމްގެ ސަޕޯޓަރުންނަށް ހަޖަމުނުވާނެކަން ޔަގީނާ ގާތަށް ބުނަން އެނގުނު ނަމަވެސް، ގާސިމް އިސްވެ އޮންނަ ކޯލިޝަނެއް ވިއްކަން ޔާމީނަށް ފަސޭހަ ވެދާނެ އެވެ.

ގާސިމްގެ ފަހަތަށް ނަޝީދާއެކު އެރިޔަސް، ސިޔާސީ ފަށުވި ވާހަކަތަކުން ޕީޕީއެމް މެމްބަރުން ހައްލާލުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ދޭންޖެހޭނީ ވެރިކަން ލިބިއްޖެނަމަ، ޖަލު ހުކުމުން ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަމެވެ. ޖޭޕީއަށް ވޯޓުދޭން ހަމައެކަނި އެ "ޑީލު" ޕީޕީއެމް ސަޕޯޓަރުންނަށް ފުދޭނެ އެވެ.

މި ހުރިހާ ނަންބަރުތަކެއް އެއްކޮށްލުމުން، ޖޭޕީ މެމްބަރުންގެ އެދުމުގެ ބުރަދަން އިތުރުވާން ފަށަ އެވެ. މި ފަހަރު ރިޔާސީ ރޭހަށް ޖޭޕީ ނުނުކުމެ، ރައީސް ސޯލިހުގެ ފަހަތަށް އަރަންޖެހޭ ސަބަބު އެ މެމްބަރުންނަށް ފަނޑުވެ އެވެ. އަލީ ހުސެއިން ވިދާޅުވީ އެ ވާހަކަ އެވެ.

ކިތަންމެ ނުބޭނޭއޭ ހީވާ ދުވަހުވެސް ޖެހޭނީ ކިހާވަރެއްގެ އައިނެއްގައިކަން އެނގޭނީ ކަނޑަށް ނުކުތުމުން،" - އަލީ ހުސެއިން

ގާސިމްއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ލީޑަރެވެ. ރާއްޖޭގެ ސިޔާސީ ތާރީހު ލިޔެވެމުން އައި ގޮތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅެވެ. ޖޭޕީގެ ކޮންގްރެސްގެ ތެރެއިން އެކި ފަހަރު މަތިން، އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރިމަތިލާން ޖެހިވަޑައިގަތް ހިތި ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.

އެހެންކަމުން، 2008 ގައި ނަޝީދު ވެރިކަމަށް ގެނައުމަށް ފަހު, ގޮނޑީގައި ރަނގަޅަށް އިށީނދެވަޑައިގަތުމުގެ ކުރިން ކޯލިޝަން ރޫޅާލައި، ޖޭޕީ އެއްލައިލި މާޒީ، ގާސިމްގެ ހަނދާނުގައި ހުންނާނެކަން ކަށަވަރެވެ. ހަމަ އެ ހާލަތު 2013 ގައި ވެސް ތަކުރާރުވިކަން ހުދު ގާސިމް ވެސް ތަކުރާރުކޮށް ވިދާޅުވެ އެވެ. ޔާމީން ވެރިކަމަށް ގެންނަން ގާސިމް އަދާކުރެއްވި ރޯލަށް ލިބުނީ އަދި މާ ހިތްދަތި ހަދިޔާއެކެވެ. އެތައް ދުވަހަކު ޖަލުގައި ހޭދަކުރެއްވި އެވެ. އަމިއްލަ ގައުމު ދޫކުރަން މަޖުބޫރުވެ، ރެފިއުޖީއެއްގެ ފަރަންޖީ ގައުމެއްގައި އެތައް ދުވަހެއް ހުންނަވަންޖެހުނު ކަމީ ހަގީގަތެވެ.

ކުރިއަށްއޮތް އިންތިހާބުގައި ހިޔާރުކުރައްވާ މަގަކުން ނަގަން އޮތީ އެއް ހޮރަކުން ދެވަނަ ފަހަރަށް ކަށި ޖެހުމުގެ މިސާލެވެ. ޖޭޕީއާ ބައިއަތު ހިފަން ފަހަތުގައި ވިއްދާފައި އޮތީ އެހެން ގޮތެއް ނެތިގެން، ހަމަ ސީދާ އަމިއްލަ ފައިދާއަށެވެ. ޕާޓީގެ އެތެރެއިން ވެސް އެއް ބައެއްގެ ހިތުގައި އޮތީ ހަމަ އެފަދަ އަމިއްލަ އެދުމުން ފުރި، ބަރާވެފައިވާ ނިޔަތެވެ. ހިތާ ދެކޮޅަށް، ޖޭޕީ އާއި ގާސިމްގެ ގަބޫލުކުރުންތަކާ ހިލާފު އެތައް ކަމަކަށް ދީލައިލަން މަޖުބޫރުވާނެ ހާލަތެކެވެ.

އެ ތިލަފަތުގެ އަނެއް ފަރާތުގައި އޮތީ ރައީސް ސޯލިހުގެ ދައުވަތެވެ. ކޮޅުކެހި ނުލިބި، ރިޔާސީ ދައުރެއް ފުރިހަމަ ކުރާ ކޯލިޝަން އިތުރު ފަސް އަހަރަށް ގެނައުމުގެ ފުރުސަތެވެ. ފަހަތުގައި އޮވެ ނަމަވެސް، ދެވަނަ ބުރެއްގެ ރިސްކު ނުނަގައި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބޭކާރު ކޮށްނުލައި، އެއް ބުރުން، ޖޭޕީގެ ހިއްސާ އޮތް ސަރުކާރެއް އަނެއްކާ ވެސް ގާއިމުކުރުމެވެ.

ރާއްޖޭގެ ސިޔާސީ ތާރީހުގައި ޖޭޕީން މިހާތަނަށް ކުޅުނީ "ކިންގްމޭކާ" ގެ ރޯލެވެ. އެކަމަކު ގާސިމް ތަކުރާރުކޮށް ވިދާޅުވާ ވާހަކައެއް އޮވެ އެވެ. ޖޭޕީން މިހާތަނަށް ނިންމި ކޮންމެ ނިންމުމަކީ ރައްޔިތުންނާއި ގައުމުގެ ލާބައާއި މަންފާއަށް ނިންމި ނިންމުންތައް ކަމަށެވެ.

މިހާރު އަނެއްކާވެސް މިވަނީ އެ ވަގުތު ޖޭޕީއާ އަރާހަމަކޮށްފަ އެވެ. ޖޭޕީގެ ނިންމުމަށް މުޅި ގައުމުގެ ކަޅި ހުއްޓިފައިވާއިރު، އެއް ކަމެއް ހަނދާނުގައި ބަހައްޓަންޖެހެ އެވެ. "ކިންގްމޭކާ" ގެ ބަދަލުގައި ސީދާ "ކިންގް" އަށް ވެވިދާނެ ހެއްޔެވެ؟