26 ފެބުރުވަރީ 2023 - 12:52 1
މުހައްމަދު ޝަހްޒާން
26 ފެބުރުވަރީ 2023 - 12:52 1
ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މުއައްސަސާއިން މިއަދު މީޑިއާތަކަށް ފޮނުވި ކުރު ބަޔާނެއްގައި ބުނީ މިހާތަނަށް އެފަދަ މައްސަލެއް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެ މައްސަލައިގައި އެއްވެސް މީހަކާ ސުވާލުކޮށްފައި ވާނެތޯ މި ނޫހުން ސުވާލު ކުރުމުން ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފަ އެއް ނުވެ އެވެ.
ހުޅުމާލޭ ފާޅުތެރޭގައި އޮތް ސަފާރިއެއްގައި އަންހެނަކު ރޭޕުކުރިކަމަށް ބުނާ ވާހަކައެއް ތިލަވެފައި މިވަނީ ފޭސްބުކުގައި ބިދޭސީން ތިބޭ ގުރޫޕެއްގައި މީހަކު ލިޔުނު ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ އޭނާގެ ރައްޓެހިންތަކަކާ އެކު ހުޅުމާލޭގެ މަގެއްގެ މަތީގައި ހުއްޓައި އަންހެނަކު ދުވަމުން އައިސް ވަކި ހިސާބަކަށް ހުއްޓުމުން ވީކިހިނެއްތޯ ބެލުމަށް އެމީހުން ގޮސް އޭނާއާ އަރައި ހަމަވިއިރު، އޭނާ ހުރީ ވަރަށް ހާސްވެފައި ކަމަށާއި އޭރު އޭނާ ތުރުތުރުއަޅަމުންދިޔަ ކަމަށެވެ.
އެއީ ބިދޭސީއެއް ކަމަށާއި އޭނާއަށް އެހާލަތު ކުރިމަތިވެފައި ހުރީ ސަފާރީއަކަށް އޭނާ ގެންގޮސް މަސްތުވާތަކެތި ދިނުމަށްފަހު ގިނަ ބަޔަކު ވެގެން އޭނާ ރޭޕު ކުރުމުން ކަމަށް އެމީހުން ގާތުގައި އޭނާ ބުނި ކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެހެންނަމަވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރަން ނަސޭހަތްތެރިވުމުން އެކަން އެގޮތަށް ކުރަން އޭނާ ބޭނުން ނުވި ކަމަށް ވެސް އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
Comment