Advertisement

ތިރީސް ގައުމެއްގަައި ނެޓްފްލިކްސް ސަބްސްކްރިޕްޝަން ފީ އަގު ހެޔޮކޮށްފި

25 ފެބުރުވަރީ 2023 - 16:53 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އިތުރުވަމުންދާ ސްޓްރީމިން ސާވިސްތަކުގެ ސަބަބުން ނެޓްފްލިކްސް އަށް އަންނަނީ ހުރަސްތަކާއި ކުރިމަތިވަމުން


ތިރީސް ގައުމެއްގަައި ނެޓްފްލިކްސް ސަބްސްކްރިޕްޝަން ފީ އަގު ހެޔޮކޮށްފި

25 ފެބުރުވަރީ 2023 - 16:53 0

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި އެ ކުންފުނިން 30 ގައުމެއްގެ ސަބްސްކްރިޕްޝަން ފީ އަގު ހެޔޮކޮށްފި އެވެ.

މިގޮތުން ސަބްސްކްރިބްޝަން ފީ އަގުހެޔޮކުރި ބައެއް ގައުމުތަކަކީ ޔަމަން، ޖޯޑަން، ލީބިޔާ، އީރާން، ކެންޔާ، ކްރޯއޭޝިއާ، ސްލޮވޭނިއާ، ބަލްގޭރިއާ، ނިކަރަގުއާ، އެކުއަޑޯ، ވެނެޒުއޭލާ، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި ފިލިޕީންސް އެވެ.

ނެޓްފިލްކްސް އިން ބައެއް ގައުމުތަކުގެ ސަބްސްކްރިޕޝަން ފީ އަގު ހެޔޮކޮށްފައި މިވަނީ އެހެން ސްޓްރީމިން ސާވިސް ތަކުން އެ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ އަގު އުފުލަމުންދާ ވަގުތެއްގަ އެވެ. ހުދު ނެޓްފިލްކްސްގެ އިސް ވެރިން ވެސް ވަނީ މިދިޔަ މަސްތެރޭ އަގު އުފުލުމުގެ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ނެޓްފްލިކްސްގެ ކޮންޓެންޓް އިތުރުކުރުމަށް އަގު އުފުލޭނެ މާކެޓްތައް ބަލަމުން ދާކަމަށް އެކުންފުނީގެ ކޯ-ޗީފް އެގްޒެކެޓިވް ގްރެގް ޕީޓާސް ބުނެފައިވެ އެވެ.

ސްޓްރީމިން ސާވިސްގެ އެންމެ ކުރީގައި އުޅޭ ކުންފުނީގެ ލަގަބު ނެޓްފްލިކްސް އަށް ލިބިފައިވީ ނަމަވެސް، އިތުރުވަމުންދާ ސާވިސްތަކުގެ ސަބަބުން ނެޓްފްލިކްސް އަށް އަންނަނީ ހުރަސްތަކާއި ކުރިމަތިވަމުންނެވެ.

އެގޮތުން އެޕަލް، އެމެޒޯން އަދި ޑިޒްނީ ފަދަ ބޮޑެތި ކުންފުނިތައް މި މާކެޓަށް ނިކުތުމާއެކު މިދިޔަ އަހަރުގެ ކުރީ ކޮޅު އެކަނިވެސް ނެޓްފްލިކްސް އަށް ވަނީ 1.2 މިލިއަން ސަބްސްކްރައިބާސް ގެއްލިފަ އެވެ.

އެހިސާބުން ފެށިގެން އެކުންފުނިތަކަށް ވުރެ ކުރި އެރުމަށް އަދި ނެޓްފްލިކްސް ބޭނުންކުރާ މީހުންނަށް އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ އިތުރު ގޮތްތައް ދެނެގަތުމަށްޓަކައި މިދިޔަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން އިސްތިހާރު އަރާ ގޮތަށް ހެޔޮ އަގެއްގެ ސަބްސްކްރިޕްޝަނެއް ތައާރަފުކުރި އެވެ. އަދި އިތުރު ފަރާތްތަކަށް އެކައުންޓް ޝެއާ ކުރާނަމަ އިތުރު ފީއެއް ދައްކަންޖެހޭ ގޮތަށް ނެޓްފްލިކްސް އިން ހެދި އެވެ.

މި ބަދަލުތަކާ އެކު މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދުވަނީ އިތުރުވެފަ އެވެ. ނަމަވެސް އަގުތައް ދަށްކުރުމުގެ ސަބަބުން އެވަރެޖްކޮށް ބޮލަކަށް ޖެހޭ އަދަދު ވަނީ 2021 ވަނަ އަހަރަށް ވުރެ މަދުވެފަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު 190 ގައުމަކުން 231 މިލިއަން މީހުން ވަނީ ނެޓްފްލިކްސް އަށް ސަބްސްކްރައިބްކޮށްފަ އެވެ.

މިމަހުގެ ކުރީކޮޅު ބައެއް ގައުމުތަކުގައި އެކައުންޓް ޝެއާކުރެވޭ ނިޒާމަށް ބަދަލުގެނެސް އެކައުންޓް ޝެއާ ކުރުވޭ ވަރު ވަނީ އެކުންފުނިން ލިމިޓްކޮށްފަ އެވެ. ނެޓްފްލިކްސް އިން ބުނެފައިވަނީ މިކަމުގެ ސަބަބުން ބައެއް މީހުން ނެޓްފްލިކްސް ދޫކޮށްލުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ނަމަވެސް އެކުންފުނީގެ އަމާޒަކީ ކޮލެޓީ މޮޅު ކޮންޓެންޓުތަކުގެ ބޭނުމުގައި އެފަރާތްތައް އަނބުރާ ގެނައުން ކަމަށެވެ.

ވާދަވެރި އިތުރު ކުންފުނިތަކުގެ ސަބަބުން އަދި ޔޫޒާސް އިތުރުކުރުމުގެ ބޭނުމުގައި މީގެ ކުރިން ވެސް ނެޓްފްލިކްސް އިން ވަނީ އެކި ސަރަހައްދުތަކުގައި އަގު ހެކޮށްފަ އެވެ.