Advertisement

ޗަސް، ޗިސް، ޗީސް، ޗޮސް، ޗޯސް، ޗުސް، ޗޫސް

24 ފެބުރުވަރީ 2023 - 07:10 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ޗަސް، ޗިސް، ޗީސް، ޗޮސް، ޗޯސް، ޗުސް، ޗޫސް

24 ފެބުރުވަރީ 2023 - 07:10 3

މަސައްކަތުގެ މާހައުލުގައި ކުރި މަޝްވަރާއެކެވެ. ކުރަމުންދިޔަ މަސައްކަތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކޮމިކު ހުންނަ ވައްޓަފާޅިއަށް އެއްޗެއް ތައްޔާރުކުރުމުގެ ވާހަކަ އެވެ. ނަމޫނާތަކެއް ކަމަށް ބެލީ އެހެނިހެން ބަސްބަހުން ހަދާފައިހުރި ބައެއް ކޮމިކުތަކެވެ. ލިޔުންގަނޑަށް ބަލާއިރު އެންމެ ބޮޑަށް އަޅައިގަތީ ކޮންމެ ކަމެއް ކުރާއިރުވެސް އެކުރާ ކަމެއް ސިފަކުރުމަށް ލިޔެފައި ހުންނަ ލަފުޒުތަކެވެ. ހާއްސަކޮށް އަޑުތަކާއި ގެންނަ ހަރަކާތަކުން ނިކުންނަ ނަތީޖާ އެވެ.

މިސާލަކަށް ހަޅޭއްލަވައިގަންނަ އަޑާއި، އެއްޗެއް ތަނެއްގައި ބަހައްޓާ އަޑާއި، އެއްޗެއް އޮއްސާލާ އަޑާއި، ތަޅައިގެންދާ އަޑާއި، ދުވެލީގެ ހަލުވި އަދި ލަސްމިން ބުނެދޭ އަޑުތައް ފަދަ އަޑުއަޑެވެ. މިހާހިސާބުން ފެންމަތިވި ސުވާލަކީ، މިފަދަ އިސްތިއުމާލުތަކަށް ދިވެހިން ކިޔާނޭ އެއްޗެއް އޮތްތޯ ނެތްތޯ ކުރެވުނު ސުވާލެވެ. އަޅުގަނޑަކީ އެއްކަލަ، ދިވެހި ބަސްދެކެ "ކަނުލޯބިވާ" ކަމަށް ނަންވެފައި އޮންނަ މީހާ ކަމުން ވަގުތުން އާނދޮގޭ ބުނެ މާދަރީ ބަސް ދިފާއު ކޮށްފީމެވެ. ބައެއް މިސާލުވެސް ކިޔައިދިނީމެވެ. އަދި، ވަރަށް ލޯބިން ރައްކާކޮށްގެން ގެންގުޅޭ "ދަގަތަ ޕަބްލިޝަރސް"ގެ ދިވެހި ކޮމިކު ފޮތްބައި "ވާތުރު" އިން މިސާލު ދެއްކީމެވެ.

އެހެންނަމަވެސް ޤަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ މި ފަދަ އަޑުއަޑަށާއި ހަރަކާތްތައް އަދި ތަކެތި ސިފަކުރަން ދިވެހިން ދީފައިވާ ނަންތައް ބޭނުންކުރާ މިންވަރު ނިސްބަތުން މަދު ކަމެވެ. މި ފަދަ ނަންނަން ބޭނުންކުރުމުން އެ އިސްތިޢުމާލެއް ކަންފަތާއި ދުލަށް ބީރައްޓެހިކަމެވެ. އެ ޙަޤީޤަތް ޤަބޫލުކުރާ ހާލު ދެން އަޅުގަނޑު މި މަސައްކަތްކުރަނީ މިއަދުގެ ދިވެހީންނަށާއި ޚުދު އަޅުގަނޑުގެ އަމިއްލަ ނަފުސަށް ވެސް އެ ފަދަ ބައެއް ލަފުޒު ހަނދާން ކޮށްދިނުމަށެވެ. މިއަދު ޚާއްޞަކޮށްލާނީ "ޗ"ގެ ރަދީފުގައި ވާ މި ފަދަ ލަފުޒުތަކަށެވެ.

ފުރަތަމަ ލަފުޒަކަށް "ޗަސް" ނަގަމާ ހިންގަވާށެވެ. ދިވެހި ބަސްފޮތުގައި މި ލަފުޒަށް ހަތަރު މާނައެއް ދީފައިވެ އެވެ. އެއް މާނައަކީ "ދޮންކޭލާއި ފަޅޯ ފަދަ ތަކެތި ދޮންވެގެންގޮސް އެތެރެ ގިރޭވަރަށް ވާ، ފާ" މިއެވެ. ދެވަނަ މާނައަކީ، "ބައެއް އެއްޗެހި ކައްކާއިރު މާބޮޑަށް މަޑުވީމާ ހުންނަ ގޮތް"އެވެ. ތިންވަނަ މާނައަކީ "ފަސްހުންނަ ތަނަކަށް ދިޔާއެއްޗެއް މާ ގިނައިން އެޅުނީމާ ވާގޮތެވެ". ހަތަރު ވަނަ މާނައަކަށް ލިޔެފައި އޮންނަނީ "ޗޮސް ގޮތް ހުރިކަން" މިއެވެ. އެންމެ ފަސޭހައިން ހަނދާން ހުންނާނެ އެއްގޮތަކީ ޗަސްބިން ހުންނަ ގޮތް ހަނދާންކުރުން ކަމަށް ވެދާނެ އެވެ. މިސާލަކަށް ކޮމިކެއް ކަހަލަ އެއްޗެއްގައި ޗަސް ތަނެއްގައި ހިނގާފައި ދާއިރު ގޮވާ އަޑު ސިފަކުރުމަށް، މިސާލަކަށް އިނގިރޭސި ކޮމިކުތަކުގައި "ސްކުއެލްޗް" squelch އެ ބޭނުންކުރާ މޭރުމުން މި ލަފުޒު ބޭނުންކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މިއާ ގުޅެ ބައެއް ލަފުޒުތަކުގެ ތެރޭގައި "ޗަސްޖެހުން" އަދި "ޗަސްތެޅުން" ހިމެނެއެވެ. ޗަސްތެޅުމަކީ ކިލާ ނުވަތަ އެނޫންވެސް ހަޑި އެއްޗަކުން ތަތްތެޅުމެވެ. ޗަސްޖެހުމަކީ "ދޫ މަތީތަލީގައި ޖައްސާލާފައި ގޮއްވާލާ އަޑެއް ގޮއްވުމެވެ." މި އަޑު ގޮއްވަނީ ނުރުހުމާއި ފޫހިކަން ދެއްކުމަށެވެ. މިއަށް ޗޮސް ނުވަތަ ޗޮއްގޮއްވުމޭ ވެސް ކިޔައި އުޅެ އެވެ.

ހަމަ އެފަދަ އަނެއް އަޑެވެ. އަނެއްކާވެސް "ޗ" އެވެ. ބަސްފޮތް ބުނާ ގޮތުން ޗިހަކީ، ފިތިގެންވާ ފިހެވެ. ދިޔާއެއްޗެއް ކުއްލިޔަކަށް ނިކުންނަ ނިކުތުމެވެ. މިސާލެއް ކަމުގައި ލިޔެފައި އޮންނަނީ "އޭނާގެ ލޮލުން ޗިސްލާފައި ކަރުނަ އަތުވެއްޖެ އެވެ" މިހެންނެވެ. ތަންކޮޅެއް ބީރައްޓެހި މިސާލެއް ދެއްތޯ އެވެ. ދެން އޮތް މާނައަކީ، ތަތްކަމެއް ނުވަތަ ތެތްކަމެއް ހުރި މުރަނަކަމެއް ނެތް އެއްޗެއް ވާ ކުދިކުއްޖެވެ. މި ލަފުޒުގެ މަސްދަރަކީ ޗިސްކުރުމެވެ. ޗިސްކުރުން މި ލަފުޒު ގަދަކުރުމަށް އެ ލަފުޒު ފަށްކޮށްފައި ޗިސްޗިސްކުރުމޭވެސް ކީދާނެ އެވެ. މިސާލަކަށް ބިންމަތީ ވެއްޓިފައި އޮތް ކިރު ޕެކެޓަކަށް ފައިން އެރިގެން އެ ޕެކެޓު ފަޅައިގެން ގޮސް، އޭގައި ހުރި ކިރު ބަންޑުން ވާނީ ޗިސްލާފައެވެ. ފެންތައްޓެއް ބޯން ހުއްޓާ މީހަކު ހެއްވާލުމުން، އަނގައިގައި ހިފަހައްޓަން މަސައްކަތްކުރި ފެންތައް ނިކުންނާނީވެސް ޗިސްލާފަ އެވެ. ފެންވަރާ މާގަނޑު ދޫކޮށްގެން ހުއްޓާ ހޮޅި ފަޅައިގެންގޮސް ފެންތައް ނިކުންނަން ފަށާނީވެސް ޗިސްލާފަ އެވެ.

ދެން އޮތީ "ޗީޗީ" އެވެ. ތަންކޮޅެއް ދަންނަ ލަފުޒެކެވެ. މާނައަށްވެސް އަޅުގަނޑުމެން އަހުލުވެރި އެވެ. މިއީ ހަޑިމުޑުދާރުކަން ދޭހަކުރަން ބުނެއުޅޭ ބަހެކެވެ. އެއްޗެއް ދެކެ ނުވަތަ މީހަކު ދެކެ ފޫހިވާކަން އެންގުމަށްވެސް މި ބަސް ބޭނުންކުރެވިދާނެ އެވެ.

"ޗުކުޗުކުލެއްވުން" ނުވަތަ "ޗުކުޗުކުއެޅުވުން" މިއީ، މީހެއްގެ ގާތު އެހެން މީހުނަށް ނީވޭ ވަރަށް ސިއްރު ސިއްރުން ވާހަކަތަކެއް ދެއްކުން ކަމުގައިވާ ހިނދު، މިއީ އިނގިރޭސި ކޮމިކުތަކުގައި "ބްލާ! ބްލާ!" Blah! Blah! އޭ ބުނާ ޙާލަތްތައް ދެއްކުމަށް ދިވެހިންނަށް ގެންގުޅެވިދާނެ ލަފުޒެއް ނޫންތޯއެވެ؟ ކުރީގެ މަޝްހޫރު ދިވެހި މަޖައްލާތައް ކަމުގައިވާ "އާބާރު" އަދި "އާދިރުން" ފަދަ މަޖައްލާތަކުގައި ކުރެހި ކޮމިކުތަކުގައި ސިފަކުރުމުގެ ގޮތުން މި ލަފުޒު ބޭނުންކޮށްފައިވާތީވެސް ފެންނާން އެބަހުއްޓެވެ.

"ޗުސް" އަކީ އެތެރޭގައި ހުންނަ އޮލަ އެއްޗެއް ކުއްލިއަކަށް ނިކުންނަ ގޮތާމެދު ބުނެއުޅޭ ގޮތެކެވެ. ހަމައެކަނި އޮލައެއްޗެއްސެއް ނޫނެވެ. ދިރޭ ތަކެތިވެސް އެތެރޭގައި ތިބެފައި ކުއްލިއަކަށް ނިކުމެއްޖެނަމަ މިހެން ބޭނުންކުރެއެވެ. މިސާލަކަށް ބިސް ތެޅުނީމާ ބިހުގެ ލޮނދިގަނޑު ނިކުންނާނީ ޗުސްލާފަ އެވެ. ގޯޅިއެއްގެ ކަންމަތިން ސައިކަލު ލަނބާލި ތަނާ ކުއްލިއަކަށް އެ ތަނުން ކުއްޖަކު ނިކުންނަތަން ފެންނާނީވެސް ޗުސްލާފަ އެވެ. ދަތް އުނގުޅާ ބޭސްފުޅި އަކަށް މާ ބާރަށް ފިތާލުމުން އޭގެ ތެރެއިން ބޭސްތައް ނިކުންނާނީވެސް ޗުސްލާފަ އެވެ.

ދެން މި އޮތީ "ޗޫސް" މި ލަފުޒެވެ. ދެ މާނައެއް އޮވެ އެވެ. ފުރަތަމަ މާނައަކީ މާބޮޑަށް ކުޅިއެއްޗެތި ކެވުނީމާ އަނގައިން ގޮއްވޭ އަޑެކެވެ. ދެވަނަ މާނައަކީ ބާރަށް ދެމިގަނެގެންދާ ދިއުމަށް ކިޔައިއުޅޭ ބަހެކެވެ. މިތަނުން ފުރަތަމަ މާނަ ދޭހަވާ، މިއަށްވުރެ އަޅުގަނޑުމެނަށް ފަރިތަ ލަފުޒެއްވެސް އޮވެ އެވެ. އެއީ "ޗޯސް"އެވެ. މީގެ ވެސް އެއް މާނައަކީ މާބޮޑަށް ކުޅިއެއްޗެތި ކެވުނީމާ އަނގައިން ގޮއްވޭ އަޑެކެވެ. އަނެއް މާނައަކީ ތަނަކުން ފެން ނުވަތަ ދިޔާއެއްޗެއް ފައިބާއިރު އިވޭ އަޑެވެ. މިތަނުން ފުރަތަމަ ލަފުޒު "ޗޫސް"ގެ ވަރަށް ރީތި މިސާލެއް އޮންނާނެ އެވެ. މިހާރު ލަވައެއް ފަށާއިރުވެސް ކިޔަ އެވެ. "ހަނަކުން ވިއްޔާ ކިޔާނީ އެއްލަވަ- ޗޫސް ޗޫސް" މިއެވެ. މިތަނުގައި މި ސިފަކުރަނީ، ވަޅި އާއި އެ ނޫންވެސް އެފަދަ ތަކެތި ތޫނުކުރަން ހަނުލާއިރު އެކިޔާ "ޗޫސް" އަޑެވެ.

މިއީ ހަމަ އެންމެ އަކުރެއްގައި ހުރި ސިފަކުރާ ލަފުޒުތަކެކެވެ. އެވެސް އެންމެ މަދު ލަފުޒު ފެންނާންހުރި އެއް އަކުރެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހޯދައި ބަލަން ކެރިއްޖެއްޔާ މި ފަދަ ކިތަންމެ ލަފުޒަކާއި އެ ލަފުޒުތަކުގެ އިސްތިޢުމާލު އަޅުގަނޑުމެންނަށް ފެންނާނޭ ވާހަކަ އެވެ. ދެން އެ ލަފުޒުތަކަށް ފަރިތަވެ އަހުލިވެރިވުން އެއީ އަޅުގަނޑުމެންގެ މަސައްކަތެއް ނޫންތޯ އެވެ. އަހުލިވެރިއެއް ނޫނޭ ކިޔައި އެ ލަފުޒު ބޭނުންނުކުރުން އެއީ ހައްލެއްތޯ އެވެ؟ އަމިއްލަ ތަޖުރިބާއިން ދަރުސް ލިބިގަންނަން ހިންގަވާށެވެ. އަހުލުވެރި ނޫން ލަފުޒެއް ޢާއްމު ނުކުރެވޭނެއޭ ބުނެ ޒުވާބު އިއްވާ މީހުންނަށް އަޅުގަނޑު ދޭން އޮތް ރައްދަކީ މިއީ އެވެ. ތިޔަހެން ނުވާނޭ ނަމަ ރާއްޖޭގެ މުޅި އާބާދީއަށް "ފައްސި" އަދި "ނައްސި" ދަސްނުވީހެވެ.