Advertisement

ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ

23 ފެބުރުވަރީ 2023 - 00:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ - ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ


ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ

23 ފެބުރުވަރީ 2023 - 00:49 1

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ, 55, މިރޭ އަވަހާރަވެއްޖެ އެވެ.

ރިޒާ އަވަހާރަވިކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ކަށަވަރުކޮށް ދިނެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. މިއީ އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ ތިން ވަނަ ދައުރެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ޕްރެކްޓިސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން އަދާކުރައްވައިފަ އެވެ. އަދި އޭރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

ދެ ހާސް ނަވާރަ ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކ. ގުރައިދޫ އަށް އުފަން ރިޒާ، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު، އާދިލް ސަލީމްއާ ވާދަކުރައްވައިގެންނެވެ.

ރިޒާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެމްބަރެކެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވެވި އެވެ.

ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ޑިސެމްބަރު 14، 2021 ގައި އަވަހާރަވި އެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.