Advertisement

ވެމްކޯއިން އާމްދަނީ ހޯދަން ކަމަށް ބުނެ ޅޮސްފުއްޓާއި ހިންމަފުށީ ފަޅުން ބައެއް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ

18 އޮގަސްޓު 2025 - 14:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް: ކުނި މެނޭޖްކުރުމުގެ ބަދަލެއްގެ ގޮތުން ޅޮސްފުއްޓާއި ހިންމަފުށީ ފަޅުން ބައެއް ތަރައްގީކުރަން ވެމްކޯއިން އިންވެސްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް


ވެމްކޯއިން އާމްދަނީ ހޯދަން ކަމަށް ބުނެ ޅޮސްފުއްޓާއި ހިންމަފުށީ ފަޅުން ބައެއް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ

18 އޮގަސްޓު 2025 - 14:34 0

ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލެއްގެ ގޮތުން ބިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުރައިދޫގެ އިހުތިސޯސުގެ ތެރޭގައި އޮތް ޅޮސްފުއްޓާއި ކ. ހިންމަފުށީ ފަޅުން ބައެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ވެމްކޯއިން އިއުލާނުކޮށްފި އެވެ.

މި މަހު ތިންވަނަ ދުވަހު ވަކިވަކިން ކުރި ދެ އިއުލާނުގައި ބުނެފައިވަނީ، ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން އެ ދެ ތަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން ޖެހޭ ކަމަށެވެ. ހިންމަފުށީ ފަޅުން ތަރައްގީ ކުރަނީ ކޮން ސަރަހައްދެއްކަން އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

އެ ދެ ތަން ތަރައްގީ ކުރަނީ ޓޫރިޒަމްގެ ބޭނުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެ އެވެ. އެތަނަށް އިންވެސްޓުކޮށް ތަރައްގީ ކުރަން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކަށް އޮތީ އޮގަސްޓު 27، އެވެ.

މިކަމާ ގުޅިގެން ވެމްކޯގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ނަމަވެސް، "މިހާރު" ނޫހާއި ވާހަކަދައްކަވަމުން މުޖުތަބާ ވަނީ އެތަންތަން ތަރައްގީކޮށް ހިންގާނީ އިންވެސްޓް ކުރާ ބައެއް ކަމަށާއި ވެމްކޯއަށް ލިބޭނީ އާމްދަނީގެ ބައެއް ކަމަށް ވިދާޅުވެފަ އެވެ. މިގޮތަށް ހޯދާ ބިންތަކުގައި ތަންތަން ތަރައްގީކޮށްގެން ވެމްކޯއިން އާމްދަނީ ހޯދަނީ ކުނި މެނޭޖްކުރުމަށެވެ.

މި ނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި ވެމްކޯއިން ދަނީ މި ހުށަހެޅުން ހިމަނައިގެން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ކައުންސިލްތަކަށް އެގްރީމެންޓު ފޮނުވަމުންނެވެ. ސަރުކާރު ކުންފުންޏެއް ކަމުން ބިންތައް ހިލޭ ދިނުމަށް އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ގެސްޓްހައުސް އެޅުމަށް ބިން ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ އެއް ރަށަކީ މާލެ ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރީގައި މަޝްހޫރު ތުލުސްދޫ އެވެ. އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާކަން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ވެމްކޯ އަކީ މި ފަހުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަން ނިންމި ސަރުކާރުގެ ދެވަނަ ކުންފުންޏެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން ނިންމާ އެ ރަށުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެކަމާ ގުޅިގެން އާންމުންނާއި އިދިކޮޅު ސިޔާސީންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުން އަދި ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މިނިސްޓަރުންގެ ނުރުހުނަސް، އެ މަޝްރޫއު އިއުލާނުކޮށް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ޔޫޓިލިޓީ ކުންފުނިތައް ހިންގަނީ އާމްދަނީ އާއި ފައިދާ އިތުރުކުރުމުގެ މަގުސަދުގައެއް ނޫނެވެ. އެފަދަ ކުންފުނިތަކުން ކުރަނީ ސަރުކާރުން މެންޑޭޓް ކުރާ ކަންކަން އެކަންޏެވެ. އެކި ވިޔަފާރިތަކަށް ވަދެ އާމްދަނީ އިތުރުކުރުމަކީ ކުރާ ކަމެއް ނޫނެވެ.