Advertisement

ދަރަންޏާ ގުޅޭ ގަރާރުގެ ބަހުސް ހޫނުވެ، ޔައުގޫބްގެ ނަން އިއްވައިފި

22 ފެބުރުވަރީ 2023 - 10:09 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ؛ އޭނާގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްފައި-- ފޮޓޯ: މަޖިލިސް


ދަރަންޏާ ގުޅޭ ގަރާރުގެ ބަހުސް ހޫނުވެ، ޔައުގޫބްގެ ނަން އިއްވައިފި

22 ފެބުރުވަރީ 2023 - 10:09 0

ފާއިތުވި ދިހަ އަހަރު ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާއި އެ ދަރަނި އަދާ ކުރުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ހޫނުވެ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވައިފި އެވެ.

މި ގަރާރުގެ ބަހުސް މިއަދުގެ ޖަލްސާގައި ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެއާއެކު ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެގޮތުން، ހޮޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ތަކެތީގެ އަގު އުފުލިފައިވާ މިންވަރު ދިވެހި ރައްޔިތުންނަށް އިހުސާސްވާ ކަމަށް ވިދާޅުވެފަ އެވެ.

އިލްޔާސް ލަބީބް ވާހަކަ ދައްކަވަމުން ގެންދެވިއިރު، މެންބަރު ޔައުގޫބް އަޑު ގަދަ ކުރައްވަމުން ގެންދަވާތީ އޭނާއަށް ވެސް އިލްޔާސް ވަނީ ރައްދު ދެއްވައިފަ އެވެ.

"ކިރު ދަޅުން ބޮޑުވި ވަރު އެ މީހުންނަށް އެނގޭ، ޔައުގޫބް ދާއިރާގެ ދާންދޫ ރައްޔިތުން ކަންބޮޑުވޭ..." އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ބަހުސް ހުއްޓުވުމަށްފަހު އަލުން ފުރުސަތު ދެއްވައިފަ އެވެ. އެއަށްފަހު މެންބަރު ޔައުގޫބް ވަނީ ތަޅުމުގައި ވަރަށް ބޮޑަށް އަޑު ގަދަ ކުރައްވައިފަ އެވެ.

ނަޝީދު ވަނީ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ޔައުގޫބަށް ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގައިފަ އެވެ.

ޔައުގޫބް ތަޅުން ދޫކުރެއްވުމަށް ފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ ވެސް ވަނީ އަޑު ގަދަ ކުރައްވައިފަ އެވެ. ނަޝީދު ވަނީ "އެ މަގަށް ނުގެންދެވުމަށް" އިލްތިމާސް ކުރައްވައިފަ އެވެ.

ގަރާރުގައި އޮތީ ކީކޭ؟

މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އެ ގަރާރުގައި ވަނީ 2003 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތުގެ އިތުރުން ތިން އަހަރު ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފަޔަކަށް އެދި އޮގަސްޓު، 10، 2020 ގައި ރިޔާސަތުން ހުށަހެޅި ކަމަށާއި އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު 2020، ގައި ފާސްކޮށްފައި ވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އެ ރިޕޯޓުގައި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި އެ ބެލެހެއްޓުމުގައި އަމަލު ކުރަމުން ދާގޮތް އިތުރަށް ހަރުދަނާ ކުރުމަށް ލަފާ ދީފައިވާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން ދައުލަތަށް ލަފާ އަރުވައި ފާސްކުރި ރިޕޯޓުގައި ހިމެނެނީ:

  • ދަރަނި ރީ ސްޓްރަކްޗާ ކުރާނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުން
  • އެ ކޮމިޓީގެ މަސައްކަތަށް ގާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުން
  • އެ ކޮމިޓީއާ ހަވާލު ކުރާ މަސައްކަތްތައް އަށް މަސްދުވަހުގެ ތެރޭގައި ނިންމުން
  • އެ ކޮމިޓީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުން
  • ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތައް މޮނިޓާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން
  • ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރަމުން ގެންދިއުން
  • ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ މުރާޖާ ކުރުން
  • ދަރަނީ ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ނަތީޖާ ހާސިލު ކުރެވޭނެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މަޖިލީހާ ހިއްސާ ކުރުން

އެގަރާރުގައި ވަނީ ރިޕޯޓުގައި ހުރި ކަންކަން އެގޮތަށް ކުރުމަށް ގޮވާލައި، އެ ރިޕޯޓުގައި ހުރި ކަންކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.