22 ފެބުރުވަރީ 2023 - 09:20 0
އަހުމަދު އާއިދު
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ -ފޮޓޯ: ހޯމް މިނިސްޓްރީ
22 ފެބުރުވަރީ 2023 - 09:20 0
ދިވެހިރާއްޖެ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރާންވީ އެކަކު އަނެކަކަށް ބަދުނާމާއި ތުހުމަތުކުރުމުގެ ބަދަލުގައި އެކަކު އަނެކު އަތުގުޅާލައިގެން އެކަތިގަނޑެއްގެ ގޮތުގައި ދެކިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށްޓައި ބ. ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ދިވެހި އަބުތޯލުންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ އެ ލާމަސީލު ސިފަތައް ކަމަށާއި "އަޅުގަނޑުމެން ދަސްކުރާންވީ އަޅުގަނޑުމެންގެ ގައުމިއްޔަތުގައި ބިނާވެފައި މިވަނީ އެކަތިގަނޑަކަށް ވުމުގެ މައްޗަށް،" ކަމަށެވެ.
"އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ މަތިވެރި އަބުތޯލުން، އެއީ ރަސްގެފާނު ކަމުގައި ވިޔަސް، އަލިތަކުރުފާނު ކަމުގައި ވިޔަސް، ޝަހީދު ހުސައިން އާދަމް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ އަބުތޯލުން އެ ދެއްކެވި މަގުން ކުރިއަށް ދިޔުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އަތުގުޅާލައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް،" ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ދިވެހިންގެ އެ އެކުވެރިކަން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ފެނިގެން ދިޔަ ކަމަށާއި ކޮވިޑުގެ ރާޅުގައި ޖެހުމަށް ފަހު، އޮމާން އަމާން ބަނދަރެއް ލިބުނީ ދިވެހިންގެ ހިތުގައި އޮތް ގައުމިއްޔަތާއި އެކުވެރިކަމުގެ ވަރުގަދަކަމުގެ ސަބަބުން ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.
ރާއްޖެއަކީ ކުރިން އެންމެ ފަގީރު ގައުމުތަކުގެ ފުލުގައި ހިމެނޭ އެއް ގައުމު ކަމަށާއި ނަމަވެސް އެ ހާލަތު ބަދަލުވެފައި މި ވަނީ ދިވެހިންގެ އެކުވެރިކަމާއި ފަހި މާދަމާއެއް ހޯދަން ކުރާ އުއްމީދަށް ބަދަލެއް ނާންނާތީ ކަމަށް އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު، ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު، ދިވެހި ލޭ ހިނގާ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަށް އަދަށްވުރެ ފަހި މާދަމައެއް ގެނައުމަށް ކުރަމުންދާ އުއްމީދަކަށް ބަދަލެއް ނުގެނޭ. އަޅުގަނޑުމެންގެ އަބަދުގެ ވެސް އުއްމީދަކީ ކުރިއަށް ދިއުން، އަޅުގަނޑުމެންގެ އަބަދުގެ ވެސް އުއްމީދަކީ މިއަދަށް ވުރެ ރަނގަޅު މާދަމާއެއް ގެނައުން،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް މި ވަތޮން ހިމާޔަތްކުރަމުން ގެންދާނީ އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި ތިބެގެން ކަމަށާއި އަބަދުވެސް މި ގައުމު މިނިވަންކަން ދެމި އޮންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ އަބުތޯލުންގެ ހިދުމަތް ހަނދާންކޮށް ޒިކުރާ އާލާކުރުމަށެވެ. މިދުވަސް ނިސްބަތް ވަނީ، ދިވެހި ދައުމަށްޓަކައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.
Comment