21 ފެބުރުވަރީ 2023 - 14:21 0
މުހައްމަދު އުޝާމް
21 ފެބުރުވަރީ 2023 - 14:21 0
އިންސާފާއި މުވައްކިލުންގެ މަސްލަހަތަށް ވުރެ ފައިސާ އާއި އުޖޫރަ އިސްނުކުރުމަށް، ގާނޫނީ ވަކީލުންނަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
އަލަށް ހުއްދަދިން ގާނޫނީ ވަކީލުން ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އުޖޫރައަކާ ނުލައި ދާއިމީ ގޮތެއްގައި ގާނޫނީ ވަކީލުކަން ނުކުރެވޭނެ ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް ފައްޓަވާއިރު އާމްދަނީއެއް ހޯދުން ވެސް ދަތިވާނެ ކަމަށެވެ.
ގާނޫނީ ވަކީލުންނަށް އެކަށޭނަ އުޖޫރައެއް ލިބެން އަންނަނީ އެތައް ދުވަހަކުން ދެވޭ ހިދުމަތަކުން މުޖުތަމައުގައި އުފެދޭ އިތުބާރާއި، އެތައް ތަޖުރިބާއާއެކު ވަކީލުންގެ ގާބިލުކަން އިތުރުވެގެންކަން އަބަދުވެސް ވިސްނެވުމުގައި ބަހައްޓަވަން އުއްތަމަ ފަނޑިޔާރު އިލްތިމާސްކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވީ ގާނޫނު ވަކީލުންގެ ހިދުމަތަށް ގަބޫލުކުރެވޭ ފީއެއް ނެގިކަމުގައި ވިޔަސް، އަބަދުވެސް އިންސާފަށް ވުރެ ފައިސާ އިސްނުކުރުމަށް، އަދި މުވައްކިލުގެ މަސްލަހަތުގެ ކުރިއަށް އުޖޫރަ އިސްނުކުރުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުގެ ވަޒީފާއެއް ކަމުގައި ވިޔަސް، އަމިއްލަ ފަރުދެއްގެ ނުވަތަ ކުންފުންޏެއްގެ ވަޒީފާއެއްގެ ކަމުގައި ވިޔަސް، އަދި އަމިއްލައަށް ވަކީލު ކަމުގެ މަސައްކަތް ފަށައިގަތުން ކަމުގައި ވިޔަސް، ލިބިފައިވާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިސްކަން ދޭން ވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
"މިއިން ކޮންމެ މަގެއް އިހުތިޔާރު ކުރި ކަމުގައި ވިޔަސް މަގުސަދަކަށް ވާން ވާނީ ތިމާއާ ހަވާލުކުރެވޭ މަސައްކަތުގައި ލިބުނު އިލްމާއި ތަމްރީނުގެ އަލީގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތް ފޯރުކޮށްދިނުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ފަރުވާ ކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ހައްގެއް ގެއްލިއްޖެނަމަ އެއީ މައާފު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމާއި، އަދި އެ ކަންކަމާ މެދު އެ މީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަން ވާނެ ކަމަށް ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ދާއިރާ ކުރިއަރައިދެވޭނީ ހުރިހާ ވަކީލުން ވެސް ބަދަހިކަން މަތީ ތިބެގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ހާއްސަކޮށް އަލަށް ވަޑައިގަންނަވާ ވަކީލުންނާއި ދުވަސްވީ ވަކީލުން އެކަކު އަނެކަކަށް އިހުތިރާމު ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"މި ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ވަކީލުންގެ ކިބައިން އަޅުގަނޑު އެދެނީ މި ދާއިރާގައި ދުވަސްވީ ތަޖުރިބާކާރު ވަކީލުންނަށް އިހުތިރާމު ކުރެއްވުމަކީ އިސް ކަމެއް ކަމުގައި ދެކެވަޑައިގަތުމަށް. އަދި ހަމަމިއާއެކު މި ދާއިރާގައި ދުވަސްވީ ވަކީލުންގެ ކިބައިން އަޅުގަނޑު އެދެނީ އަލަށް ގުޅިވަޑައިގެންނެވި ވަކީލުންގެ އިނގިލިކުރީގައި ހިއްޕަވައި މަގު ދައްކަވައިދިނުމަށް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
Comment