Advertisement

އަރަބިއްޔާ ސުކޫލުގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން އަނެއްކާ ވެސް މުޒާހަރާއަށް

19 ފެބުރުވަރީ 2023 - 11:45 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަރައްބިޔާ ސުކޫލުގެ މުވައްޒަފުން މިއަދު ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން--


އަރަބިއްޔާ ސުކޫލުގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން އަނެއްކާ ވެސް މުޒާހަރާއަށް

19 ފެބުރުވަރީ 2023 - 11:45 0

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ، ބެލެނިވެރިން އަނެއްކާ ވެސް އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމައި، ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް އަރަބިއްޔާގެ ކިޔެވުން ބަދަލު ކުރި އެވެ.

އޭގެފަހުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާ އެކު އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި އެވެ.

އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ބާ ޖަމާލުއްދީން ތެޅުމުގެ މަސައްކަތް ފެށި ނަމަވެސް ސުކޫލުގެ އަމަލީ މަސައްކަތް ފެށިފައި ނުވެ އެވެ.

ބާ ޖަމާލުއްދީން ކުރިމަތީގައި މިއަދު ކުރަމުން އަންނަ މުޒާހަރާގައި ބެލެނިވެރިން ވަނީ މީގެ ދެ އަހަރު ކުރިން އިމާރާތް ކުރަން ނިންމި ސުކޫލުގެ މަސައްކަތް މިހާތަނަށް ވެސް ފެށިފައިވާ ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މަސައްކަތް މިހާރު ވެސް ހުއްޓިފައި އޮތްތަން މި ފެންނަނީ، އެހެންވީމާ ކޮން އިރަކުންތޯ މި މަސައްކަތް ފެށޭނީ، އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް، ސުވާލުތަކެއް އެބަހުރި،" މުޒަހަރާގައި ބައިވެރިވި ބެލެނިވެރިއަކު ބުންޏެވެ.

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މައްސަލަ ސިޔާސީ ކަމަކަށް ނުހަދައި ވީ އެންމެ އަވަހަކަށް ފެށުމަށް ބެލެނިވެރިން ދަނީ ގޮވާލަމުންނެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބެލެނިވެރިން މުޒާހަރާ ކޮށްފައިވެ އެވެ.

އަރައްބިއްޔާގެ އާ އިމާރާތު މަޝްރޫއު ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ސުކޫލުގައި ހަތަރު ލިފްޓު ހަރުކުރާނެ އެވެ.