Advertisement

އައިޝަތު އަލީއަށް ކުރާ ތުހުމަތު އޭސީސީއަށް ސާފުނުކޮށްދެވޭ ކަމަށް ވަކީލުން ބުނެފި

15 އޮކްޓޯބަރު 2025 - 12:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިޝަތު އަލީގެ ލޯޔަރުންގެ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: އެމްޑީޕީ


އައިޝަތު އަލީއަށް ކުރާ ތުހުމަތު އޭސީސީއަށް ސާފުނުކޮށްދެވޭ ކަމަށް ވަކީލުން ބުނެފި

15 އޮކްޓޯބަރު 2025 - 12:01 0

ކުރީ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީއަށް ކުރާ ތުހުމަތު ސާފުނުކޮށްދެވުނު ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު އަލީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައިޝަތު އަލީ މިއަދު އޭސީސީއަށް ހާޒިރުކޮށްގެން އޭނާއަށް ކުރާ ތުހުމަތު އެ ކޮމިޝަނަށް ސާފުކޮށްދޭން ގިނަ ވަގުތު ހޭދަވި ކަމަށެވެ.

އޭނާ ވިދާޅުވީ އައިޝަތު އަލީއަށް ކުރާ ތުހުމަތުގައި ބަދަލު ދޭން ލަފާދިން ކޮމިޓީގައި އިންނެވި ކަމަށް އޭސީސީސީން ބުނާއިރު އެއީ އެއްވެސް ގޮތެއް ނިންމި ކޮމިޓީއެއް ނޫން ކަމަށެށާއި އެ ކޮމިޓީގައި އައިޝަތު އަލީ ހުންނަވަނީ ދާއިމީ މެންބަރެއް ގޮތުގައި ނޫން ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ސުވާލެއް ނުކުރެވޭ. އަޅުގަނޑަކަށް ހީއެއް ނުވޭ ކުރާ ތުހުމަތު އެބޭފުޅުންނަށް ސާފުވާހެނެއް. އެއީ ވަރަށް ގިނަ ވައުދު ހޭދަވި ތުހުމަތު ސާފުކޮށްދޭން. އޭގައި އޮތް ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރިން، އެއް ކަމަކަށް ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައި އޮތް ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ނުހައްގު ބަދަލެއް ދޭން ކަނޑައެޅީ ކޮން ފަރާތަކުންތޯ. ދެން އެއަކަށް އެބޭފުޅުންނަކަށް ވަކި އެކްސްޕެލެނޭޝަނެއް ނުދެއްވުނު. ނިންމާފައި އޮތް ކަމަށް އޭގައި އޮންނަނީ. އަޅުގަނޑުމެން ފާހަގަކުރިން މިނިސްޓަރު އޭރު ބައިވެރިވީކީ ގޮތް ނިންމާ ކޮމިޓީއެއްގައެއް ނޫނޭ. އެއީ ލަފާދޭ ކޮމިޓީއެކޭ. އެހެންވީމަ އެއީ ނިންމުން ނިންމާ ތަނެއް ނޫން."

އައިޝަތު އަލީއާ އޭސީސީން ކުރީ ވަރަށް އާދައިގެ އަދި މަދު ސުވާލުތަކެއްކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ހުރިހާ ސުވާލަކަށް ވެސް ތަފްސީލުކޮށް ޖަވާބު ދެއްވި ކަމަށެވެ. ނަމަވެސް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މައްސަލަ ސާފުނުވާ ކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.

އައިޝަތު އަލީގެ ލޯޔަރުންގެ ޓީމުގައި ހިމެނޭ އައިކް އަހްމަދު އީސާ ވިދާޅުވީ މީގެކުރިން ވެސް މައްސަލައާ ގުޅިގެން މައުލޫމާތު ބަޔާނެއް އޭސީސީން ނަގާފައިވާ ކަމަށާއި އޭރު ކުރި ސުވާލުތަކަށްވުރެ މިއަދު ކުރި ސުވާލުތައް މަދު ކަމަށެވެ.

އޭނާ ވެސް ވިދާޅުވީ އޭސީސީން އައިޝަތު އަލީގެ މައްޗަށް ކުރާ ތުހުމަތު ރަނގަޅަށް ސާފު ނުވާ ކަމަށާއި ވެރިން އަންގާފައި އޮތީމަ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރާ ކަމަށް ދޭހަވި ކަމަށެވެ.

"އިންވެސްޓިގޭޓިވް އޮފިސަރުންގެ މޫނުމައްޗަށް ބަލާލީމަ ވެސް އަޅުގަނޑަށް އެނގުނު އެއްވެސް ވަރަކަށް މައުރޫފްވެސް ފާހަނގަކުރިހެން ތުހުމަތެއް އެބޭފުޅުންނަށް ވެސް ސާފެއް ނުވެއޭ. ތުހުމަތު އޮތްކަން ވެސް އެބޭފުޅުންނަށް ސާފެއް ނުވޭ. މަތިން އަންގާފައި އޮތީމަ މައްސަލައެއް ބަލަން ޖެހޭތީ ބަލަނީ. ސުވާލެއް ކުރަން ޖެހޭތީ ކުރަނީ،" އައިކް ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މި ހަފްތާ ތެރޭގައި އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ކުރާ މަސައްކަތްތަށް ގިޔަރެއް މައްޗަށް ޖައްސާލާފައި މިވަނީ އިދިކޮޅު ސިޔާސީ ހަރަކާތް ފުޅާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން ބުނަނީ ސަރުކާރުން މި ކަންކަން ކުރަމުން އަންނަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގައި ސަރުކާރަށް ވާގިވެރިވަނީ އޭސީސީން ކަމަށެވެ.