17 ފެބުރުވަރީ 2023 - 05:39 0
ސަން އައިލެންޑްގައި މިދިޔަ އަހަރު ކުރިއަށްދިޔަ އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ތެރެއިން ހުސެން.-- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2023 - 05:39 0
ރާއްޖޭގެ އިންޓަނޭޝަނަލް ބީޗްވޮލީ ރެފްރީ، ހުސައިން މުހައްމަދު (ވޮލީ ހުސެން) އަށް ބައިނަލްއަގުވާމީ ލެވަލްގައި ޝަރަފްވެރި ކުރިއެރުމެއް ލިބިއްޖެ އެވެ.
ވޮލީބޯޅަ ދުނިޔޭގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ބީޗްވޮލީ ރެފްރީން ގިންތި ކުރުމުގައި ކަނޑައަޅާފައިވާ އޮނިގަނޑުގައި ވޮލީ ހުސެއިން މީގެ ކުރިން އޮތީ ޑީ ކެޓަގަރީގަ އެވެ. އަހަރުން އަހަރަށް ރެފްރީންގެ ކަންތައްތައް ގަވާއިދުން ބަލަމުން އަންނައިރު، އެކި ފަހަރު މަތިން، ރެފްރީންގެ ކެޓަގަރީ އަށް ބަދަލު ގެނެ އެވެ. އެ ގޮތުން، އެފްއައިވީބީން މި އަހަރަށް މި ވަނީ އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާ، އޭވީސީގެ ލަފާގެ މަތިން ކުރިއެރުން ދިން އޭޝިއާގެ ހަތަރު، ރެފްރީންގެ ތެރޭގައި ހުސެއިން ހިމަނައިފަ އެވެ.
"އަސްލު އޭޝިއާ ބައްރުގައި ބައިވަރެއް ރެފްރީން އޮވެމެ، އަޅުގަނޑަށް މި ކުރިއެރުން ލިބުމުން، ގަބޫލުކުރެެވެނީ ގިނަ އަހަރުތަކެއް ވަންދެން ރަނގަޅު މަަސައްކަތްތަކެއް ކުރުމުގައި ދެމިހުރެވިއްޖެއޭ،" މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން ވިދާޅުވި އެވެ.
އެފްއައިވީބީން ބިޗް ވޮލީ ރެފްރީން ގިންތި ކޮށްފައި އޮންނަނީ ކެންޑިޑޭޓް ލެވަލުން ފެށިގެން، ގްރޭޑް ޑީ، ސީ، ބީ އަދި އޭ އެވެ. ހުސެއިން މި ވަނީ ދެ ހަރުފަތް ކަނޑަތުކޮށްފަ އެވެ.
ހުސައިންއާ އެކު، ޑީ ކެޓަގަރީން ސީ އަށް ޕްރޮމޯޓްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރެފްރީ ޚާލިދު އަލްހަންތޫބީ، ގަތަރުގެ އަހުމަދު އަބްދުﷲ އަދި އޮސްޓްރޭލިއާގެ އަންހެން ރެފްރީ ތާނިޔާ ކޮވަލްޑް އެވެ. މީގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން، އެކި ލެވަލްގައި ހޭދަކުރި ރެފްރީން ވެސް ހިމެނެ އެވެ. ރެފްރީންގެ ލެވަލް މަތިކުރުމުގައި އެފްއައިވީބީން ގެންގުޅޭ އުސޫލުތަކަށް ބަލާއިރު، އެއް ލެވަލުން އަނެއް ލެވަލަށް ދާން ނަގާ މުއްދަތް ނިސްބަތުން ބަލާއިރު ދިގެވެ.
ސަން އައިލެންޑްގައި މިދިޔަ އަހަރު ކުޅުނު އެފްއައިވީބީ ބީޗް ޕްރޯ މުބާރާތުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ރެފްރީ ހުސެއިން: އޭނާ އަށް ވަނީ ބީޗްވޮލީ ރެފްރީ ކަމުގެ ލެވަލްގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައި.--- ފޮޓޯ: އަދަދު
ހުސެއިން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ދެ އަހަރު ހޭދަކުރެއްވީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ. އެއި ކެންޑިޑޭޓް ލެވަލްގަ އެވެ. އޭނާ ޑީ އަށް ޕްރޮމޯޓްވީ 2014 ވަނަ އަހަރު އެވެ. އަންނަ އަހަރު އޭނާ ހުންނާނީ ސީ ކެޓަރީގަ އެވެ. އުންމީދަކީ އަދިވެސް ކުރިއަށް ދިއުމެވެ.
"އިތުރަށް ކުރިއަށް ދިއުން ވިސްނުމަކީ، ޔަގީނުން ވެސް ކުރިން ލިބެމުން އައި ފުރުސަތުތަކަށް ވުރެ ގިނަ މުބާރާތްތަކަށް ދާން ލިބޭނެ، އެއީ ހިތްހަމަ ޖެހުމެއް. މީގެ މި އޮންނަ ގޮތަކީ، ބީޗްވޮލީ އަކީ އަހަރެއްގެ މައްޗަށް ގިނަ މުބާރާތްތަކެއް އޮންނަ ކުޅިވަރެއް ވީމަ، މުބާރާތް އެ އޮންނަ ސަރަހައްދަކުން ރަނގަޅު ރެފްރީންނަށް ޗާންސް މި ދެނީ، ކޮންމެ ގޮތެއް ވިޔަސް، މި ބަލަނީ، ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް،" ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީކަން ދެ ދައުރު ކުރެއްވި ހުސެއިން ވިދާޅުވި އެވެ.
"ބީ އާއި އޭ ކެޓަގަރީ އަކީ ދެން އަސްލު ވަރަށް މަތި، އެ ލެވަލަށް ދިއުމަކީ ވެސް ވަރަށް މަސައްކަތް، މިހާތަނަށް ލިބެމުން އައި ފުރުސަތުތަކުގައި ރަނގަޅު މަސައްކަތެއް ކުރެވިއްޖެ، އުންމީދަކީ އަދިވެސް މި މަސައްކަތައިގެން ކުރިއަށް ދިއުން،"
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވޮލީބޯޅަ ކުޅުއްވުމުގެ އިތުރުން ރެފްރީކަން ވެސް ކުރެއްވި ހުސެއިން އެންމެ ފުރަތަމަ ކުރިއަށްދިޔައީ ވޮލީބޯޅައިގެ އިންޑޯ ރެފްރީއެއްގެ ގޮތުގަ އެވެ. އެކަމަކު، ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި ކުރިއަށްދާން ދަތިތަކެއް ހުރުމުން ފަހުން ހުސެން ހުސްވީ ރެފްރީ ކަމަށެވެ. ފުރަތަމަ އިންޑޯ ރެފްރީ އަކަށް ވުމަށް ފަހު، އޭގެ ފަހުން ބީޗް ވޮލީ އަށް ބަދަލުވީ އެވެ. ވޭތުވެދިޔަ 11 އަހަރު ބީޗްވޮލީ ރެފްރީއެއްގެ ގޮތުގައި ހުރިއިރު، ފާހަގަކޮށްލެވޭ ގިނަ މުބާރާތްތަކަށް ވަނީ ގޮސްފަ އެވެ.
މިހާތަނަށް ހުސެން ރެފްރީކަން ކުރައްވާފައިވާ ފާހަގަކޮށްލެވޭ މުބާރާތްތަކަށް ބަލާއިރު، އޭޝިއަން ގޭމްސް އާއި އޭޝިއަން ބީޗް ގޭމްސް، ކޮމަންވެލްތު ގޭމްސް، އެފްއައިވީބީ ވޯލްޑް ޓުއާ، ޖޫނިއާ ލެވެލްގެ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެ އެވެ. ހުސެން ވަނީ އެ މުބާރާތްތަކުގެ ސެމީ ފައިނަލާއި ފައިނަލް މެޗުތަކުގައި ވެސް އިންސާފުކޮށްފަ އެވެ.
ހުސެއިން ވަނީ ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ކޯހެއް ފުރިހަމަކުރައްވައި އަދި އޭނާ ވަނީ ބައިނަލްއަގްވާމީ ގޭމްސްތަކުގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓްތަކުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރައްވައިފަ އެވެ.
އިންޑިއާގެ ނިއުދިއްލީގައި، 2010 ވަނަ އަހަރު އޮތް 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ޗެފް ޑި މިޝަންގެ ޒިންމާ އުފުއްލެވި ހުސެއިން ވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގެ ރެފްރީންނާ ގުޅޭ ކަންކަމުގެ އެންމެ އިސް ފަރާތަކަށް މަސައްކަތް ކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ސްރީ ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ބީޗްވޮލީބޯޅަ މުބާރާތުގައި އިސް ރެފްރީގެ ޒިންމާ އަދާކުރީ ވެސް ހުސެން އެވެ.
Comment