Advertisement

ގުރޫޕްތަކެއް ދައުލަތެއްގެ ގޮތުގައި

17 ފެބުރުވަރީ 2023 - 06:58 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ގުރޫޕްތަކެއް ދައުލަތެއްގެ ގޮތުގައި

17 ފެބުރުވަރީ 2023 - 06:58 0

މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގައި ތިބީ އައުސް އަދި ޚަޒްރަޖް މި ދެޚާންދާނުގެ މީހުން އެކަންޏެއް ނޫނެވެ. ޝައްކެތް ނެތެވެ. މާތް ނަބިއްޔާއަށް ނަޞްރުދިނުމަށް ޢަޤަބާގެ ދެއެއްބަސްވުމުގައި ބައިވެރިވެ ބައިޢަތު ހިފީ އައުސް އަދި ޚަޒްރަޖު މި ދެގަބީލާއެވެ. އަދި މިއީ މަދީނާގެ ނުފޫޒުހުރި ބޮޑު ދެގަބީލާކަން މިހާރު ވާނީ ބަޔާންކުރެވިފަ އެވެ. އެކަމަކު މަދީނާގައި ޔަހޫދީންގެ އެތައް ގަބީލާއެއް އޭރު ދިރިއުޅެމުންދިޔަ އެވެ. އަދި ޔަހޫދީން ނޫން އެހެން ދަރިދަރިކޮޅުވެސް މަދީނާގައި ދިރިއުޅެމުންދިޔަ އެވެ.

މިއެންމެހާ ގުރޫޕްތަކަކާއެކު، އިސްލާމީ ދައުވަތުގެ މަނާރުކަމުގައި މަދީނާ، އަދި މުސްލިމުންގެ ވެރިރަށެއްގެ ގޮތުގައި މަދީނާ ބިނާކުރެއްވުމަށް މާތް ނަބިއްޔާ އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ މަދީނާގެ އެއްބަސްވުން ނުވަތަ މަދީނާގެ ލިޔުން އެކުލަވާލެއްވުމެވެ. މިލިޔުމަށް ތާރީހު އިލްމުވެރިންނާއި އެކިއެކި ލިޔުންތެރީން "މަދީނާގެ ދުސްތޫރު" ނުވަތަ "މަދީނާގެ ގާނޫނުއަސާސީ" ގެ ގޮތުގައި ނަންދެއްވައި ސިފަކުރައްވައެވެ. އެއީ މަދީނާގައި އޭރު އޮތް ގިނަ ޖަމާއަތްތައް އެއްބަޔަކުގެ ގޮތުގައި ދިރިއުޅުމަށް އެޖަމާއަތްތަކުގެ މެދުގައި އެކުލަވާލެވުނު މި ލިޔުމަކީ، ގިނަ ޖަމާއަތްތަކެއް ދިރިއުޅެމުންދާ ހަމަ ކޮންމެ ތަނެއް އެކުވެރިވެ އެއް އުންމަތެއްގެ ގޮތުގައި ތެދުވާއިރު، ފެންނާނެ ތަމައްދުނާއި ޙަޟާރަތުގެ އަސާސްތައް ނުވަތަ މަދަނީ ދައުލަތެއްގެ އަސާސްތައް އެލިޔުމުން ފެންނާތީ އެވެ.

މަދީނާގެ ތާރީހީ މި ލިޔުމަށް ބަލާއިރު، މިލިޔުމުގެ މައިގަނޑު މަގުސަދު ސާފެވެ. އާދޭހެވެ. މަދީނާގެ އެކި ގުރޫޕްތައް ނުވަތަ ގަބީލާތައް އަދި ޖަމާއަތްތަކުގެ މެދުގައި އޮތް ގުޅުން ތަރުތީބުކޮށް ނިޒާމަކަށް ފައްތައިގެން ގަބަލީ ދިރިއުޅުމަކުން ރަށްވެހިކަމާއި ތަހުޒީބާ ދިމާއަށް ދަތުރުފެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މަދީނާގައި އޭރު އުޅުނު އެއްވެސް ދަރިކޮޅެއް އަދި ވަކި ޖަމާއަތެއް އަދި ވަކި ފަރުދެއް މިލިޔުމުގެ ހިޔާވެހިކަމާއި ދާއިރާއިން ބޭރުކުރައްވާފައި ނުވެ އެވެ. އެކަމުގައި ވަކި ނަސްލެއް އަދި އެމީހަކު ގަބޫލުކުރަމުން އަދި ދީނެއް ޢަޤީދާއެއް ފަރަގުކޮށްފައެއް ނެތެވެ. އާދޭހެވެ. ދެބަސްވުންތަކާއި ކަންކަމުގެ މަރުޖިޢިއްޔަތު ނުވަތަ ފަހު ބަސް ބުނުން ނުވަތަ އަދުލުވެރި ގޮތަކީ ކޮބައިކަން ދެނެގަތުމަށް ބަލަންޖެހޭ މަސްދަރަކީ އިސްލާމީ ޝަރީޢާކަމުގައިވާނެ ގޮތުގެ މަތީންނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މިކަމަށް އިސްނަންގަވައި މިރަށްވެހިކަމުގެ ފަލްސަފާ މިގެންނަވަނީ މުސްލިމުންގެ މާތް ނަބިއްޔާއާއި އިތުރު އެކަލޭގެފާނުގެ މާތް ޞަޙާބީންވިއްޔާއެވެ. ރަށުގެ ރަށްވެހީންކުރެ ގިނައީ ވެސް އެބައިމީހުންވިއްޔާއެވެ.

ފަންސާސް ދެ މާއްދާގެ މައްޗަށް އެކުލެވޭ މި ލިޔުމުގެ 25 މާއްދާ މުސްލިމުންގެ ކަންކަމަށް ހާއްސް ކުރެވިފައިވެ އެވެ. ބާކީ 27 މާއްދާ މުސްލިމުންނާއި އެހެން ދީންތަކުގެ އަހުލުވެރިންނާ ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށް ހާއްސަކުރެވިފައިވެ އެވެ. މުސްލިމުންނާއެކު މުސްލިމުންގެ މުޖުތަމައުގައި މިނިވަންކަމާއެކު އެބައިމީހުންގެ އަގީދާގެ މަތީގައި ދިރިއުޅެވޭނެ ރަށްވެހިކަމުގެ ނިޒާމެއް ތަރުތީބުކުރެވިގެންދާނެ ގޮތުންނެވެ. ޔަހޫދީންނާއި ބުދަށް އަޅުކަންކުރާ މީހުންވެސް ހިމެނޭ ގޮތެއްގެ މަތީންނެވެ. މަދީނާއަށް އަންނަ ކޮންމެ ނުރައްކަލަކުން ދިފާއުވުމަށް މިލިޔުމުގެ އެންމެހާ ބައިވެރިން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރާނެ ގޮތެއްގެ މައްޗަށް އިއްތިފާގުވަމުންމެ އެވެ.

އާއިލީ ގޮތުން މުސްލިމުންގެ އެކި ގަބީލާތަކުގެ މެދުގައި ހުރި ތަފާތުތައް އެއްކައިރިކުރުމަށްފަހު، މިދެންނެވުނު ލިޔުމުގައި މަދީނާގެ ރަށްވެހިންގެ ތެރެއިން ހުރިހާ މުސްލިމުން ސިފަކުރައްވާފައި މާތް ނަބިއްޔާ ބަޔާންކުރައްވަނީ، އެބައިމީހުންނަކީ އެއް އުންމަތެއްކަމުގައެވެ. އެހެން ދީންތަކުގެ މީހުން ސިފަކުރެއްވުމުގައި ވެސް ބަޔާންކުރައްވަނީ، އެބައިމީހުންނަކީ މުއުމިނުންނާއެކުގައިވާ އެއް އުންމަތެއްކަމުގައެވެ. އާދޭހެވެ. ގަބަލީ ބައިބައިވުންތައް ނިމުނީއެވެ. އާއިލާތަކާއި ދަރިފަސްކޮޅުތައް އެއްކައިރިކޮށްލަންވީއެވެ. އެއަށްފަހު މުސްލިމުންގެ އެކި ދަރިދަރިކޮޅުގެ މެދުގައި އޮންނަންވީ އިޖުތިމާއީ އަދި މާލީ ގުޅުންތައް އިތުރަށް ތަފުސީލުކޮށްދީފައިވެ އެވެ. މުސްލިމުންގެ ތެރެއިން ހަމަ އެއްވެސް މީހަކަށް އެއްވެސް ބާވަތަކުން އަނިޔާއެއް ލިބޭނަމަ އެ އަނިޔާއެއް ކުރިމަތިވެގެން އަންނަނީ މުސްލިމުންގެ ތެރެއިން މީހެއްގެ ދަރިއެއްގެ ކިބައިންކަމަށްވިޔަސް އެ އަނިޔާ ދުރުކުރުމުގައި އެންމެހާ މުސްލިމުން އެއަނިޔާވެރިއަކާ ދެކޮޅުވެރިވެ ހުއްޓުވާނެކަން ބަޔާންކުރައްވާފައިވެއެވެ.

އުންމަތެއްގެ ގޮތުގައި ބަޔަކު މީހުން ކުރިއަރައި ކާމިޔާބުވުމުގައި ކޮންމެ ތަނެއްގައި ދިރިއުޅޭ އެކި ކުދި ކުދި ޖަމާއަތްތައް އެއް ބަޔަކުގެ ގޮތުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ހޯދައިގަތުމާ ނުލައި ތަހުޒީބުގެ ދޮރުއަށްޓާ ހަމައަށް ނާދެވޭނެއެވެ. އަދި އެތަނެއްގެ ގިނަ ބަޔަކު ބާރުވެރިކަމާއެކު ވެރިކަންކުރަމުންދިއުމުގައި، މައިނޯރިޓީ ދުރުކޮށް އެކެހެރިކޮށްލައިފިނަމަ، އެދޮރުން އެތެރެއަށް ވަނުން ޖެހޭނީ ހަނދާން ނައްތާލާށެވެ. މަދީނާގެ އަހުލުވެރިންގެ ތެރެއިން މައިނޯރިޓީތަކާމެދު އެލިޔުމުގައި ބަޔާންކުރެވޭ އުސޫލުން މިކަން ދަސްކޮށްދެއެވެ. "އަދި ޔަހޫދީންގެ ތެރެއިން އަހަރެމެންނަށް ތަބާވެގެން ތިބި މީހުންނަށް ނަސްރުދިނުމާއި އެއްބާރުލުންދިނުންވެއެވެ. އެބައިމީހުންނަކީ އަނިޔާލިބިގެންދާނެ ބަޔަކުކަމުގައި ނުވާނެއެވެ. އަދި ބަލިކޮށް ނިކަމެތިކޮށްލެވޭ ބަޔަކުކަމުގައި އެމީހުން ނުވާނެ އެވެ."

މީގެ އިތުރުން، މުސްލިމުންގެ ތެރެއިން މީހަކު އެހެން މީހަކަށް އެއީ އެހެން ދީނެއްގެ ނުވަތަ އެހެން ރަށެއްގެ މީހަކަށްވިޔަސް ހިމާޔަތެއް ދީފިނަމަ ހުރިހާ މުސްލިމުން އެހިމާޔަތަކަށް އިހްތިރާމްކުރާނެކަން ވެސް މިލިޔުމުގައި ބަޔާންކުރައްވާފައިވެ އެވެ.

މި ލިޔުމުގައި ބަޔާންވެފައިވާ މަދަނީ ދައުލަތެއްގެ އަސާސްތައް ގިނަގުނަ އެވެ. އެކަމަކު އަޅުގަނޑު މިލިޔުމުގައި އެއިން ކޮންމެ ނުކުތާއަކަށް ތަފުސީލުކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އެ ލިޔުމުގެ ދެތިން މާއްދާއެއް ވިސްނާފިކުރުކުމަށް ދޫކޮށްލާފައި މިލިޔުން ނިންމާލުމަކީ އަޅުގަނޑުގެ މަސައްކަތުގެ ބާވަތާ ގުޅޭގޮތްކަމުގައި ދެކެމެވެ. އަޅުގަނޑުގެ ބޭނުމަކީ ވިސްނާ ފިކުރުކުރާ މީހަކަށް މަގެއް ކޮށައިދިނުމެވެ.

ސަމާލުކަމަށް ގެންނަން ބޭނުންވީ އެއް މާއްދާ އިސްވެ ލަފުޒީކޮށް ތަރުޖަމާކުރެވިއްޖެ އެވެ. ހަމަ މިލިޔުމުގައި އައިސްފައިވެއެވެ. "ބަނީ ޢައުފް ވަންހައިގެ ޔަހޫދީންނަކީ މުއުމިނުންނާއެކުގައިވާ އުންމަތެކެވެ. ޔަހޫދީންނަށް އެބައިމީހުންގެ ދީނެވެ. އަދި މުސްލިމުންނަށް އެބައިމީހުންގެ ދީނެވެ..."

ހަމަ މިލިޔުމުގައި އައިސްފައިވެ އެވެ. "ޔަހޫދީންނަށް ހޭދަކުރުންވަނީ އެބައިމީހުންގެ މައްޗަށެވެ. އަދި މުސްލިމުންނަށް ހޭދަކުރުންވަނީ އެބައިމީހުންގެ މައްޗަށެވެ." މިގޮތަށް ބަޔާންކުރައްވާފައިމެ، ހަމަ މިލިޔުމުގައި މާލީ ގޮތުން އެއްބަޔަކު އަނެއްބަޔަކާ ޝާމިލުވާންޖެހޭ ހާލަތެއް ވެސް ބަޔާންކުރައްވާފައިވެއެވެ. "ހަނގުރާމަވެރިންކަމުގައި ވާހާހިނދަކު، (އެބަހީ މަދީނާގެ ރަށްވެހީން ހަނގުރާމައެއް ކުރާނަމަ) ޔަހޫދީން ހޭދަކުރާނީ މުއުމިނުންނާ އެކުގަ އެވެ."

ހަމަ އެލިޔުމުގައި ޔަހޫދީންނާއި މުސްލިމުން އެކުވެ ޝާމިލުވާ މާއްދާއެއްގެ ގޮތުގައި "މަދީނާއަށް ނުރައްކަލެއް ކުރިމަތިކޮށްފި މީހެއްގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް ނަސްރުދިނުންވެ އެވެ." އަދި "މިލިޔުމުގެ އަހުލުވެރިންނާ ހަނގުރާމަ ކޮށްފި ކޮންމެ މީހަކާ ދެކޮޅަށް އެއްބަޔަކު އަނެއްބަޔަކަށް ނަސްރުދިނުންވެ އެވެ."

މާތް ނަބިއްޔާ ސުވަރުގެވަޑައިގެންނެވިއިރު، މުސްލިމުންގެ ދައުލަތަކީ ނުވަތަ ވެރިކަމަކީ ދުނިޔޭގައި އޭރު އޮތް ބޮޑެތި ރަސްކަންތަކާއި ވެރިކަންތައް ސަމާލުވާންޖެހޭފަދަ ބާރަކަށްވަނީ ވެފަ އެވެ. އަބޫބަކުރުގެފާނުގެ ވެރިކަމުގައި، ދުނިޔޭގެ ބޮޑެތި ބާރުތައް ފަހަތަށް ޖެހެން ފަށައި، މުސްލިމުންނަކީ މުޅި ދުނިޔެއަށް ވެރިކަންކޮށްފާނެ ފަދަ ބާރެއްގެ ގޮތުގައި ފެންނާން ފަށައިފިއެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މައްޗަށް މުސްލިމުން ކާމިޔާބު ހޯދައި އިސްލާމީ ވެރިކަން ދުނިޔޭގެ އެކިދިމާއަށް ފުޅާކޮށްފިއެވެ. ފެށުމަކީ ދެންނެވުނު ލިޔުމެވެ. މާތް ނަބިއްޔާ މަދީނާގައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތުގެ ފުރިހަމަކަމެވެ. އިސްލާމީ ދައުލަތް އެމައްޗަށް ބިނާކުރެއްވި ބިންގާގެ ބަދަހިކަމާއި ވަރުގަދަކެމެވެ.