14 ފެބުރުވަރީ 2023 - 09:43 0
އައިޝަތު ނުޒުހާ
ބޮޑުފިނޮޅުގެ މަތިން ނަގާފައިވާ ފޮޓޯއެއް؛ އެ ރަށުގެ މަސައްކަތް ނުހިނގާތާ 13 އަހަރު ވެއްޖެ--
14 ފެބުރުވަރީ 2023 - 09:43 0
މީގެ 15 އަހަރު ކުރިން ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލ. ބޮޑުފިނޮޅުގެ އެއްބަސްވުން ބާތިލުކޮށް، ސަރުކާރަށް އަލުން ނެގުމާ މެދު ގޮތެއް ނިންމުން މަޝްވަރާގައި ތާށިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
އެ ރަށް ދޫކޮށްފައިވަނީ މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏާ އެވެ. ނަމަވެސް, ބޮޑުފިނޮޅުގެ މަޝްރޫއު މިހާރު އޮތީ ހުއްޓިފަ އެވެ. އެތަނުން ފެންނަން ހުރީ ބިންގާތަކާއި ތަނބު ޖަހަން ހަރުކޮށްފައިވާ ދަގަނޑުތައް އެކަންޏެވެ.
މަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު ހަމަނުވިޔަސް, ސަރުކާރުން ވަނީ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި, އޭގެ ބަދަލު ކުންފުންޏަށް ދޭން ނިންމައި, އެތަނުގައި ސަރުކާރުން މަޝްރޫއުއެއް ހިންގަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މެންބަރު ވިސާމް ވަނީ މީގެ ކުރިން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރާ މަޝްވަރާކޮށްފައި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ މި މައްސަލަ ކުރިއަށް ގޮސްފައިވާ މިންވަރު ހޯދުމަށް މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ތަން ތަރައްގީ ނުކުރެވުނު މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލަ އަވަސް ކުރުމަށް ކޯޓުން ބޭރުގައި ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އެހެންނަމަވެސް، ޕްރިމިއާ އިކުއިޓީއާ ކުންފުނިން ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ އަދަދާއި ސަރުކާރުގެ ހުށަހެޅުމާ ދެ ފަރާތުން އެއްބަސްނުވެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އެހެންކަމުން] އެކަމުގެ ކޯޓުން ބޭރުގައި ކާމިޔާބު ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައި،" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެންބަރު ވިސާމް ވަނީ އިތުރަށް މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރައްވައިފަ އެވެ.
އެހެންނަމަވެސް، މިނިސްޓަރު ވިދާޅުވީ މަޝްވަރާތަކުގައި މިހާރު އޮތީ "ތާށިވެފައި" ކަމަށެވެ.
"ކުރިއަކަށް ނުކަނޑާ މިހާރު، ދެން އޮތީ އަޅުގަނޑުމެން އެކަން ވަކިކުރާނީތޯ، އެ ކުންފުނިން ދައުލަތަށް ދައްކާފައިވާ 2.7 މިލިއަން ޑޮލަރު، އޭގެ ބަދަލާ، ބަދަލުތައް ދޭނެ ގޮތެއް އަޅުގަނޑުމެން ވިސްނަން ޖެހެނީ،"
ދޭން ޖެހޭ ބަދަލެއް ދީފައި ވެސް ކުންފުނިން އަތުން އެ ރަށް އަތުލަން ޖެހޭ ހާލަތަށް މިހާރު ގޮސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
Comment