Advertisement

ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެ އުސޫލު ގެޒެޓުކޮށްފި

13 ފެބުރުވަރީ 2023 - 21:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެ އުސޫލު ގެޒެޓުކޮށްފި

13 ފެބުރުވަރީ 2023 - 21:20 0

ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ އެކައުންޓުތައް ހުޅުވުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ފިނޭންސް މިނިސްޓަރީން މިއަދު އާންމުކޮށް ގެޒެޓު ކޮށްފި އެވެ.

އެ އުސޫލުގައި ވާގޮތުން ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓުމަންޓުތަކާއި އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަން ވާނީ ޓުރެޝަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކު އެކައުންޓުތަކުގަ އެވެ.

އެގޮތަށް ހުޅުވާ އެކައުންޓުތައް އެމްއެމްއޭގައި ވެސް އަދި ބީއެމްއެލްގައި ވެސް ހުޅުވިދާނެ ކަމަށާއި އެ އެކައުންޓުތައް ބަލަހައްޓަމުން ގެންދާނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

މީގެއިތުރުން އެމްއެމްއޭގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް ހުޅުވާފައިވާ ބޭންކެއް ނެތް ރަށްރަށުގެ ކައުންސިލްތަކާއި އެފަދަ ރަށްރަށުގައި ހުންނަ ދައުލަތުގެ އޮފީސްތަކުން، އެ ފަރާތްތަކުގެ އެކައުންޓު ހުޅުވަން ބޭނުންވާ ބޭންކުގައި އެކައުންޓު ހުޅުވުމުގެ ހުއްދައަށް އެދި އެ އޮފީހެއްގެ ނުވަތަ ކައުންސިލެއްގެ ނަމުގައި ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

ހުއްދައަށް އެދި ސިޓީ ލުމުން އެގޮތަށް އެކައުންޓު ހުޅުވުމުން ދައުލަތަށް ލިބޭނެ ފައިދާ ވަޒަން ކުރުމަށްފަހު، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިއްޖެ ނަމަ އެ ހުއްދަ ދިނުމުގެ ޒިންމާ ފިނޭންސް މިނިސްޓަރަށް މަތިކޮށްފައިވެ އެވެ.

އެ އުސޫލުގައި އާންމު އުސޫލުން ދައުލަތުގެ ފައިސާ ބަލަހައްޓަން ޖެހޭނީ ޕަބްލިކް އެކައުންޓުތަކުގައި ކަމަށް ލިޔެފައި އޮތް ނަމަވެސް ވަކި އެކައުންޓުތަކަށް ޖަމާކޮށް ބެލެހެއްޓޭނެ ގޮތާއި އޭގެ އުސޫލުތައް ވެސް ކަނޑައަޅާފައި ވެއެވެ.

އެގޮތުން ހާއްސަ ހާލަތްތަކުގައި މަޝްރޫއުތަކާ ގުޅޭގޮތުން ލިބޭ ފައިސާއާއި ހިލޭ އެހީގެ ދަށުން ލިބޭ ފައިސާ އަދި ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓުތަކަށް ޖަމާ ކުރެވޭނެ އުސޫލު ކަނޑައަޅާފައިވެ އެވެ.

ހަމައެއާއެކު އެ އުސޫލުގެ ދަށުން ހުޅުވާ އެކައުންޓުތަކުން ހަރަދު ކުރެވޭނެ ގޮތާއި އެ އެކައުންޓުތައް ބަންދު ކުރެވޭނެ ގޮތްތައް ވެސް ތަފުސީލުކޮށް ބަޔާން ކޮށްފައިވެ އެވެ.

މިއަދުން ފެށިގެން ދެން އަމަލު ކުރަމުން ގެންދާނީ މި އުސޫލުގެ ދަށުންނެވެ. މި އުސޫލު ގެޒެޓު ކުރުމާއެކު މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލު ބާތިލުވާނެ އެވެ.