Advertisement

ސާންތީ އަލުން އީގަލްސްގެ ކޯޗުކަމާ ހަވާލުވެއްޖެ

12 ފެބުރުވަރީ 2023 - 02:30 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ): އޭނާ ވަނީ އަލުން ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވެފައި. --- ފޮޓޯ: އަދަދު


ސާންތީ އަލުން އީގަލްސްގެ ކޯޗުކަމާ ހަވާލުވެއްޖެ

12 ފެބުރުވަރީ 2023 - 02:30 0

ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)، ކްލަބް އީގަލްސްގެ ކޯޗުކަމާ އަލުން ހަވާލުވެއްޖެ އެވެ.

އީގަލްސްއާ އެކު ސާންތީ، ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ސާންތީ ވަނީ މީގެ ކުރިން އީގަލްސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން އީގަލްސްއާ 2011 އަހަރު ހަވާލުވިއިރު، އޭނާ ވަނީ އެ ޓީމަށް 2017 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ކޯޗުކޮށްދީފަ އެވެ.

ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަން ހާއްސަ ސަމާލުކަމެއް ދޭ ކޯޗެއްގެ ގޮތުގައި ފާހަގަވާ ސާންތީގެ ކޯޗުކަމުގައި އީގަލްސް އިން ޓީމެއް ބިނާކޮށް، ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނެވެ. އޭގެތެެރެއިން، 2016 ވަނަ އަހަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ އީގަލްސް އިން މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ، އީގަލްސް ދޫކޮށްލީ 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް އަށް ޖާގަ ނުލިބި އެ ޓީމަށް އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބި ދިއުމުންނެވެ.

އޭރު، އީގަލްސްގެ ކޯޗުކަން ދޫކޮށް ސާންތީ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް މަގާމުގައި 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މަސައްކަތްކުރިއިރު، ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ސާންތީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކްލަބް އޭދަފުށީގެ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް އަހަރު ފަހުން، ސާންތީ ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތް ފެށީ ޓްރެއިނިން ތެރޭގައި އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ފަހުން ސާންތީ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. މިދިޔަ ދެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ސާންތީގެ ކޯޗުކަމުގަ އެވެ.

އަލުން އެނބުރި އީގަލްސް އަށް ސާންތި އައިއިރު، މީގެ ކުރިން 2021 ވަނަ އަހަރު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ސާންތީ ވަނީ އީގަލްސް އަކީ އަބަދުވެސް އޭނާ އަށް ހާއްސަ ޓީމެއް ކަމަށް ބުނެފަ އެވެ.

"އަބަދުވެސް އެދެނީ އީގަލްސް އަށް ކާމިޔާބަށް. ހަގީގަތުގައި އީގަލްސް އާއި އަޅުގަނޑާ ވަކިނުވެވޭނެ ދޭއްޗެއްގެ ގޮތުގައި މި އޮންނަނީ. އަޅުގަނޑު މީހަކަށް ހަދައިދިން ކްލަބަކީ އީގަލްސް. އަޅުގަަނޑަކީ ކާކުކަން މީހުންނަށް އަންގައިދިނީ ވެސް އީގަލްސް އިން،" ސާންތީ ބުންޏެވެ.

އީގަލްސްއާ ސާންތީ ހަވާލުވިއިރު، މިދިޔަ ސީޒަނުގައި އޭނާއާ އެކު ޔުނައިޓެޑް ވިކްޓަރީގައި މަސައްކަތް ކުރި ކުޅުންތެރިންތަކެއް ވަނީ އީގަލްސް އަށް ބަދަލުވެފަ އެވެ. އެއީ ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމް އެވެ. މި ކުޅުންތެރިންގެ އިތުރުން، އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)ގެ ސޮއި ވެސް ހޯދައިފަ އެވެ. ކުރިން އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) ވެސް ވަނީ އެ ޓީމަށް ބަދަލުވެފަ އެވެ.

ފާއިތުވި ސީޒަންގައި އީގަލްސް އިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ.

މިދިޔަ ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ޓީމަށް ކޯޗުކޮށްދިނީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭގެ ފަހުން، ވަގުތީ ހެޑް ކޯޗެއްގެ ގޮތުގައި އީގަލްސް ގޮވައިގެން އުޅުނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ވަގުތީ ކޯޗަކަށް ހުރެވޭ މުއްދަތު ހަމަވުމުން، ދެން ޓީމުގެ ކޯޗަކަށް އައީ މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ވަނީ ސީޒަނުގެ ނިޔަލަށް އީގަލްސް އަށް ކޯޗުކޮށްދީފަ އެވެ.