Advertisement

މަދުވި ތަފްސީލްތަކާއެކު، މަގު ކޮނުމުގެ ފީ މައްސަލަ އަލުން ހައި ކޯޓަށް

11 ފެބުރުވަރީ 2023 - 10:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް: މަގު ކޮނުމުގެ ފީ މައްސަލަ އަލުން ހުށަހަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަދުވި ތަފްސީލްތަކާއެކު، މަގު ކޮނުމުގެ ފީ މައްސަލަ އަލުން ހައި ކޯޓަށް

11 ފެބުރުވަރީ 2023 - 10:37 0

މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން 154 ޕަސެންޓު ބޮޑުކުރުމާ ގުޅިގެން، އެ ދެ އުސޫލު ބާތިލް ކުރުމަށް އެދި ސްޓެލްކޯއިން އަނެއްކާ ވެސް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ.

މިކަމާ ގުޅުން ހުރި މާލެ ސިޓީ ކައުންސިލްގެ ދެ އުސޫލެއް ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް ބުނެ މި މަހު ކުރީކޮޅު ސްޓެލްކޯއިން ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް, ގާނޫނާ ހިލާފުވާކަން ބުނެދޭން ގާނޫނީ ތަފުސީލުތައް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމި އެވެ.

މިދިޔަ ބުދަ ދުވަހު ސްޓެލްކޯއިން އަލުން އެ މައްސަލަ ހުށަހަޅާފައިވެ އެވެ. ސްޓެލްކޯއިން ބުނީ، އަލުން މައްސަލަ ހުށަހެޅީ، ކުރިން ތަފްސީލްތައް ނެތި މައްސަލަ ބަލައިނުގަތުމުން އޭރު މަދުވި ތަފްސީލްތަކާ އެކު ކަމަށެވެ.

ސްޓެލްކޯއިން ފަހުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިއީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފެށި ދެ އުސޫލެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯއިން ކުރި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލާ ކުއްލިއަކަށް ކަމަށެވެ.

"މި އުސޫލުގެ ދަށުން މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ، ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު ކުރީގެ އަގު 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" ޝަރީފް ވިދާޅުވެފައިވެ އެވެ.

ޝަރީފް ވިދާޅުވެފައިވަނީ ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށެވެ. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.