Advertisement

ޑީއާރުޕީ އުވާލުމުގެ މައްސަލަ އަލުން ހައި ކޯޓަށް، މި ފަހަރު ދުސްތޫރީ މައްސަލައެއް ގޮތަށް!

9 ފެބުރުވަރީ 2023 - 11:25 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު؛ ޑީއާރުޕީ އުވާލުމުގެ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޑީއާރުޕީ އުވާލުމުގެ މައްސަލަ އަލުން ހައި ކޯޓަށް، މި ފަހަރު ދުސްތޫރީ މައްސަލައެއް ގޮތަށް!

9 ފެބުރުވަރީ 2023 - 11:25 0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ހައި ކޯޓުން ބޭރުކޮށްލި ފަހުން އަނެއްކާ ވެސް އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޑީއާރުޕީ އުވާލަން އީސީން ނިންމީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ. ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެ އެވެ.

ޑީއާރުޕީން މި މައްސަލަ ހައި ކޯޓަށް ފުރަތަމަ ހުށަހެޅީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ޕާޓީއަށް ހައި ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލައަކީ އެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި، ހައި ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ނުދެ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން ޑީއާރުޕީން އަނެއްކާ ވެސް އީސީގެ މައްޗަށް ދައުވާ ކުރާ ގޮތަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ އަންގާރަ ދުވަހު، އެ މައްސަލަ ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ބާވަތެއް ގޮތުގަ އެވެ.

ހައި ކޯޓުން ބުނީ ފަހުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ދެހާސްފަސް ވަނަ އަހަރު ވުޖޫދުކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ޑީއާރުޕީއަކީ ދެވަނައަށް ރަޖިސްޓްރީ ކުރި ޕާޓީ އެވެ. އެއީ އޭރު ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ޝަހްސިޔައްތަކަށް ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ.

ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.

ނަމަވެސް ރައީސް މައުމޫނާއި، ފަހުން އެމަނިކުފާނުގެ ވެސް ތާއީދާއެކު ޕާޓީގެ ލީޑަރަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީ ދޫކުރެއްވުމުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން އެ ޕާޓީ ދޫކޮށްލި އެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ތަސްމީން ވެސް ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނެވެ. ދެން އެ ޕާޓީގެ ލީޑަރުކަމާ ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ ދޫކޮށް، ޕީޕީއެމާ ގުޅުނެވެ.

ޑީއާރުޕީގެ ލީޑަރަކަށް މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު އެ ޕާޓީގެ ހިންގުމާ ހަވާލުވިއިރު ވެސް އަދި އޭގެ ފަހުން އެކި ފަހަރު މަތިން 3،000 އަށް ވުރެ މެންބަރުން މަދުވެގެން މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ދީފައިވެ އެވެ.