10 ފެބުރުވަރީ 2023 - 10:12 0
މުހައްމަދު ޝަހްޒާން
ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން އެޗްޑީސީން ވަނީ ކަނޑައަޅާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
10 ފެބުރުވަރީ 2023 - 10:12 0
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. ހަފުތާ ބަންދެއްގައި ވިޔަސް ބޮޑު ބަންދެއްގައި ވިޔަސް ދަތުރެއްގެ ވާހަކައެއް ދައްކަންޏާ ކޮންމެ މީހަކުވެސް ފަށާނީ ކުޑަބަނޑޮހާ ހަމައިންނެވެ. ބަންދު ދަވަހެއްގައި އެރަށު ގޮނޑުދޮށުގައި ފޫބައިންދާލާނެ ޖާގައެއް ހޯދުމަކީ އޭރު ދަތިކަމެކެވެ.
ކޮންމެ ޗުއްޓީއެއްގައި ބަރޯގާޑިޔަލަށް ކޮއްތުދަރު ބޯފެން އަރުވައިގެން މުޅި އާއިލާ އެކުގައި އެ ހިތްގައިމު މާހައުލަށް ގޮސް ބޯހާސްކަން ފިލުވައިލި ދުވަސް މާޒީގެ ތެރެއަށް އަހަރުމެން ދޫކޮށްލީ އެނޫން ގޮތެއް އޭރު ނެތިގެންނެވެ. ކުޑަބަނޑޮސް އެއީ ހަމައެކަނި އުފާވެރި ހަނދާނެއްގެ ގޮތުގައި މީހުންގެ ހިތްތަކުގައި ރައްކާ ކުރީ 2013، ގައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމި ހިސާބުންނެވެ. އެދުވަހުން ފެށިގެން މާލޭގެ މި ކާރޫބާރޫ ބޮޑު މާހައުލުން އެއްފަރާތަށް ޖެހިލެވެން އޮތް ހަމައެކަނި ދޮރު އަހަރުމެންނަށް ބަންދުވީ އެވެ.
އެގޮތުގައި މި ފާއިތުވި ދިހަ އަހަރު ހޭދަކުރުމަށްފަހު އަނެެއްކާވެސް އެފަދަ ހަނދާންތަކެއް އުފައްދާލާނެ އިތުރު ދޮރެއް އެވަނީ ހުޅުވުމަށް ތައްޔާރުވެފަ އެވެ. ކުޑަބަނޑޮހުގެ ބަދަލުގައި މިފަހަރު ކުޑަގިރި އެވެ.
ކުޑަގިރި
ކުޑަބަނޑޮހާ ހިލާފަށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހިއްކި އެ ރަށުގައި އެތައް ބައިވަރު ވަސީލަތްތަކާއި ހިދުމަތްތައް ލިބެން ހުރެ އެވެ. އެ މާހައުލަކީ އެރަށަށް ދަތުރުދާ އެންމެންނަށް ވެސް ހިތް އުފާކޮށްލެވޭނެ ތަނަކަށް ހެދުމަށްޓަކައި ހަރުދަނާ ގަވާއިދުތަކެއް ވެސް ހެދިފައި އެބަ ހުއްޓެވެ.
އެގޮތުން އެރަށުގައި ގާއިމުކޮށްފައި ހުންނަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކުގައި ފިޔަވައި ރަށުގެ އެހެން އެއްވެސް ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުޑަގިރީގެ ގަވާއިދުގައި މަނާ ކަމެކެވެ. މިއީ އެރަށަށް ދަތުރުދާ ހުރިހާ އެންމެންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ހަދާފައިވާ ގަވާއިދެއް ކަމަށް އެޗުޑީސީން ބުނެ އެވެ.
އޭގެއިތުރުން އެރަށަށް ދަތުރުދާ ފަރާތްތަކުން އާންމު މިންގަނޑަށް ނުފެތޭ ގޮތަށް ހެދުން އެޅުމާއި ރަށުގައި އުޅޭއިރު ޕްލާސްޓިކު ކޮތަޅާއި ޕްލާސްޓިކް ފުޅި ބޭނުން ކުރުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އަދި ދަތުރުދާއިރު ގެންދާ ހުރިހާ ސާމާނެއް ރަނގަޅަށް ބެލެހެއްޓުމާއި ރަށުގެ އެއްވެސް ތަނަކަށް ގެއްލުމެއް ދީފި ނަމަ އެ ގެއްލުމެއްގެ ޒިންމާ އެފަރާތަކުން ނަގަން ޖެހޭނެ ކަމަށް ވެސް އެޗުޑީސީން ބުންޏެވެ.
ކުޑަގިރި ތަރައްގިކޮށްފައި ވަނީ ހުރިހާ އެންމެންނަށް ވެސް ރައްކާތެރި މާހައުލެއްގެ ގޮތުގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެ ހިތްގައިމު މާހައުލު ބެލެހެއްޓުމަށް މުވައްޒަފުން ހަމަޖައްސާފައި ތިބި ނަމަވެސް އެރަށުގައި ބަހައްޓާފައި ހުންނަ ކުނި ވަށިތަކަށް ނޫނީ ކުނި އެޅުމަކީ ވެސް މަނާކަމެކެވެ. ދަތުރުމަތީގައި އުޅޭ ވަގުތުގައި ވެސް ނަމާދުކޮށްލައި އަޅުކަން ކޮށްލުމަށްޓަކައި އެރަށުގައި އަޅާފައި ހުރި މިސްކިތަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އެރަށުގެ އާންމު ގަވާއިދުގައި އޮވެ އެވެ.
ދިގު އިންތިޒާރުގެ ނިމުން މިހާރު މިވަނީ ގާތްގަނޑަކަށް ހަމަވެފަ އެވެ. މާލެއާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި، 15 މިނެޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި މާދަމާއިން ފެށިގެން ހުޅުވާލާއިރު، މާދަމާއަށް ހުޅުވާލި 300 ޖާގަ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފުލުވި އެވެ.
ހަފުތާ ބަންދުގައި އެރަށަށް ދިޔުމާއި އެރުމަށް އަގެއް ނުނަގަ އެވެ. ނަމަވެސް އެހެން ދުވަސްތަކަށް އަގުނަގަ އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ގޮސް އުފާކޮށްލަން ޒަމާންތަކަކަށް ބޭނުންކުރަމުން ދިޔަ ކުޑަބަނޑޮސް ގެއްލި ދިއުމުން އެކަން އިއާދަކުރުމަށްޓަކައި ރަށެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކައި ކުރި މަސައްކަތް ނިމި، މާދަމާ ހުޅުވާއިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ "އެހާމެ ދިގު އިންތިޒާރަކަށް ފަހު ކުޑަގިރީގެ މަސައްކަތް ނިމިގެން ދިއުން މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކަމަށެވެ.
އެ ހިތްހަމަޖެހުން އަބަދު ދެމިއޮންނާނީ އެންމެންގެ ފުރުދީ ޒިންމާގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މި ރަށުގެ ރީތި މާހައުލު އެގޮތުގައި ދެމި އޮންނާނީ އެންމެންގެ އެއްބާރުލުން ލިބިގެން. އެންމެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން. އުއްމީދަކީ އެންމެން ވެސް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ފުރިހަމައަށް ހިތާނެ ކަމަށް،" އާތިފު ވިދާޅުވި އެވެ.
ތާހިރު، ހިތްގައިމު ގޮނޑުދޮށެއްގައި އަނެއްކާވެސް ހަމަޖެހިލުމުގެ ފުރުސަތު އެތައް އަހަރަކަށްފަހު އަހަރުމެންނަށް ފަހި ވެގެންދާއިރު، ގިނަ ދުވަހު އެތަން އެގޮތުގައި ބޭއްވުމަށްޓަކައި އަހަރުމެން އަދާ ކުރަންޖެހޭ ޒިންމާ ވެސް ވަރަށް ބޮޑެވެ. މި ރާއްޖޭގެ ސާފު ވައިގެ ހިތްގައިމުކަމާއި ގުދުރަތުގެ ރީތިކަމުގެ އުފާ ޒަމާންތަކަކަށް އަހަރުމެންނަށް ހޯދެން އޮތީ މި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އަހަރުމެންގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ. މުޅި ކުޑަގިރީގައި ސީސީޓީވީ ހަރުކޮށްފައި ހުއްޓަސް، އެ ކެމެރާތަކުގެ ޒިންމާދާކުރޭތޯ އަޖުމަ ބެލުމުގެ ބަދަލުގައި ފަރުދީ ޒިންމާ ފުރިހަމަކޮށް، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން މުހިންމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment