8 ފެބުރުވަރީ 2023 - 12:55 0
އައިޝަތު ނުޒުހާ
މެންބަރު މުހައްމަދު ނަޝީދު؛ އޭނާގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފައިވަނީ ރިޔާސަތުގެ އިސްތިއުފާއަށް ގޮވުމުން-- ފޮޓޯ: މަޖިލިސް
8 ފެބުރުވަރީ 2023 - 12:55 0
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲގެ ނަން ވެސް އިއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބައެއް މެންބަރުންގެ ބަހުސް ހުއްޓުވައި، ހުށަހެޅިފައި އޮތް މައްސަލައަށް ބަހުސް ކުރަން އެދުމުންނެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި މެންބަރު ނަޝީދު ވެސް ވަނީ ރިޔާސަތާ ދެކޮޅަށް އަޑު އުފުލަން ފެށި އެވެ.
މެންބަރު ނަޝީދު ވަނީ ނިޒާމީ ނުކުތާ ނަންގަވައި "ހަތެއް ފެބްރުއަރީގައި ހޯމް މިނިސްޓްރީ ކޮންޓްރޯލް ނުވި މީހަކަށް" އެކި ޕާޓީތަކުގެ މެންބަރުން ތިބި މަޖިލީހެއް ކޮންޓްރޯލް ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައި އެކަން އަފީފަށް ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އެންމެ ޕާޓީއެއްގެ ބަޔަކު ކޮންޓްރޯލް ނުކުރެވުނު މަނިކުފާނަށް އެ ދުވަހު، މިއަދު އެހެންވީމާ އަޅުގަނޑުމެން އެންމެންނާއި މިނިވަން މެންބަރުންނާއި އެކި ޕާޓީތަކުގެ މީހުން ކޮންޓްރޯލް ކުރަން ތި އުމުރަށް ދިޔައީމާ ވަރަށް އުނދަގޫވާނެ، އެހެންވީމާ ރަނގަޅުވާނީ އިސްތިއުފާ ދިނުން ކަންނޭނގެ ތި މަގާމުން،" ނަޝީދު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވީ އޭނާ "އިންތިހާބު ކުރީ އިއްޒަތްތެރި މެންބަރު [މުހައްމަދު ނަޝީދު އަބްދުﷲ] ނޫން ކަމަށެވެ.
އެ ހިސާބުން ބަހުސް އަލުން ފެށި ނަމަވެސް، މެންބަރު ނަޝީދު ވަނީ އިތުރު ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާސަތު ހިންގަވަނީ ހުދުމުހުތާރުކޮށް ކަމަށާއި އެހެންކަމުން އިސްތިއުފާ ދިނުން މާ ރަނގަޅު ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
"މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ރައީސް އަޅުގަނޑާ ހަވާލުކުރީމާ އަޅުގަނޑު މި ކަންތައް މި ކުރަނީ،" ނިޒާމީ ނުކުތާއާ ގުޅިގެން އަފީފް ވިދާޅުވި އެވެ.
އޭގެ ފަހުން ވެސް ނަޝީދު ވަނީ އެ ވާހަކަތައް ތަކުރާރުކުރައްވައި އަޑު ގަދަ ކުރައްވައިފަ އެވެ. އެއާއެކު އަފީފް ވަނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދެ ވަނަ ފަހަރަށް ނަސޭހަތްތެރިވުމަށް ފަހު، މެންބަރުގެ ނަން އިއްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment