Advertisement

ވައި ނުސާފުވުން؛ ނޭވާލާ ނިޒާމަށް މައްސަލަ ޖެހުން އެކަށީގެންވޭ

1 ފެބުރުވަރީ 2023 - 13:54 0

ނިމާ ހަސަން

ނިމާ ހަސަން

ވައި ނުސާފުވެ، ދުރު ފުސްވެފައި؛ ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނޭ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވައި ނުސާފުވުން؛ ނޭވާލާ ނިޒާމަށް މައްސަލަ ޖެހުން އެކަށީގެންވޭ

1 ފެބުރުވަރީ 2023 - 13:54 0

ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ވައިގެ ސާފުކަމުގެ މިންވަރު ދެނެގަންނަނީ ހަ ދަރަޖައަކުންނެވެ. އޭގެ ތެރެއިން މިއަދު މާލޭގެ ވައި ނުސާފުކަން ހުރީ މެދުމިނުގަ އެވެ. ބައެއް ރަށްރަށުގައި ވައިގެ ނުސާފުކަން ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި ހުރި އިރު، އެންމެންގެ ސިއްހަތަށް ނުރަނގަޅު މިންވަރުގައި ވެސް ބައެއް ރަށްރަށުގައި ވައިގެ ނުސާފުކަން އެބަހުއްޓެވެ.

މިއަދުގެ ވައިނުސާފު މިންވަރަށް ބަލާއިރު، ކުޅުދުއްފުށީގައި އެންމެންގެ ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފެވެ. އަދި އައްޑޫ، ލ. ފޮނަދޫ، ފުވައްމުލަކުގެ އިތުރުން ނައިފަރުގައި ވެސް ނާޒުކު މީހުންގެ ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފެވެ. ވައިގެ ސާފުމިން އައިކިއު އެއާ ވެބްސައިޓުން ނުވަތަ IQAir Visual އެޕުން ބަލައިލެވޭނެ އެވެ.

ވައިގެ ނުސާފުކަން ހުރި މިންވަރަށް ބަލާ، އަމަލުކުރަންވީ ގޮތާމެދު އެޗްޕީއޭއިން ވަނީ ސިއްހީ ލަފާ އާންމުކޮށްފަ އެވެ.

0-50

ވައިގެ ސާފުމިން 0-50އާ ދޭތެރޭގައި ހުންނަ ނަމަ ބަލަނީ ރަނގަޅު މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް ނުވަތަ ނުރައްކާ ކުޑަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

51-100

ވައިގެ ސާފުމިން 51-100އާ ދޭތެރޭގައި ހުންނަ ނަމަ ބަލަނީ މެދު މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ. އެހެންކަމުން، ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި އުޅުން ދުރުހެލިވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

101-150

ވައިގެ ސާފުމިން 101-150އާ ދޭތެރޭގައި ހުންނަ ނަމަ ބަލަނީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި އާންމުކޮށް އެންމެނަށް އުނދަގޫތަކާ ކުރިމަތިވެ، ނޭވަލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނައިރު، ހާއްސަގޮތެއްގައި ނާޒުރު ހާލަތްތަކުގައި ތިބި މީހުންނަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

151-200

ވައިގެ ސާފުމިން 151-200އާ ދޭތެރޭގައި ހުންނަ ނަމަ ބަލަނީ އެންމެންގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި އާންމުކޮށް އެންމެންގެ ހިތަށާއި، ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމައި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

201-300

ވައިގެ ސާފުމިން 201-300އާ ދޭތެރޭގައި ހުންނަ ނަމަ ބަލަނީ އެންމެންގެ ސިއްހަތަށް ވަރަށް ނުރަނގަޅު މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި އާންމުކޮށް އެންމެނަށް އެކަމުގެ އަސަކުރާއިރު، ނާޒުކު ހާލަތްތަކުގައި ތިބި މީހުން ބޭރުގައި ހަރަކާތްތެރިވުން ހުއްޓާލަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

300+

ވައިގެ ސާފުމިން 300 އަށްވުރެ މަތީގައި ހުންނަ ނަމަ ބަލަނީ ނުރައްކާތެރި މިންވަރެއްގައި ހުރި ކަމަށެވެ. އެ މިންވަރުގައި އާންމުކޮށް އެންމެނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެ، ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑުވެ އެވެ. އެޗްޕީއޭއިން ބުނީ އެ ހާލަތުގައި ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން، ނާޒުކު ހާލަތްތަކުގައި ތިބި މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރުގައި އުޅޭނަމަ މާސްކު އެޅުމާއި ތުއްތު ކުދިން ބޭރަށް ނުނެރުން އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން މަޑުޖައްސާލުމުގެ އިތުރުން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޖެންސީން އިލްތިމާސްކޮށްފައި ވެއެވެ.

އެޗްޕީއޭއިން ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ ގޮތުގައި ބަލަނީ، ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުންނެވެ.