Advertisement

އަނިޔާއާ ހެދި ޑެމްބެލޭ އަށް ގިނަ މެޗުތަކެއް ގެއްލިދާނެ

30 ޖަނަވަރީ 2023 - 10:37 0


އަނިޔާއާ ހެދި ޑެމްބެލޭ އަށް ގިނަ މެޗުތަކެއް ގެއްލިދާނެ

30 ޖަނަވަރީ 2023 - 10:37 0

ބާސެލޯނާ (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި މި ހަފްތާގައި ކުޅުނު މެޗުގައި ބާސެލޯނާގެ ވިންގް، އޮސްމާން ޑެމްބެލޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ހޮނިިހިރު ދުވަހުގެރޭ، ޖިރޯނާ އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ޑެމްބެލޭ، 25، ފަލަމަސްގަނޑަށް އަނިޔާވެގެން އިތުރަށް ނުކުޅެވޭނެތީވެ، ބަދަލުކުރީ މެޗުގެ 25 މިނިޓް ކުޅެވުނު ފަހުންނެވެ.

އެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ޑެމްބެލޭގެ އަނިޔާގެ ތަފްސީލް އެނގޭނީ ޓެސްޓްތަކެއް ހެދުމަށް ފަހު ކަމަށެވެ.

މެޗަށް ފަހު ހެދި ފުރަތަމަ ޓެސްޓްތަކަށް ބަލާއިރު، ޑެމްބެލޭ އަށް ތިން ހަފްތާއެއްހާ ދުވަސްތެރޭ ކުޅުމަށް އެނބުރި އާދެވޭނެ އެވެ. އެކަމަކު، ތަދު ބޮޑުވާތީ، އިތުރު ޓެސްޓްތަކެއް ހެދުމުން އެނގުނު ގޮތުގައި ޑެމްބެލޭގެ އަނިޔާ ހީކުރި ވަރަށް ވުރެ ގޯސްވެ، އޭނާ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމެވެެ.

އަނިޔާގެ ސަބަބުން ޑެމްބެލޭ، ކުޅުމާ ދުރުގައި ފަސް ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ، އޭނާ އަށް ބާސެލޯނާގެ މުހިންމު މެޗުތަކެއް ގެއްލޭނެ އެެވެ.

މިހާރު އޮތްގޮތުން، އަނިޔާއާ ހެދި ޑެމްބެލޭ ނުލައި ބާސެލޯނާ އިން ކުޅެން ޖެހޭނެ މެޗުތަކަށް ބަލާއިރު، ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗާއި ލީގުގައި ރެއާލް ބެޓިސް، ސެވިއްޔާ، ވިޔަރެއާލް، ކަޑިޒް، އަލްމޭރިއާ އަދި ވެެލެންސިއާ މެޗުގެ އިތުރުން ކޮޕަ ޑެލް ރޭގެ ސެމީ މެޗެއް ހިމެނެ އެވެ.

ބާސެލޯނާގައި ޑެމްބެލޭގެ ކެރިއަރުގައި އަނިޔާގެ މައްސަލަތައް ގިނަ އެވެ. އެކަމަކު، ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން، ފިޓްކޮށް ހުރެ ޑެމްބެލޭ އަންނަނީ ގަވާއިދުން ގިނަ މެޗުތަކެއް ކުޅެމުންނެވެ. ޑެމްބެލޭ، ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރީ ވެސް ޒަވީއާ އެކު މަސައްކަތްކުރަން ފަސޭހަވެ، މޮޅު ކުޅުން ދެއްކޭތީ އެވެ.

މި ސީޒަނުގައި މިހާތަނަށް 28 މެޗުން އަށް ގޯލު ޖަހައި، ހަތް ގޯލު ޖަހަން ފުރުސަތު ހޯދައިދިން ޑެމްބެލޭ ނުލައި، ކުޅެން ޖެހުމަކީ ބާސެލޯނާ ޓީމަށް އަންނާނެ ހީނަރުކަމެކެވެ.