Advertisement

ފަހު ވަގުތު މިޓޯމާ ޖެހި ގޯލުން ބްރައިޓަން އަތުން ލިވަޕޫލް ކަޓައިފި

29 ޖަނަވަރީ 2023 - 22:58 0

ބްރައިޓަންގެ މިޓޯމާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފަހު ވަގުތު މިޓޯމާ ޖެހި ގޯލުން ބްރައިޓަން އަތުން ލިވަޕޫލް ކަޓައިފި

29 ޖަނަވަރީ 2023 - 22:58 0

ބްރައިޓަން (ޖެނުއަރީ 29) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި މިރޭ ކުުޅުނު މެޗުން، ކައޯރޫ މިޓޯމާ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ބްރައިޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް ކަޓައިފި އެވެ.

ބްރައިޓަން އިން ވަނީ ފާއިތުވި 15 ދުވަސްތެރޭ ލިވަޕޫލް އަތުން ދެ ފަހަރު މޮޅުވެފަ އެވެ. އެ ގޮތުން، ދާދި ފަހުން، ޕްރިމިއާ ލީގުގެ މެޗުން، ލިވަޕޫލް އަތުން 3-0 އިން ބްރައިޓަން މޮޅުވިއިރު، މިރޭ ވަނީ އެފްއޭ ކަޕްގައި މޮޅުވެފަ އެވެ. މި ސީޒަނުގައި ލިވަޕޫލް ދަނޑުގައި ބްރައިޓަންއާ ކުޅުނު ލީގު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ބްރައިޓަންގެ ކޯޗުކަމާ އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހަވާލުވި ފަހުން ލިވަޕޫލާ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލަށް ލީޑުނަގައިދޭން މުހައްމަދު ސަލާހު އަށް ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. އެކަމަކު، މެޗުގެ 30 ވަނަ މިނިޓްގައި ލިވަޕޫލުން ވަނީ ސަލާހު ދިން ބޯޅައަކުން ހާވީ އެލިއަޓް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ލިވަޕޫލުން މި ގޯލު ޖެހުމުގައި އެޓޭކް ފެށިއިރު، ނަބީ ކެއިޓާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ބްރައިޓަން އިން އެޕީލްކުރި ނަމަވެސް ވީޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލު ބަލައިގަންނާށެވެ.

އެކަމަކު، ލިވަޕޫލަށް ފުރަތަމަ ހާފު ލީޑުުގައި އޮވެ ނިންމައިނުލެވުނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. ބްރައިޓަންގެ ފުލްބެކް، ތާރިގު ލަމްޓޭ އޭރިއޭބޭރުން ޖެހި ބޯޅަ ޑަންކް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލަށެވެ.

މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ބްރައިޓަން އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަޕާނުގެ ވިންގް، މިޓޯމާ ވަނީ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ. ލިވަޕޫލް އޭރިއާތެރެއިން ލިބުނު ފުރުސަތުން މިޓޯމާ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު މަތީ ކަނަށް ފޮނުވާލައިފަ އެވެ.

މިދިޔަ ސީޒަނުގެ ހަތަރު ތަށްޓަށް ވާދަކުރި ލިވަޕޫލުން، 2023 ވަނަ އަހަރު ފެށި ފަހުން ކުޅުނު ހަ މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. ލިވަޕޫލް މިހާރު މި ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުން ކާމިޔާބުކުރި ލީގު ކަޕާއި އެފްއޭ ކަޕުން ކަޓައިފަ އެެވެ. ޕްރިމިއާ ލީގުގެ ނުވަ ވަނައިގައި އޮތް ލިވަޕޫލުން އަންނަ މަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.