Advertisement

އަލްވޭސް ހައްޔަރުކުރި ހަބަރަކީ ޒަވީ އަށް "ޝޮކެއް"

22 ޖަނަވަރީ 2023 - 08:35 0


އަލްވޭސް ހައްޔަރުކުރި ހަބަރަކީ ޒަވީ އަށް "ޝޮކެއް"

22 ޖަނަވަރީ 2023 - 08:35 0

ބާސެލޯނާ (ޖެނުއަރީ 22) - ބާސެލޯނާގެ ނައިޓް ކްލަބެއްގެ ތެރެއިން އަންހެނަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ބްރެޒިލްގެ ފުލްބެކް، ޑެނީ އަލްވޭސް، ހައްޔަރުކުރި ހަބަރާ އެކު "ޝޮކެއް" ލިބިފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ ވަނީ އަލްވޭސް، 39، އާ އެކު ބާސެލޯނާ އަށް ކުޅުނުއިރު، އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި އަލްވޭސްގެ ކެރިއަރުގައި ދެ ވަނަ ފަހަރަށް ބާސެލޯނާ އަށް ކުޅުނުއިރު، ކޯޗަކަށް ހުރީ ޒަވީ އެވެ. އަލްވޭސް އާއި ޒަވީ އަކީ ދަނޑުބޭރުގައި ގާތް ރަހުމަތްތެރިންނެވެ.

މިދިޔަ މަހު، 30 އާއި 31 ވަނަ ދުވަހުގެރޭ، ބާސެލޯނާ ސަރަހައްދުގެ ނައިޓް ކްލަބެއްގެ ތެރެއިން، އަލްވޭސް އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލައި، ހަމަލާދިން ކަމުގެ މައްސަލަ ކަޓަލޫނިއާ ސަރަހައްދު ފުލުހުންނަށް އެ އަންހެން މީހާ ހުށަހެޅީ މި މަހު ދެ ވަނަ ދުވަހު އެވެ. އަލްވޭސް ހައްޔަރުކުރީ ހުކުރު ދުވަހު އެވެ. އަލްވޭސް، މީގެ ކުރިން، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ނައިޓް ކްލަބަށް ދިޔަ ނަމަވެސް އެއްވެސް މީހެއްގެ ހުއްދަޔަކާ ނުލައި، ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ.

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒަވީއާ ގިނަ ސުވާލުތަކެއް އަމާޒުވީ އަލްވޭސްއާ ބެހޭގޮތުންނެވެ.

"ތަހުގީގު މަރުހަލާގައި އޮތް މި ފަދަ މައްސަލައަކާ ބެހޭގޮތުން ވާހަކަ ދެއްކުން އެއީ ފަސޭހަ ކަމެއް ނޫން. ތި ސުވާލުކުރާ އެންމެންނެކޭ އެއްގޮތަށް އަހަރެން ވެސް މި ހުރީ ވަރަށް ބޮޑަށް ހައިރާންވެފައި، އަލްވޭސް ދަންނަ ގިނަ މީހުންނެކޭ އެއްގޮތަށް އަހަރެން ވެސް މި ހުރީ ޝޮކެއްގައި،" ޒަވީ ބުންޏެވެ.

"މީގެ ކުރިން އަހަރެމެންނާ އެކު ޑެނީ (އަލްވޭސް) ހޭދަކުރި ވަގުތުތަކާ ބެހޭގޮތުން އެއްޗެއް ބުނާނަމަ ބުނެވޭނީ، އޭނާ އަކީ ވަރަށް ރަނގަޅު މީހެކޭ،"

މި ވަގުތު މެކްސިކޯގެ ޕޫމާސް އަށް ކުޅެމުން އަންނަ އަލްވޭސް ކުޅުމުގެ ކެރިއަރުގައި ބާސެލޯނާގެ އިތުރުން، ސެވިއްޔާ، ޕީއެސްޖީ އަދި ޔުވެންޓަސް އަށް ވެސް ވަނީ ކުޅެފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އަލްވޭސް ހިމެނޭނެ އެވެ.