Advertisement

އަންހެނަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަލްވޭސް ހައްޔަރުކޮށްފި

21 ޖަނަވަރީ 2023 - 11:23 0


އަންހެނަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަލްވޭސް ހައްޔަރުކޮށްފި

21 ޖަނަވަރީ 2023 - 11:23 0

ބާސެލޯނާ (ޖެނުއަރީ 21) - ބާސެލޯނާގެ ނައިޓް ކްލަބެއްގެ ތެރެއިން އަންހެނަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ބްރެޒިލްގެ ފުލްބެކް، ޑެނީ އަލްވޭސް، އިއްޔެ ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހު ބާސެލޯނާ ސަރަހައްދުގެ ނައިޓް ކްލަބެއްގެ ތެރެއިން، އަލްވޭސް، 39، އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލައި، ހަމަލާދިން ކަމުގެ މައްސަލަ ކަޓަލޫނިއާ ސަރަހައްދު ފުލުހުންނަށް އެ އަންހެން މީހާ ހުށަހެޅީ މި މަހު ދެ ވަނަ ދުވަހު އެވެ.

އަންހެން މީހާ އެ މައްސަލަ ޖެއްސި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 30-31 ގައި ބާސެލޯނާގެ ނައިޓް ކްލަބެއްގަ އެވެ.

ސްޕެއިންގެ ނޫހަކަށް އަލްވޭސް ދިން އިންޓަވިއުއެއްގައި މީގެ ކުރިން ބުނެފައިވަނީ، އެ ރޭ ތަކުގައި އެ ކްލަބަށް ދިޔަ ކަމަށާއި އެކަމަކު، މީހެއް ހިތްހަމަނުޖެހޭ ގޮތަށް ނުރުހުމުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"އެންމެނަށް ވެސް އެނގޭނެ އަހަންނަކީ ވަރަށް ބޮޑަށް ނަށަން ޝައުގުވެރިކަން ހުންނަ މީހެއް ކަން. އަހަރެން އެ ކްލަބްގައި ވެސް ނެށުމާއި މަޖާ ކުރުމުގައި ވަގުތުތަކެއް ހޭދަކުރިން. އަހަރެން އެކަން ކުރީ އެއްވެސް މީހަކަށް އުނދަގޫވާ ގޮތަކަށް ނޫން،" އަލްވޭސް ބުނެފައިވެ އެވެ.

މެކްސިކޯގެ ޕޫމާސް އަށް ކުޅެމުން އަންނަ އަލްވޭސް އޭރު ބާސެލޯނާގައި ހުރީ، ފީފާ ވޯލްޑް ކަޕަށް ފަހު ލިބުނު ދެ ހަފްތާގެ ޗުއްޓީގަ އެވެ.

މި ވަގުތު ފުލުހުންގެ ހައްޔަރުގައި ހުރި އަލްވޭސްއާ ދެކޮޅަށް އަންހެން މީހާ ހުށަހަޅާފައިވާ މި މައްސަލައިގައި މިއަދު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.