Advertisement

ޑެނީ އަލްވޭސް މެކްސިކޯ ޕޫމާސް އަށް

24 ޖުލައި 2022 - 11:33 0


ޑެނީ އަލްވޭސް މެކްސިކޯ ޕޫމާސް އަށް

24 ޖުލައި 2022 - 11:33 0

މެކްސިކޯ ސިޓީ (ޖުލައި 24) - މިިދިޔަ ސީޒަނަށް ފަހު ބާސެލޯނާ އިން ދޫކޮށްލި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް މެކްސިކޯގެ ޕޫމާސް އަށް ސޮއިކޮށްފި އެވެ.

ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަލްވޭސް ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ބަދަލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. އެކަމަކު، ބާސެލޯނާގެ ކޮންޓުރެކްޓް އާނުކުރާ ކަމަށް އޭނާ ވަނީ މިދިޔަ މަހު ބުނެފަ އެވެ.

އަލްވޭސް ،39، މެކްސިކޯގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕޫމާސްއާ އެކު ސޮއިކުރި ކޮންޓުރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އަލްވޭސް އަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ކެެރިއަރުގައި، ޖުމްލަ 44 އަހަރު ތަށި ވަނީ ހޯދައިފަ އެވެ. ބާސެލޯނާގެ އިތުރުން އޭނާ ވަނީ ޔުވެންޓަސް އާއި ޕީއެސްޖީ އަދި ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި އަލަށް ބާސެލޯނާއާ ގުޅުނު އަލްވޭސް އެންމެ ފުރަތަމަ އެ ޓީމަށް ކުޅުނީ 2008 އިން 2016 އަށެވެ. މިދިޔަ އަހަރު އޭނާ ބާސެލޯނާ އަށް އެނބުރި ދިޔައީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ކޮންޓުރެކްޓް އާނުކޮށް، ބާސާ އިން އަަމަލުކުރި ގޮތާމެދު އަލްވޭސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ބާސެލޯނާ އިން އަހަންނަށް އަލުން ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން، އެކަމަކު ކޮންޓުރެކްޓްއާ ގުޅިގެން ބާސާ އިން އަމަލުކުރީ ރަނގަޅަކަށް ނޫން،" އަލްވޭސް ބުންޏެވެ.

އަލްވޭސްގެ އެއް ޓާގެޓަކީ މި ފަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ޓީމުގައި ހިމެނުމެވެ.