Advertisement

ރަށު ނޯޓު: ރީތިރީތި ފުޅަދޫ

14 ޖަނަވަރީ 2023 - 12:41 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބ. ފުޅަދޫ: މިއީ ގުދަރީ ރީތިކަން ފުރިހަމަ ރަށެއް. -- ފޮޓޯ: އިވެން / ފުޅަދޫ ބީޗް


ރަށު ނޯޓު: ރީތިރީތި ފުޅަދޫ

14 ޖަނަވަރީ 2023 - 12:41 1

މީގެ 120 އަހަރު ކުރިން، ފްރާންސްގެ މަޝްހޫރު ލިޔުންތެރިޔާ ޕިރާޑު ދިލާވާލްގެ "ކޯބިން" ކިޔާ ނައު އުރުނެވެ. އެ ރަށުގައި އެތައް ދުވަހެއް ވަންދެން އޭނާ އުޅުނެވެ. އިހު ޒަމާނުގައި އުމުރު ދުވަހުގެ ހުކުމަށް މީހުން އަރުވާލީ ވެސް އެ ރަށެވެ. ނަމަވެސް މިހާރު އެއީ ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ފުރިހަމަ މަންޒިލެކެވެ.

ބ. އަތޮޅުގެ މި ރަށް އޮންނަނީ ފެހެންދޫ އާއި ގޮއިދޫ ހިމެނޭ ގޮތަށް ތޮބިއީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގަ އެވެ. "އަތްވެސް ނުލައި" އޮތް ގުދުރަތީ ވެށި ހިމެނޭ 28 ހެކްޓަރުގެ ރީތި މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެފް 14 އެވެ.

ރަށުގެ ރަޖިސްޓްރީގައި ގާތްގަނޑަކަށް 390 ވަރަކަށް މީހުން ހިމެނޭއިރު، ދިރިއުޅޭ އާބާދީއަކީ 200 އެވެ. ފެށުނީއްސުރެ ރަށުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެކެވެ. ހާއްސަކޮށް ފާނައިގެ މަސްވެރި ކަމެވެ. މިހާރު މިއީ ލޯކަލް ޓޫރިޒަމްގައި ވެސް ނަން ހިނގާ ރަށެކެވެ. އެންމެ ރީތި ގޮނޑުދޮށް އޮތް އެއް ރަށެވެ. މި ރަށުގެ އެންމެ ހިތްގައިމު އެއް ތަނަކީ، ފަޅުގައި އުފެދިފައިވާ ރޯޒް ކޮރަލް ގާޑެން، ނުވަތަ ފިނިފެންމާ ހަތާގެ ބޮޑު ބަގީޗާއެވެ. ބަލައި ފޫހިނުވާނެ، އަޖައިބެއް ފަދަ ދިރުންތައް އެހާމެ މުއްސަނދި ބަގީޗާއެކެވެ.

ހިތްގައިމު ގޮނޑުދޮށާއި ފަޅާއި ފަރުގެ ރީތިކަން ތަޖުރިބާކޮށްލުމަށް އަންނަ ޓޫރިސްޓުންނާއި ދިވެހިންނަށް މިވަގުތު ރަށުގައި ފަސް ގެސްޓް ހައުސް އެބަ ހުއްޓެވެ. ރަށުގައި އާންމު ވިޔަފާރިކުރާ ތިން ފިހާރަ ހުރިއިރު، ކެފޭތައް ހުރީ ގެސްޓްހައުސްއާއެކު އެވެ.

ދިރުންތަކަށް ބަދަލު ނާންނާނެ ފަދަ ގޮތަކަށް، ތިމާވެއްޓާ ރަހުމަތްތެރި ޑިޒައިނަކަށް ފުޅަދޫ ބަނދަރު ހަދާފައި ވާއިރު، 24 ގަޑިއިރު ކަރަންޓް ލިބެ އެވެ. ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް އެދަނީ ކުރަމުންނެވެ. ރަށުގައި ކިޔަވައިދެނީ ގްރޭޑު 9 އަށެވެ.

މިއީ ސަގާފީ ކުޅިވަރުތައް ވެސް ކުޅެއުޅޭ ރަށެކެވެ. ލޯކަލް ޓޫރިޒަމްއާއެކު ރަށުގައި ޒުވާނުން ބޮޑުބެރު ޖަހައިގެން ވެސް ފައިސާ ހޯދަ އެވެ.

ރަށުގެ ހާއްސަ އަނެއް ސިފަ ކުރަހާލަ ދިނުމަށްޓަކައި ކައުންސިލްގެ ރައީސް އަލީ އަޒުހަރު ވިދާޅުވީ "އޮޅިގެން ޖޯލިފަތީގައި ފޯނު ބޭއްވިފަ ދެވުނަސް، އެއް ހަފުތާ ފަހުން އަޔަސް އެ ފޯނު ލިބޭނެ،" ކަމަށެވެ.

"މި ރަށާމެދު މީހުން ހިތްހަމަ ޖެހެނީ މިފަދަ އިޖުތިމާއީ ރީތި އާދަތަކެއް ހުރުމުން،" އޭނާ ވިދާޅުވި އެވެ.

މިރަށުގެ ސާފު ބިއްލޫރު ގަނޑެއް ފަދަ ފަޅާއި، ފަޅުގައި ހިމެނޭ ފިނޮޅުތަކާއި ރަށުގެ ފެހިކަން ގަދަ ވެށީގެ އިތުރުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކާއި އުޅުމާއި ގުޅުމާއި އިޖުތިމާއީ ރިވެތި އަހުލާގުން ރަށަށް އިތުރު ފުރިހަމަ ކަމެއް ގެނުވަ އެވެ.