12 ޖަނަވަރީ 2023 - 22:25 0
ރައީސް ސޯލިހު މިރޭގެ ޖަލްސާގައި: -- ފޮޓޯ: ރައީސް އޮފީސް
12 ޖަނަވަރީ 2023 - 22:25 0
ދިވެހިރާއްޖޭގައި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްވެރިކަމާއި ފަތުރުވެރިކަން ބީއެމްއެލުން ވުޖޫދަށް އައުމުގެ ކުރިން އޮތީ މާ ބޮޑުތަން ތަރައްގީނުވެ ކަމަށެވެ.
"އެ ދެ ތަނބު [މަސްވެރިކަމާއި ފަތުރުވެރިކަން] ގެ މަތީގައި ރާއްޖޭގެ އގްތިސާދު ހިފެހެއްޓިފައި މި އޮންނަނީ މި ބޭންކުގެ ހަކަތަ އާއި ފަންވަރުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބީއެމްއެލް ވުޖޫދަށް އައިސް މަސްވެރިކަމާ ގުޅޭ ލޯނުތައް ދޫކުރަން ފެށުމުން "ދިވެހި މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ކުރިއަރައިގެންދިޔަ" ކަމަށެވެ.
"މަސްވެރިކަމަށް ހާއްސަކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން މަސްވެރިކަމުގެ ރިޔަންތައް ވިހިން. ފަންސަވީހުން، ތިރީހުން، ސާޅީސް ރިޔަނަށް ބަދަލުވެގެންދިޔަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރުމުގައި ބޭންކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
"ފަތުރުވެރިކަމަށް ވެސް އެފަދަ އިންގިލާބީ ބަދަލުތަކެއް މި ބޭންކުން ގެނެސްދީފި. ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެންދިޔުމުގައި މި ބޭންކުގެ މާލީ ދައުރު ބޮޑު،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، މާލެ އާއި ރާއްޖެއަށް ވެސް ބީއެމްއެލްގެ ސަބަބުން އުމްރާނީ ތަރައްގީތަކެއް އައިސްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބޭންކުގެ އެހީއާއެކު މާލެއަށް އަންނަމުންދިޔައީ "އުމްރާނީ ތަރައްގީގެ ރޮނގުން ކުއްލި ބަދަލުތަކެއް" ކަމަށެވެ.
ބީއެމްއެލް އުފެއްދީ ނޮވެމްބަރު 11، 1982 ވަނަ އަހަރެވެ. އެއީ ދިވެހި ސަރުކާރުން އުފެއްދި ފުރަތަމަ ބޭންކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment