Advertisement

ބިދޭސީންނަށް މިނިމަމް ވޭޖާއި ރައްކާތެރި މާހައުލެއް ޔަގީންކޮށްދޭން ގޮވާލައިފި

11 ޖަނަވަރީ 2023 - 19:56 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނީލަން ފިހާރަ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން؛ ބިދޭސީންނަށް މިނިމަމް ވޭޖާއި ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ގޮވާލައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބިދޭސީންނަށް މިނިމަމް ވޭޖާއި ރައްކާތެރި މާހައުލެއް ޔަގީންކޮށްދޭން ގޮވާލައިފި

11 ޖަނަވަރީ 2023 - 19:56 1

ރާއްޖޭގައި މަސައްކަތް ކުރާ ނުވަތަ ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަމުގެ މިންގަނޑު ޔަގީންކުރުމަށް މިޝަން ފޮ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ބިދޭސީންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ، އެމްއެމްޑަބްލިއު އާއި ޓްރާންސްޕޭރެންސީ ގުޅިގެން ގޮވާލުންތަކެއް ހިމެނޭ ގޮތަށް ބަޔާނެއް ނެރުނީ ނީލަން ފިހާރައާއި އެ ތަނާ އިންވެގެން ހުންނަ ބިދޭސީންގެ ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ބިދޭސީންތަކެއް ހާލުގައި ތިބި ވަގުތެއްގަ އެވެ.

ނީލަން ފިހާރަ ހިމެނޭ ސަރަހައްދުގައި މީގެ ކުރިން ވެސް އެކި ފަހަރު އަލިފާނުގެ ހާދިސާ ހިނގާފައި އޮތް އިރު، މިދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ 171 އަށް ވުރެ ގިނަ ބިދޭސީން ވަނީ ހާލުގައި ޖެހިފަ އެވެ.

އެމްއެމްޑަބްލިއުއާއި ޓްރާންސްޕޭރެންސީން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ދިރިއުޅުމަށް ހަދާފައި ހުންނަ ތަންތަނުގައި ގާއިމްކުރަން ޖެހޭ ސަލާމަތީ މިންގަނޑުތައް ގާއިމްނުކޮށް ހަދާފައި ހުންނަ ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ އެ ކަމާ ހިތާމަކުރާ ކަމަށެވެ.

އެ ބަޔާނުގައި މައިގަނޑު ހަތަރު ކަމަކަށް ގޮވާލާފައިވެ އެވެ.

ފުރަތަމަ ކަމަކީ، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަންތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންވަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެ ތަންތަން ފެތޭތޯ ޔަގީންކޮށް، ނުފެތޭނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ދެވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުން ދެން ފެށޭ ދައުރުގައި ވީ އަވަހަކަށް ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނު އިސްލާހު ކުރުމަށެވެ. އަދި އެއްވެ އުޅުމާއި، ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކުރަން އެކުގައި މަސައްކަތް ކުރުމުގެ ބާރު ވެސް ގާނޫނުން ދިނުމަށް ގޮވާލާފައިވެ އެވެ.

ތިންވަނަ ކަމަކީ، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލް ފާސްކޮށް ވީހާވެސް އަވަހަށް ތަސްދީގު ކުރުމަށް ފަހު މަސައްކަތްތެރީންނަށް މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުންތަކަށް ހައްގު ބަދަލު ދެވޭނެ ނިޒާމެއް ގާއިމްކުރުމަށެވެ.

ހަތަރުވަނަ ކަމަކީ، އަލިފާނުގެ ހާދިސާތައް ވީ އަވަހަށް ތަހުގީގުކޮށް ނިމި އޭގެ ހަގީގަތް ހާމަކޮށްދިނުމެވެ. އަދި އެފަދަ ކުއްލި ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނާއި ބިދޭސީން ވަގުތުން ބައިތިއްބާނެ ފެސިލިޓީއެއް ގާއިމްކޮށްދިނުމަށެވެ.