11 ޖަނަވަރީ 2023 - 12:09 0
އަހުމަދު އާއިދު
ހޯމަ ދުވަހު ނީލަން ފިހާރާގައި ރޯވެ އަނދަނީ: ސިޓީ ކައުންސިލުން ވަނީ އެ ތަނުގައި ދެން ނީލަން ފިހާރަ ނުހިންގަން ނިންމާފައި -- ފޮޓޯ: އަދަދު
11 ޖަނަވަރީ 2023 - 12:09 0
މި މަހުގެ ނުވަ ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ނީލަން ފިހާރަތައް، ދެން އެ ތަނުގައި ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލިނުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 84 ވަނަ ރަސްމީ ޖަލްސާ ގަ އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނީލަން ފިހާރަތައް ހުރި ތަނުން ބަދަލު ކުރުމަށް މީގެ ކުރިންވެސް އެ ކައުންސިލުން ނިންމައި، އެ އިދާރާއަށް ނެގެން އޮތް މިންވަރަކުން ނަގާފައިވާ ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވުނު ކައުންސިލްގެ މި ދައުރުގެ 12 ވަނަ އާންމު ޖަލްސާގައި ނީލަން ފިހާރަތައް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ނިންމާ އެކަން ސަރުކާރުގެ ރަސްމީ އިދާރާތަކަށް އެންގުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމި ކަމަށެވެ.
"ހަމަ އެ ދުވަހު ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ މިއޮތީ، މާލޭގެ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނި ކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމައްޗަށް ވާގޮތަށް ހުންނަ ނީލަން ތަކެތި ވިއްކާ ސަރަހައްދު އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް މި ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއިން ނިންމި ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ނީލަން ފިހާރަ އެނދި އިރު ހުރި ތަނުގައި ހިންގުމަކީ ޗޮއިސް އެއް ނޫން ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގައި ނީލަން ފިހާރަ ހިންގުމަށް އެދި ކައުންސިލުން ހުށަހެޅި ބިން މިހާރުވެސް އޮތީ ހުސްކޮށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ހުށަހެޅުއްވި ގޮތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ނީލަން ފިހާރަ ހިންގުމަށް ހުށަހެޅި ހުށަހެޅުން މިއަދު ބޭއްވި ބައްދަލުވުމުން ފާސްވެފައިވަނީ ބައްދަލުމުގައި ބައިވެރިވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
ހޯމަ ދުވަހު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކުގައިވެސް ވަނީ ރޯވެ އަނދާފަ އެވެ. އެ ބްލޮކުގައި ދިރިއުޅުނު ސިޓީ ކައުންސިލްގެ މުވައްޒަފުން މިވަގުތު ތިބީ ވަގުތީ ހިޔަލުގަ އެވެ.
Comment