Advertisement

އުމުރުން 33 އަހަރުގެ ބޭލް ފުޓްބޯޅައިން ރިޓަޔާކޮށްފި

9 ޖަނަވަރީ 2023 - 20:47 0


އުމުރުން 33 އަހަރުގެ ބޭލް ފުޓްބޯޅައިން ރިޓަޔާކޮށްފި

9 ޖަނަވަރީ 2023 - 20:47 0

ކާޑިފް، ވޭލްސް (ޖެނުއަރީ 9) - ޓޮޓެންހަމް ހޮޓްސްޕާސް އާއި ރެއާލް މެޑްރިޑަށް ކުޅުނު ވޭލްސްގެ ތަރި ގަރެތު ބޭލް، އުމުރުން 33 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު ބޭލް ބުނީ 17 ސީޒަނުގައި އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެން ލިބުނު ކޮންމެ ފުރުސަތެއްގައި ބޭނުންހިފީ އެންމެ ރަނގަޅަށް ކަމަށެވެ. ކްލަބް ލެވަލްގަޔާއި ގައުމީ ޓީމުގައި ކުޅުނު ކޮންމެ މެޗެއްގައި ވެސް ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް ބޭލް ވަނީ ބުނެފަ އެވެ.

"އަހަރެން ސައުތެމްޓަންގައި ކުޅެން ފަށައި، ފުރަތަމަ ބޯޅައިން ފެށިގެން އެލްއޭ އެފްސީގައި ކުޅުނު ފަހު ބޯޅައާ ހަމައަށް ކުރެވުނު ކޮންމެ ކަމަކާ މެދު ފަހުރުވެރިވަން، އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ކުޅެލަން ލިބި. 111 މެޗު ގައުމީ ޖޯޒީގައި ކުޅެލުމަކީ ލިބުނު ފަހުރެއް ކަމުގައި ދެކެން، އަދި ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅެލަން ލިބުމަކީ ކެރިއަރުގައި އެންމެ ހާއްސަވާނެ ކަންތައް،" ބޭލް ސޯޝަލް މީޑިއާ މެސެޖުގަައި ލިޔެފައިވެ އެވެ.

ބޭލް، ރިޓަޔާކުރިކަން އިއުލާނުކުރަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓް.


ބޭލް ބުނީ ފުޓްބޯޅައިން ރިޓަޔާކުރުމުގައި އެންމެ އުނދަގޫ ނިންމުމަކަށްވީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށެވެ. ވޭލްސްގެ ތާރީހުގައި ލިޔެވޭ ފަދަ ގިނަ ކަންތައްތަކެއް ކުރެވުނީތީ އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ބޭލް ވަނީ ބުނެފަ އެވެ.

ޔޫތު ކެރިއަރު ސައުތެމްޓަނުން ފެށި ބޭލް އެންމެ ފުރަތަމަ ކުޅެން ފެށީ ވާތު ބެކަކަށެވެ. ސައުތެމްޓަނަށް 1998-2007 އަށް ކުޅުމަށް ފަހު ބޭލް، ދެން ބަދަލުވީ ޓޮޓެންހަމް އަށެވެ. ބޭލް، ސައުތެމްޓަން ސީނިއާ ޓީމަށް ކުޅެފައިވަނީ އެއް އަހަރު އެވެ. ބޭލް، 2007، ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ ހަތް މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޓޮޓެންހަމަށް ކުޅެމުން ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ބޭލް ޓޮޓެންހަމްގައި ތަފާތު ދައްކަން ފެށީ، އޭނާ އެޓޭކިން ހާފުގައި ބޮޑަށް ބޭނުންކުރަން ފެށި ފަހުންނެވެ.

ކުޅުން ދަށްވެގެން، 2009 ވަނަ އަހަރު، ޓޮޓެންހަމުން ބޭލް، ހަތަރު މިލިއަން ޑޮލަރަށް ފުލަމް އަށް ވިއްކާލަން އުޅުނުއިރު، އެ ޑީލަށް ދެކޮޅު ހެދީ ބޭލް އެވެ. ފަހުން، ޓީމުގެ އިސް ކުޅުންތެރިއަކަށް ވެ ބޭލް ވަނީ އިނގިރޭސި ފުޓްބޯޅައިގައި އިންޑިވިޖުއަލް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ބޭލް ތަށްޓަށް ބޮސްދެނީ.


ބޭލްގެ ކްލަބް ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލް މެޑްރިޑާ އެކުގަ އެވެ. ރެއާލުން، 2013 ވަނަ އަހަރު ބޭލްގެ ސޮއި ހޯދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޑޮލަރަށެވެ. ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ރެއާލްގައި ބޭލްގެ ހާއްސަ މެޗުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑަކީ ހާއްސަ އުސްއައްޔެކެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.

ރެއާލްގެ ކޮންޓްރެކްޓްގައި ހުރެ، ބޭލް، އެއް ސީޒަނުގައި، ޓޮޓެންހަމަށް ލޯން އުސޫލުން ކުޅުނެވެ. ރެއާލްގެ ކޮންޓްރެކްޓް ހަމަކޮށް، މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެމެރިކާ ލީގުގެ އެލްއޭ އެފްސީ އަށް ބަދަލުވެފަ އެވެ. އެ ޓީމާ އެކު، ބޭލް ވަނީ އެމްއެލްއެސް ކަޕާއި ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެެވެ.

ވޭލްސް އިން 64 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު ޓީމުގެ ކެޕްޓަންކަން ކުރި ބޭލް އަކީ 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ އަށް ވޭލްސް ދަތުރުކުރިއިރު، ޓީމުގެ ތަރި އެވެ. ކެރިއަރު ނިންމާލިއިރު، ބޭލް އަކީ ވޭލްސް އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.