Advertisement

ނީލަން ފިހާރަ އަލިފާނުގެ ހާދިސާ: 250 ބިދޭސީން ހާލުގައި ޖެހިފައި

9 ޖަނަވަރީ 2023 - 09:10 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މި ހާދިސާގައި 250 ބިދޭސީން ހާލުގައި ޖެހުނު، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނީލަން ފިހާރަ އަލިފާނުގެ ހާދިސާ: 250 ބިދޭސީން ހާލުގައި ޖެހިފައި

9 ޖަނަވަރީ 2023 - 09:10 0

ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި 250 ބިދޭސީއަކު ހާލުގައި ޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން "އަދަދު"އަށް ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހުނު 250 ބިދޭސީން މިވަގުތު ތިބީ އިމާދުއްދީންް ސްކޫލުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓު ގުޅިގެން އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބައެއް ފަރާތްތަކުގެ އެހީއާއެކު އެމީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިވަގުތު އެ ހުރިހާ ބޭފުޅުންވެސް އެކޮމަޑޭޓް ކުރަނީ އިމާދުއްދީން ސްކޫލުގައި، އެތާނުގަ މިވަގުތު 250 އެއްްހާ މީހުން އެބަތިބި،" އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު 6:00 ހާއިރު ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އެކަމޮޑޭޝަން ބްލޮކް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު"އަށް ވިދާޅުވީ، ސްޓާފް އެކޮމަޑޭޝަންތަކުގައި ތިބި ބިދޭސީން އެ ކައުންސިލުގެ އެހެން އެކޮމަޑޭޝަންތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އެހެން ނަމަަވެސް އެތަންތަނުގައި އެކޮމަޑޭޓް ކުރެވޭނީ މަދު ބައެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިހާރު އެމީޙުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދެވޭނެ އިތުރު ތަންތަންވެސް ބަލަމުން އަންނަ ކަމަށެވެ.

"ވަރަށް މަދު ބަަަޔަކު މިހާރު ހުރި އެކޮމަޑޭޝަނުގައި ބެއިތިއްބޭނީ. އިތުރު ގޮތްތައްވެސް ބަލަމުން އަޅުގަނޑުމެން މި ގެންދަނީ" މުއިއްޒު ވިދާޅުވިއެވެ.

ނީލަންފިހާރައިގައި ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުމަށްވެސް ވަނީ ބުރޫ އަރާފަ އެވެ. އަލިފާންގަނޑުގެ 70 ޕަސަންޓު ނިއްވާލެވިފައިވާއިރު، އަދިވެސް ރޯވި ސަރަހައްދުގެ މެދުން އަލިފާން ނިއްވާ ނުލެވެ އެވެ. އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފަ އެވެ.