Advertisement

ނީލަން ފިހާރަތަކުގައި އަލިފާން ރޯވެ އަނދައިފި

9 ޖަނަވަރީ 2023 - 06:34 0


ނީލަން ފިހާރަތަކުގައި އަލިފާން ރޯވެ އަނދައިފި

9 ޖަނަވަރީ 2023 - 06:34 0

މާލޭގައި ހުންނަ ނީލަން ފިހާރަތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

ފިހާރަތައް ހުންނަ މުޅި ސަރަހައްދުގައި އަލިފާން ހިފާފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލްކުރަން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިހާރު ވެސް އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ހުޅުގަނޑު އެތައް ފޫޓެއް މައްޗަށް ހުރިއިރު، ބާރު ގޮވުންތަކެއްގެ އަޑު ވެސް އިވުނެވެ.

މަންޒަރު ދުއް ބައެއް މީހުން ބުނީ އެ ސަރަހައްދުން ދުން އަރަން ފެށީ ފަތިހު 5:45 ހާއިރު ކަމަށެވެ.

އަލިފާންގަނޑު ފެތުރި، އެ ސަރަހައްދާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލުގެ ސްޓާފް ކުއާޓާސްގައި ވެސް މިހާރު އަލިފާން ވަނީ ހިފާފަ އެވެ.

އެ ކުއާޓާސްގައި ތިބި މީހުން ވަނީ ވަގުތީ ގޮތުން އިމާދުއްދީން ސްކޫލަށް ގެންގޮސްފަ އެވެ.


އިމާދުއްދީން ސްކޫލްގެ ކިޔެވުން މިއަދު ކެންސަލްކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުންނަ ބިލަބޮންގް ސްކޫލްގެ ކިޔެވުން ފެށުން ވަނީ ހެނދުނު 10:15 އަށް ފަސްކޮށްފަ އެވެ.

އަލިފާންގަނޑު ފެތުރުން އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ، އެ ސަރަހައްދުގައި ހުންނަ އެހެން ބިދޭސީ އެކަމޮޑޭޝަންތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ.

އެމްއެންޑީއެފްއާއެކު ފުލުހުން ވެސް ހަރަކާތްތެރިވަމުންދާއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފަހުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ހިނގަމުން އަންނަ އަލިފާނުގެ ބޮޑެތި ހާދިސާތަކާ ގުޅިގެން ހާއްސަ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ހަމީދު ނުދެއްވަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެ ސަރަހައްދަށް ވަޑައިގެންފައިވާއިރު، އަލިފާންގަނޑުގެ ބޮޑުބައި މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ދާދި ދެންމެ އަކު ބުނީ އަލިފާންގަނޑުގެ 70 ޕަސަންޓު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

"ދެ ފަޅިން ރޯވެފައި ހުރި އަލިފާން ނިއްވާލެވިއްޖެ. އެކަމަކު މެދެތެރެއަށް އަދިވެސް ރީޗު ނުވެވޭ ހިސާބެއް އެބަހުރި،" އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ބްލޮކުގެ ތެރެއިން އެއް ބްލޮކު އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި އެތަނަށް ވަދެ ސިފައިން ބެލި ބެލުމުން އެއްވެސް މީހަކު އެތަނުން ފެނިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި 250 ބިދޭސީއަކު ހާލުގައި ޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން "އަދަދު"އަށް ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހުނު 250 ބިދޭސީން މިވަގުތު ތިބީ އިމާދުއްދީންް ސްކޫލުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓު ގުޅިގެން އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބައެއް ފަރާތްތަކުގެ އެހީއާއެކު އެމީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިވަގުތު އެ ހުރިހާ ބޭފުޅުންވެސް އެކޮމަޑޭޓް ކުރަނީ އިމާދުއްދީން ސްކޫލުގައި، އެތާނުގަ މިވަގުތު 250 އެއްްހާ މީހުން އެބަތިބި،" އޭނާ ވިދާޅުވި އެވެ.

އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފާ ހަވާލާދީ ފުލުހުން ދާދި ދެންމެ އަކު ބުނެފި އެވެ.

ތަފްސީލް އަންނަނީ...