Advertisement

ވޯލްޑް ކަޕްގެ ނާކާމިޔާބާ ގުޅިގެން ގަތަރުން ކޯޗުގެ ކޮންޓުރެކްޓް އަލެއްނުކުރި

1 ޖަނަވަރީ 2023 - 11:12 0

ގަތަރުގެ ކޯޗު ފީލިކްސް ސަންޗޭޒް: އެ ޓީމުގެ ކޮންޓްރެކްޓް ހަމަވުމުން މަގާމުގައި ނުހުންނާނެ.


ވޯލްޑް ކަޕްގެ ނާކާމިޔާބާ ގުޅިގެން ގަތަރުން ކޯޗުގެ ކޮންޓުރެކްޓް އަލެއްނުކުރި

1 ޖަނަވަރީ 2023 - 11:12 0

ދޯހާ (ޖެނުއަރީ 1) - ވޯލްޑް ކަޕްގައި ގަތަރުގެ ޓީމުން ނެރުނު ދަށް ނަތީޖާތަކަށް ފަހު، އެ ޓީމުގެ ކޯޗަކަށް ހުރި ސްޕެއިންގެ ފެލިކްސް ސަންޗޭޒްގެ ކޮންޓުރެކްޓް އާނުކުރުމަށް ގަތަރުގެ ފުޓްބޯލް ފެޑަރޭޝަނުން ނިންމައިފި އެވެ.

އަމިއްލަ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ގަތަރު ކެޓިއިރު، އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ. މިއީ ވޯލްޑް ކަޕެއްގެ ހޯސްޓްގެ އެންމެ ދަށް ނަތީޖާ އެވެ.

ސަންޗޭޒް ،47، ގަތަރާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ އިއްޔެގެ ނިޔަލަށެވެ. އެހެންކަމުން، އޭނާގެ ކޮންޓުރެކްޓް އާނުކުރަން ނިންމާފައިވާކަން ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއްުޔެ އިއުލާންކޮށްފަ އެވެ.

"ސަންޗޭޒް މި ޓީމަށްކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވަން. ގަތަރުގެ ފުޓްބޯޅައިގައި ތާރީހީ ހަނދާންތަކެއް ސަންޗޭޒާ އެކު ލިބުނު. އަބަދު ވެސް ޝުކުރުވެރިވާނަން،" ގަތަރުގެ ފެޑަރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ގަތަރުން ވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބޮޑު ހޭދައެއްކޮށްފަ އެވެ. ވޯލްޑް ކަޕްގެ ފެށުމުގެ ކުރިން ޔޫރަޕްގެ އެކި ގައުމުތަކުގައި ގަތަރުގެ ޓީމު ކޭމްޕްކޮށް، މުބާރާތަށް ތައްުޔާރުވި އެވެ. މިހާރު އެކަމަށް ފާޑުކިއުންތައް ވެސް އަމާޒުވެފައިވެ އެވެ.

މީގެ 16 އަހަރު ކުރިން ގަތަރުގެ އެސްޕަޔާ އެކެޑަމީގެ ޕްރޮޖެކްޓެއްގެ ދަށުން އެ ގައުމަށް ދިޔަ ސަންޗޭޒް، ގަތަރު ކޯޗުކަމާ 2017 ވަނަ އަަހަރު ހަވާލުވި އެވެ. އޭނާ އިރުޝާދުގެ ދަށުން ގަތަރުން ވަނީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.

އެކަމަކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން ބަލިވެ، ފެށުން ގޯސްވި ހިސާބުން ގަތަރަށް އަރައިގަންނަން އުނދަގޫވިއެވެ. މިއީ މުބާރާތުގެ ހޯސްޓެއް ގުރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ. -- އޭއެފްޕީ