Advertisement

މެސީ ވޯލްޑް ކަޕްގައި ބޭނުންކުރި ޖޯޒީތަކެއް ނީލަމުގައި ވިއްކާލަނީ

21 ނޮވެންބަރު 2023 - 10:45 0


މެސީ ވޯލްޑް ކަޕްގައި ބޭނުންކުރި ޖޯޒީތަކެއް ނީލަމުގައި ވިއްކާލަނީ

21 ނޮވެންބަރު 2023 - 10:45 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 21) - ގަތަރުގައި މިދިޔަ އަހަރު ފަހުކޮޅުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބޭނުންކުރި ޖޯޒީތައް ނީލަމުގައި ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

މެސީ، ވޯލްޑް ކަޕްގައި ބޭނުންކުރި ހަ ޖޯޒީއެއް ވިއްކާލަން ހަމަޖެހިފައިވާއިރު، މި ޖޯޒީތަކުގެ އަގު 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މެސީގެ ޖޯޒީތައް ހިމެނޭ އޯކްޝަން ކުރިއަށްދާނީ މި މަހު 30 އިން އަންނަ މަހުގެ 14 އަށް ކަމަށް އެ ކަން އިންތިޒާމްކުރާ ފަރާތުން މީޑިއާ އަށް މައުލޫމާތު ދެ އެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވާ ޖޯޒީތަަކަކީ މެސީ ވޯލްޑް ކަޕްގެ އެކި މެޗުތަކުގައި ބޭނުންކުރި ޖޯޒީ އެވެ. އެ މެޗުތަކަކީ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ، މެކްސިކޯ އަދި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ބޭނުންކުރި ޖޯޒީ އާއި ނެދަލެންޑްސް އާއި ކްރޮއޭޝިއާ އަދި ފައިނަލުގައި ފްރާންސާ ދެކޮޅަށް ބޭނުންކުރި ޖޯޒީ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގެ ހާފެއްގައި މެސީ ބޭނުންކޮށްފައިވަނީ ވަކި ޖޯޒީ އެކެވެ. އޭގެ ތެެރެއިން ބައެއް ޖޯޒީ އޭނާ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް ދީފަ އެވެ.

މެސީގެ ޖޯޒީތައް 10 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑުކޮށް ވިކިއްޖެނަމަ އެ ވެގެންދާނީ ކުޅިވަރު ތަރިއެއްގެ ޖޯޒީއެއް ނީލަމުގައި ވިކޭނެ އެންމެ އަގުބޮޑު ޑީލަށެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ 10.1 މިލިއަން ޑޮލަރަށް ވިކުނު ބާސްކެޓްބޯޅަ ތަރި މައިކަލް ޖޯޑަންގެ ޖޯޒީ އެވެ. އެ ޖޯޒީ އަކީ 1998 ވަނަ އަހަރު އެންބީއޭ ފައިނަލްސްގައި މައިކަލް ޖޯޑަން ބޭނުންކުރި ޖޯޒީ އެވެ.