28 ޖަނަވަރީ 2023 - 09:41 0
28 ޖަނަވަރީ 2023 - 09:41 0
ޒިއުރިކް (ޖެނުއަރީ 28) - މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އުރުގުއޭ އިން ކުޅުނު ފަހު މެޗުގައި އެ ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކުގެ މައްސަލަ ބަލައި، ފީފާ އިން އުރުގުއޭ ފެޑެރޭޝަނާއި އެ ކުޅުންތެރިންނަށް އަދަބުދީފި އެވެ.
ވޯލްޑް ކަޕް، މީގެ ކުރިން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޭނުންވި ވަރުގެ ނަތީޖާ އެއް ނުލިބުމުންނެވެ. ގާނާ އަތުން 2-0 އިން މޮޅުވި ނަމަވެސް ޕޮއިންޓަށް ބަލާއިރު ސައުތު ކޮރެއާއާ އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު ސައުތު ކޮރެއާ އަށް ކުރި ލިބޭތީ، އުރުގުއޭ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ގާނާ މެޗު ނިމުމާއެކު އުރުގުއޭގެ ގިނަ ކުޅުންތެރިންތަކެއްވަނީ މެޗުގެ ރެފްރީ، ޑެނިއަލް ސިއެބާޓް ވަށާލައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން އެސިސްޓަންޓް ރެފްރީއާ ދިމާކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވެ އެވެ.
އުރުގުއޭ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން ހިންގި އެ ކަންތައްތަކުގެ ތެރޭގައި މެޗުގެ ރެފްރީގެ ގަޔަށް އަތްލައި، ރެފްރީއާ މުހާތަބުކޮށްފައިވާ ގޮތާއި ދަނޑުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފީފާ އިން ވަނީ ތަހުގީގުކޮށްފަ އެވެ.
މި މައްސަލަ ބެލި ގޮތުގެ ރިޕޯޓް އިއްޔެ ފީފާ އިން އާންމުކުރިއިރު، 54،248 ޑޮލަރުން އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށް، މައްސަލަ ދިމާވި ހަތަރު ކުޅުންތެރިއަކަށް ވަނީ ސަސްޕެންޝަންތަކެއް ދީފަ އެވެ.
އެ ގޮތުން، ވޯލްޑް ކަޕްގައި އުރުގުއޭގެ ދެ ވަނަ ކީޕަރަކަށް ހުރި ފެނާންޑޯ މުސްލޭރާ އާއި ޑިފެންޑަރު، ހޯސޭ ޖިމެނޭޒް ވަނީ ހަަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އަދި އެޑިންސަން ކަވާނީ އާއި ޑިއޭގޯ ގޮޑިން ވަނީ ކޮންމެ ކުޅުންތެރިއަކު އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ސަސްޕެންޑްކުރި ކޮންމެ ކުޅުންތެރިއަކު ވެސް އެކި ވަރުގެ ޖޫރިމަނާއެއް ދައްކަން އަންގާފައިވާއިރު، އުރުގުއޭ އިން ދެން ބައިނަލްއަގުވާމީ މެޗުތައް އަމިއްލަ ގައުމުގައި ކުޅޭއިރު، ދަނޑުގައި ސަޕޯޓަރުން ވެއްދޭނީ ފީފާ އިން ކަނޑައަޅާ އަދަދަކަށެވެ.
Comment