Advertisement

ވާގޮތް: ނެޓްފްލިކްސްގައި ފޮރުވިފައި ހުންނަ އެތައް ހާސް ފިލްމެއް؟

31 ޑިސެންބަރު 2022 - 16:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވާގޮތް: ނެޓްފްލިކްސްގައި ފޮރުވިފައި ހުންނަ އެތައް ހާސް ފިލްމެއް؟

31 ޑިސެންބަރު 2022 - 16:10 0

"ނެޓްފްލިކްސްގައި އަހަރެން ނުބަލާ ފިލްމެއް ވަރަށް މަދުވާނެ، ގާތްގަނޑަކަށް ހުރިހާ ފިލްމެއް ބެލިފައި ހުންނާނީ،" ވާހަކައެއްގެ ތެރެއިން އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިޔަކު އަހަރެން ގާތުގައި ބުންޏެވެ؛

މިއީ އޭނާ އެކަނި ގަބޫލު ކުރާ ކަމެއް ނޫނެވެ. ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިގޮތަށެވެ. ޚުދު އަހަންނަށް ވެސް ކުރިން ގަބޫލު ކުރެވިފައި އޮންނަނީ އެގޮތަށެވެ. ވާނީ އެހެންތާ އެވެ. ހޯމް އިސްކިރީނުން ފެންނަނީ ހައްތަހާ ވެސް ބަލާފައި ހުންނަ ފިލްމުތަކެވެ. އާ ފިލްމެއް ފެނިއްޖެ ނަމަ ނުބަލައި ދޫކޮށްނުލަމެވެ.

ނަމަވެސް, އިހަކަށް ދުވަހު ކަމުގެ ހަގީގަތް ރޭކާލިއިރު، ކަން އޮތީ ގަބޫލު ކުރި ގޮތާ ދިމާ އިދިކީލަކޮށެވެ. ހަގީގަތުގައި ނެޓްފްލިކްސްގައި އަހަރުމެންނަށް ނުފެންނަ އެތައް ބައިވަރު ފިލްމުތަކާއި ސީރީޒްތައް ހުރެ އެވެ. ކުރުގޮތަކަށް ބުނާ ނަމަ، ހަމައެކަނި ޖޯންރާތަކުގެ އަދަދަށް ބަލާލި ނަމަވެސް، ޖުމްލަ 27،002 ޖޯންރާ ނެޓްފްލިކްސްގައި ހިމެނެ އެވެ.

ތިޔަ ކިޔުނީ ހަމަ ރަނގަޅަށެވެ. އަދަދުގައި އޮޅުމެއް ނެތެވެ. ދެން އުފެދޭ ސުވާލަކީ އެހާ ބައިވަރު ޖޯންރާތަކުގެ ފިލްމުތަކާއި ސީރީޒްތައް ނެޓްފްލިކްސްގައި ހުރި އިރު ވެސް އަހަރުމެންނަށް އެ ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އެ ފިލްމުތަކާއި ސީރީޒްތަކަކީ އިތުރަށް ފައިސާ ދައްކައިގެން ބެލޭ ފިލްމުތަކެއްބާވަ އެވެ؟ ބަލާހިތްވާ ކަހަލަ ފިލްމެއް ހޯދަން އެތައް ވަގުތެއް ހޭދަ ކުރާއިރު ވެސް ގަޔާވާ ކަހަލަ ފިލްމެއް ނެޓްފްލިކްސްއިން ނުފެންނަނީ ކީއްވެ ހެއްތެވެ؟ މިހެން ވާން މެދުވެރިވާ ސަބަބަކީ ކޮބާ ހެއްޔެވެ؟

ނެޓްފްލިކްސް އޮޕަރޭޓު ކުރާ ގޮތް

ގިނަ އެހެން ސާވިސް ޕްރޮވައިޑަރުންނެކޭ އެއްގޮތަށް ނެޓްފްލިކްސް ވެސް އޮޕަރޭޓު ކުރަނީ އަލްގޮރިދަމަކުންނެވެ. އެހެންކަމުން, ކޮންމެ އެކައުންޓަކުން ވެސް އާންމުކޮށް ބަލާ ޖޯންރާތަކުގެ ފިލްމުތައް އެއީ އެ އެކައުންޓު ބޭނުން ކުރާ މީހާ އެންމެ ބަލާހިތްވާ ވައްތަރުގެ ފިލްމު ނުވަތަ ސިރީޒްތައް ކަމަށް މި އަލްގޮރިދަމް ނިންމަ އެވެ.

ނަތީޖާއަކަށް ވަނީ އެމީހަކު އާންމުކޮށް ބަލާ ވައްތަރެއްގެ ފިލްމުތަކަކަށް ނެޓްފްލިކްސް އެކައުންޓު ހޭނި، އިތުރު ޖޯންރާގެ ފިލްމުތައް ހޯމް އިސްކިރީނުގައި ރިކޮމެންޑު ނުކުރުމެވެ. އެތައް ބައިވަރު ޖޯންރާތަކެއްގެ ފިލްމުތަކާއި ސީރީޒްތައް އޭގައި ހުރި ނަމަވެސް އެއިން ފުރޭނިގެން އައިސް ހަމައެކަނި ފެންނަން އެ ހުންނަނީ ތިބާ ބަލާހިތްވާނެ ކަމަށް ނެޓްފްލިކްސްގެ އަލްގޮރިދަމަށް ގަބޫލު ކުރެވޭ އެއްޗެއްސެވެ.

ނަމަވެސް ގިނަ މީހުންނަކީ ހަމައެކަނި އެންމެ ޖޯންރާއެއްގެ ފިލްމު ނުވތަ ސީރީޒް ބަލަން ބޭނުންވާ މީހުންނެއް ނޫނެވެ. އެވަގުތެއްގައި އެމީހެއްގެ މޫޑު ހުންނަ ގޮތަކުން ބަލާ އެއްޗެއް ވެސް ބަދަލުކޮށްލަން ގިނަ މީހުން ބެނުންވެ އެވެ. އެހެނަސް އެ ފުރުސަތު އެމީހުންނަށް ނުލިބެނީ ކުރިން މިފާހަގަ ކުރި ގޮތަށް ނެޓްފްލިކްސް މަސައްކަތް ކުރާތީ އެވެ.

ފޮރުވިފައި ހުންނަ ފިލްމު ނުވަތަ ސީރީޒް ހޯދާނީ ކިހިނެއް؟

ހަތާވީސް ހާހަށްވުރެ ގިނަ ޖޯންރާގެ ފިލްމާއި ސީރީޒް ނެޓްފްލިކްސްގައި ހުންނަކަން އަހަންނަށް އެނގުނު ހިސާބުން ހިތުގައި އަހަރެންގެ ހިތުގައި ވެސް އުފެެދުނީ މި ސުވާލެވެ. އިތުރު ފީއެއް ނުދައްކައި އެ ހުރިހާ އެއްޗެއް ބެލޭނެތޯ އެވެ.

ސުވާލުގެ ޖަވާބު ވަރަށް ފޮންޏެވެ. އެއްވެސް އިތުރު ފީއެއް ދައްކާކަށް ނުޖެހެ އެވެ. ހަމައެކަނި ދަސްކޮށްލަން ޖެހެނީ އެ ޖޯންރާތަކަށް ނެޓްފްލިކްސް އިން ދީފައިވާ ކޯޑުތަކެވެ. ދަސްކުރަން އުދަނގޫ މީހުންނަށް ފަހުން ބަލާލަން ބޭނުންވިޔަސް ބެލޭނެ ގޮތަށް އޯގާސް ކްރިޕްޓުން ވަނީ އޮލްޓަނޭޓް ޖޯންރާސްގެ މެއިން ލިސްޓަކާއި އޮލްޓަނޭޓް ޖޯންރާސްގެ އެކްސްޓެންޑެޑް ލިސްޓެއް ވެސް ތައްޔާރުކޮށްދީފަ އެވެ.

މި ލިސްޓުތަކުގައި ނެޓްފްލިކްސްގައި ފޮރުވިފައި ހުންނަ ހުރިހާ ޖޯންރާތަކަކަށް ހާއްސަ ކޯޑުތައް ހުރެ އެވެ. އެމީހެއްގެ މޫޑާއި ގުޅޭ ޖޯންރާއަކަށް ފިތާލުމުން އެ ޖޯންރާއެއްގެ ހުރިހާ ފިލްމަކާއި ސީރީޒްއެއް ވަގުތުން ނެޓްފްލިކްސް އިން ހުޅުވޭނެ އެވެ.

އެހެންކަމުން ނެޓްފްލިކްސްގައި ބަލާހިތްވާ ކަހަލަ ފިލްމެއް ނުވަތަ ނުބަލާ ފިލްމެއް ނުހުންނާނެ ކަމަށް ހީކޮށްގެން ތިބި އެންމެންނަށް ވެސް މި ލިސްޓުތަކުން އެތައް ބައިވަރު އިތުރު ފިލްމުތަކާއި ސީރީޒްތައް ފެންނާނެ އެވެ. ހޯމް އިސްކިރީނުން ފެންނަން އެ ހުންނަނީ ނެޓްފްލިކްސްގައި ހުންނަ ހުރިހާ ފިލްމެއް ކަމަށް ދުށް ދުށުން އަވަހަށް ދޫކޮށްލާށެވެ.