Advertisement

ދޮންއައިސަ ހުރީ ހުން އައިއްސާ

މިއީ ޗެޓްޖީޕީޓީއިން ތައްޔާރުކޮށްފައިވާ ފޮޓޯއެއް


ދޮންއައިސަ ހުރީ ހުން އައިއްސާ

"ނޫނެކެ ނޫނެކެ ތީމާ ނުކުރާ ކަމެކޭ މަމީ ރަށު ނެތް މީހާ މަގޭ ފައިސާ ނެތިއޭ"

މި ލަވައިގެ ޅެން އެންމެ މޮޅުވާ އެއް ސަބަބަކީ މިއެވެ. މަސްތުވާތަކެއްޗަށް ދެވިހިފައިފާވާ މީހަކު އެކަމަށް އެއްބަސްނުވާން ބަނދިވަރެއް އަމުނާއިރު ޖުމުލަތައް ހަމައެއް ނުޖެހޭނެ އެވެ. އަކުރުތައް ދިމައެއް ނުވާނެ އެވެ. ލަވަލިޔުންތެރިޔާ މިކަން ގެނެސްދީފައިވަނީ ވަރަށް ވެސް ފުރިހަމައަށެވެ. މިއީ މި ބާވަތުގެ ޅެންވެރިކަމުގައި ދިވެހި ލަވަތަކުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާ ހިލާފު ފަންނުވެރި ކަމެކެވެ.

ދޮން އައިސަގެ ލޯބިވެރިޔާގެ މައްޗަށް ކުރެވެނީ ހަކުރު ބޮއި ހަކުރު ވިއްކާކަމުގެ ތުހުމަތެވެ. އޭނާ ބުނަނީ އެއީ ދޮގެއް ކަމަށެވެ. ދޮން އައިސަގެ ލޯބިވެރިޔާ ބުނަނީ އެއީ ހުސް ތުހުމަތުކަމުގައެވެ. އެހެންނެއް ނޫނެވެ. މާކުރީ ޒަމާނެއްގައި ތެޔޮބިޑި ބޮއި އުޅެވުނުކަމަށެވެ. މިހާރުގެ ލިރިކްސްގައި މިކަން ބަޔާންކުރުމަށް ބޭނުންކުރާ ލަފުޒަކީ "ކޮސްގޮވިޔޭ" މިއެވެ. އަސްލު ލަވައިގައި މިތަނުގައި ބޭނުންކޮށްފައިވާ ލަފުޒު މުޖުތަމައަށް އަދިވެސް ބީރަށްޓެއްސެވެ. ދޮން އައިސަގެ ލޯބިވެރިޔާ ބޮއިގެން ފާރުބުޑުގައި ބިއްޖެހިފައި އޮތަސް ހަރުއަޑުން ބުނަމުންދަނީ އޭނާ ނުބޯކަމަށެވެ. ދުވަހަކުވެސް ޑީލެއް ނުކުރާ ކަމަށެވެ.

މާކުރީ ޒަމާނެއްގައި މަ ކޮސް ގޮވިޔޭ މަށެއް ހަކުރެއް ނުބޮމޭ މަށެއް ހަކުރެއް ނުބޮމޭ

މާކުރީ ޒަމާނެއްގައި މަ ކޮސް ގޮވިޔޭ މަށެއް ޑީލެއް ނުކުރަން މަށެއް ޑީލެއް ނުކުރަން

******

ފާރު ބުޑުގައި ދެމި އޮވެ މަ ބިއްޖެހުނޭ މަށެއް ރަލެއް ނުބޮމޭ މަށެއް ރަލެއް ނުބޮމޭ

ފާރު ބުޑުގައި ދެމި އޮވެ މަ ބިއްޖެހުނޭ މަށެއް ތެލެއް ނުބޮމޭ މަށެއް ތެލެއް ނުބޮމޭ

މީގެ ވިއްސަކަށް އަހަރު ކުރިން ބަލި މީހަކަށް ޅެމުން ދީފައިވާ މި ފަރުވާއަކީ ޅެންވެރިކަމުގެ ލާމަސީލު މިސާލެކެވެ. ދޮން އައިސަ ހުން އަންނަން ދިމާވި މައިގަނޑު ސަބަބެއް ކަމަށް އަސްލު ލަވައިގައި ކިޔަނީ އެއީ އައްޔަގެ ރަމަލުގައި ޖެހުމުންކަމަށެވެ. އައްޔަގެ ރަމަލަކީ މިހާރުގެ ލަވައިގައި ކިޔާގޮތުންނަމަ އައްޔަގެ ރާޅަކީ، ހަކުރު ކަމެއް ނުވަތަ ރާ ކަމެއް ނުވަތަ ފައިސާކަމެއް މުޅިއަކުން ސާފު ނުވިޔަސް އެތަނުން ކޮންމެވެސް އެކައްޗެކެވެ. ނުވަތަ ހަކުރު ވިއްކާކަން ފަޅާއެރުމުން އައިސައަށް ދިމާވި ގޮތެއްގެ ވާހަކައެވެ.

ލަވައިގެ ލިރިކްސްއަށް ވެސް ބައެއް ބަދަލުތައް ގެނެވި ބައެއް ބަދަލުތައް އިތުރުކުރުމަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް (ބަރޯ) ގެ ހިތްގައިމު އަޑުން ރިކޯޑުކުރެވި ޔޫޓިއުބަށް މީގެ މަހެއްހާ ކުރިން އަޕްލޯޑްކުރެވުނު މި ލަވައިގައި ފާހަގަވާ ވަރަށް މުހިންމު ނުކުތާއެއް ދަންނަވާލާނަމެވެ.

އެއީ މީގެ ސަތާރަ އަހަރު ކުރިން ޔޫޓިއުބަށް މި ލަވައިގެ އަސްލު އަޕްލޯޑް ކުރެވިފައިވެއެވެ. މިހާރުވެސް ސަރޗް ކޮށްލުމުން އެ ލަވަ ޔޫޓިއުބުން ފެންނާނެ އެވެ. މި ލަވައިގެ އަސްލު ލަވައިގައި، ތަލްބިޔާގެ ޖުމުލަތައް ފަދަ ބައެއް އަރަބި ޖުމުލަތަކާއި ރައްބު ފަދަ ކަލިމަފުޅުތައް ބޭނުންކޮށްފައިވެއެވެ. މަސްތުވާތަކެތީގެ ދެއްވަކަށް ތައުބާގެ ވައިބެއް އުފައްދާފައިވާ ބާވަތަކުގެ ރުޤުޔާ ސްޓައިލެއް އޭރު މި ލަވައިގައި ހިމެނިފައިވެއެވެ.

ނަމަވެސް މި ލަވައިގެ ރިމޭކިންގައި މި ލަވައިގެ ލިރިކްސްވަނީ އިމްޕްރޮވައިޒްކުރެވިފައެވެ. އަދި އިހު ދެންނެވުނު ބައި އެއްކޮށް ނައްތާލައި، ރުޤުޔާގެ އަސަރުތައް ފޮހެލާފައެވެ. އެއަށްފަހު ތިރީގައި މިވާ ގޮތަށް ރެޕިން ސްޓައިލްގެ ޗޮޕިންގ ޕާރޓެއް ލަވަޔަށް ވަނީ އިތުރުކުރެވިފައެވެ.

ތީ މަކުރާ ކަމެއް ނޫން ފުރަތަމަ؛ ހީތަ ކުރާ ތަކުރާ ނުކުރަމަ؛ ލީ އަބުރާ ކަތި މުޅި މުޖުތަމަ

އިއްޒަތަ ގަދަރުގަ ކުރި ހުޅުޖަހަ؛ ޖެހިލަގާ ލަދުނެތުމި ހަދާން؛ އަގުވެސް ނެތުނި އަދު އަބުރު ހުލިވެ އަނދާ

ހަދައިގެން ދުނިޔެ ބަލާ ސިކުނޑި ކުރިޔެ ގަމާރާ؛ ބަލަ ދުނިޔެއިން އަލާޖެހުމެއް ނުލިބި ހަމަ

އޮޅިފަ ހަމަލަމަ ދެވިފަ ހަމަމަގަށް؛ ހީވަގަ ހެއްލެން މިދުނިޔެ ދައްކާ ދަޅަތަކަށް؛ ސޮހިފަ ބަނަކަމަށް އަނގަޖެހީ އަނގަވަތަށް

ގަސްދުގަ ދުނިޔެއަށް ދުނިޔޭގެ ހަމަތަކަށް؛ މަށަށްތުރެ މަ ކައޭމެންނަށް އެނގެއެ މަ

މަށަށް ތަދުވިޔަސް ކައެމެން ގައިގަ ނިހިފީމާ؛ އަނގަތައް ތަޅުލެވޭހޭ؟ ބަލާހުރެ މީހުން ދުލުގަ ހިފޭހޭ ދަމާ

އަޅުގަނޑު މިބައި ޓައިޕް މިކޮށްލީ އަޑު އިވުނު ގޮތަށެވެ. ފަހަރުގައި ބައެއް ލަފުޒު އަޑުއިވުމުގައި ކުށެއް އޮތުމަކީ ވެދާނެ ކަމެކެވެ.

މި ބަޔަކީ މުސްކުޅި ލަވައިގެ ބަޔެއް ނޫނެވެ. ނަމަވެސް ލިރިކްސް އިމްޕްރޮވައިޒްޑް ކުރި މީހަކަށް އަސްލު ލަވައިގެ ފަލްސަފާ އާދަޔާ ހިލާފަށް ރަނގަޅަށް ވިސްނިފައިވާކަން މިކަމުން ދައްކައިދޭކަމުގައި ދެންނެވިދާނެއެވެ. އަދި ބޯ އެނބުރުމާއި ހުންއައުން ފަދަ ބަލިތަކަށް މިފަދަ ޅެމަކުން މިޒަމާނުގައި ފަރުވާދޭނަމަ، މިފަދަ ގޮތަކަށް ބޭސްގުޅައިގެ ކުލަޔާއި ބައްޓަމަށް ބަދަލު ގެންނަންޖެހޭކަން މިހާރުގެ ޅެންވެރިޔާއަށް ވަރަށް ރަނގަޅަށް ފަހުމްވެފައިވާ ކަމުގައި ވެސް ދަންނަވަންޖެހެއެވެ. ކުރީގައި އޮޑިހަނުގައި ގާނާފައި ދިން ބޭސް މިހާރު މިއޮތީ ކެޕްސޫލެއްގެ ގޮތުގައެވެ.