Advertisement

ރަށު ނޯޓު: ރިހާކުރު ރަށް، ދިއްގަރު

31 ޑިސެންބަރު 2022 - 14:01 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މ. ދިއްގަރު ބީޗުވިލާ އާރިފާ ހުސައިން ރިހާކުރު ތައްޔާރުކުރަނީ-- ފޮޓޯ: އަހުމަދު ސައީދު/އަދަދު


ރަށު ނޯޓު: ރިހާކުރު ރަށް، ދިއްގަރު

31 ޑިސެންބަރު 2022 - 14:01 0

"ނެތްކަމުން ދިއްގަރު ރިހާކުރު ނެތް ހެދެން މައިތިރި މިހާރަކު،" މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ބާނުވި، އަޑުއަހައި ފޫހިނުވި މި ލަވައިގައި ވެސް ދިއްގަރު ރިހާކުރުގެ ވާހަކަ ގެނެސްފައި އޮތުމުން، އެ ރަށުގެ މި އުފެއްދުމުގެ މުހިންމުކަމާއި ހާއްސަކަމާއި ދިވެހިންގެ މެދުގައި އޮތް ދަރަޖަ ވަޒަންކުރެވެ އެވެ.

ދިއްގަރަށް ޒިޔާރަތްކޮށްފައި ނެތަސް، ދިއްގަރާ ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގުނަސް، ދިއްގަރު ރިހާކުރުގެ އޮލަކަމާއި ކުލަ އާއި ރަހަ އާއި އޭގެ މޮޅުކަން އެނގެ އެވެ.

މ. އަތޮޅު ދިއްގަރަކީ ކުޑަކުޑަ ރަށަކަށް ވިޔަސް އާބާދީ ބޮޑެވެ. ރަށު ކައުންސިލުން ބުނި ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް، ރަށުގެ އާބާދީއަކީ 702 ފިރިހެނުންނާއި، 714 އަންހެނުންނާއެކު ޖުމްލަ 1416 މީހުންނެވެ.

މި ރަށާބެހޭ ގޮތުން ލިޔެވެން އޮތީ ހަމައެކަނި ރިހާކުރުގެ ވާހަކައެއް ނޫނެވެ. މިއީ އަބަދު ވެސް ރަށުގެ ދިރުމަށް ވިސްނުން އިސްކޮށް މަސައްކަތްތެރި ރައްޔިތެއް އުޅޭ ރަށެކެވެ. އޭގެ އެއް މިސާލަކީ، އިގުތިސޯދީ ހަރަކާތްތައް ގިނަވުމެވެ. ރާއްޖޭގެ ފުރަތަމަ ހޯމްސްޓޭ ޓޫރިޒަމް ރަސްމީކޮށް ފެށީ ވެސް މި ރިހާކުރު ރަށުގަ އެވެ.

ރާއްޖޭގެ ރަށްރަށުގައި ހުރި ހާއްސަ ކަންކަމާއި އެ ރަށްރަށަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ޕްރޮމޯޓްކޮށް، ރާއްޖޭގެ ސަގާފަތާއި އެ ރަށްރަށަށް ހާއްސަ އާދަކާދަ ޕްރޮމޯޓްކޮށް ފަތުރުވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ރަށްރަށުގެ ރައްޔިތުންނަށް، ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ ނަފާ ލިބިގަނެވޭނޭ ފަދަ ނިޒާމެއްގެ މައްޗަށް ބައްޓަންކޮށްގެން ދިއްގަރުން ފެށި ހޯމްސްޓޭ ކާމިޔާބު ވާއިރު، ރިހާކުރުގެ ވާހަކަ އާއި ތަޖުރިބާއަކީ އެ ރަށުގެ އެންމެ މުހިންމު ޕްރޮޑަކްޓަށް ވާނެ އެވެ.

ދިއްގަރު މީހަކު ރިހާކުރު ކެއްކުމަށް ދަރު ގެންދަނީ.


ރިހާކުރު ރަށުގެ އިގުތިސޯދުގެ މައިގަނޑު މަސައްކަތަކީ ވެސް މަސްވެރިކަމެކެވެ. ކަނޑުމަހުގެ އިތުރުން ފަރުމަހާއި، ފާނައިގެ މަސްވެރިކަން މިރަށުގެ ގިނަ ބަޔަކު ކުރެ އެވެ. މި ކުޑަކުޑަ ރަށުގައި 10 މަސް ދޯންޏާއި، ޑައިވިން ދެ ދޯންޏާއި، 1ވަދުދޯނި ދުއްވައެވެ. އަދި 26 ޑިންގީ އާއި މާލެ ދަތުރުކުރާ ދެ ބޯޓު ދުއްވަ އެވެ. ހޯމްސްޓޭ ގޯތީގެ އިތުރުން މިރަށުގައި 16 ފިހާރަ އާއި ތިން ކެފޭ އާއި ފާމަސީއެއް ހުރެ އެވެ.

ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓްތަކުގަ އެވެ. ކޮންސްޓްރަކްޝަން މަސައްކަތާއި، ތެދުއި ވަޑާމާއި، ކިއްސަރު ވަޑާމުގެ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަ އެވެ.

މި ރަށުގެ އާންމު ހިދުމަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުކޮށްފައި ހުއްޓަސް، ދާދި ފަހަކާ ޖެހެންދެން ވެސް ރަށަށް އުދައެރުމުގެ މައްސަލަ އޮތީ ހައްލު ނުވެ އެވެ. އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރަން މި އަހަރުގެ އޯގަސްޓު މަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުންގެ ކުރީގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކޮށްދެވީ މިގޮތަށެވެ؛

"ދިރިއުޅުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައި ރައްޔިތެއް ދިރިއުޅެމުން އައި ރަށެއް. މަސައްކަތްތައް ހުއްޓާލައި، މަހަށްނުގޮސް އެތައް ދުވަހަކު ރަށުގައި ތިބެ ބާޑިޖަހައި، އެކަމުން ހައްލު ހޯދުމަށްޓަކައި ކޮންމެ އަހަރަކު އެ މަސައްކަތް ތަކުރާރުކޮށް ކުރަމުން އައި ރަށެއް. ހައްލެއް އެއަކަށް ނުލިބޭ. ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އޮންނަނީ އުދައަރައި ގޭގެޔަށް ލޮނުވަދެ، ގެންގުޅޭ ސާމާނާއި މުދަލަށް އިންތިހާއަށް ގެއްލުންވެފައި."

އެ ތަކުލީފުން ދިއްގަރު ވަނީ މިހާރު ސަލާމަތްވެފަ އެވެ. އިތުރު މަޝްރޫއުތައް ފުރިހަމަވެ ނިމެމުން އަންނައިރު، އެންމެ 13 ހެކްޓަރުގެ ރަށް، 30 ހެކްޓަރަށް ބޮޑުވާނެ އެވެ.

މ. އަތޮޅުގެ ރަށްތަކަކީ ސަގާފީ ކުޅިވަރުތަކުގައި ހާއްސަ ރަށްތަކެކެވެ. އޭގެ އަސަރު ދިއްގަރުން ވެސް ފެނެ އެވެ. އެ ރަށުގައި ވެސް ބެރުޖެހުމާއި، ލަނގެރި ޖެހުމާއި ދަނޑިޖެހުން ފަދަ ކުޅިވަރުތައް ކުޅެ އެވެ.

މި ހުރިހާ ވާހަކަތަކަށް ވުރެ މި ރަށުގެ އެންމެ އަގުބޮޑު ރައުސްމާލަކަށް ވާނީ ރިހާކުރުގެ ވާހަކަ އެވެ. އެ ޓެގްލައިނެވެ. މެޒޯ މުހައްމަދުގެ ލަވައިގައި ބުނާ ފަދައިގެން ދިއްގަރު ރިހާކުރަކީ ހާއްސަ އުފެއްދުމެކެވެ. އެއީ ދިއްގަރުގެ ބްރޭންޑެވެ. އެ ރަށުގެ ފަހުރެވެ.