Advertisement

ދިއްގަރުގައި ހޮސްޕިޓަލެއް އަޅަން 105 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

22 ސެޕްޓެންބަރު 2025 - 10:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިއްގަރު ކައުންސިލާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން: މުއިއްޒު ދިއްގަރަށް ވަޑައިގެންނެވީ ތިން އަތޮޅަކަށް ކުރައްވާ ދަތުރުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް


ދިއްގަރުގައި ހޮސްޕިޓަލެއް އަޅަން 105 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

22 ސެޕްޓެންބަރު 2025 - 10:59 0

މ. ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ރާއްޖޭގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ދިއްގަރަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގަ އެވެ.

ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.

އެ ރަށުގައި ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ މަޝްރޫއަށް ހަރަދު ވާނެ ފައިސާގެ ސީދާ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ނާޒިމް ވިދާޅުވީ އެ މަޝްރޫއުއަށް 105 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް އޭގެ ކުރިން ފެނިގެން އެ ދިޔައީ ދިއްގަރުގައި ސިއްހީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ހޮސްޕިޓަލެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ފެށުން، އާދެ، އެ މަސައްކަތަށް ވެސް 105 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.