29 ޑިސެންބަރު 2022 - 16:59 0
އާމިނަތު ނިއުޝާ
ޕީޖީއިން ބުނީ ޝަރީއަތް ސިއްރުކޮށްދޭން އެދުނީ އާއިލާގެ މަސްލަހަތަށްޓަކާ ކަމަށް: ޝިއާއުގެ މަރުގެ މައްސަލައިގައި ތުހުމަތު ލިބޭ މީހާގެ މައްޗަށް ހަތަރު ދައުވާއެއް ކުރޭ -- ފޮޓޯ: ފައިލް
29 ޑިސެންބަރު 2022 - 16:59 0
ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި އެދިއްޖެ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށާއި އެގޮތަށް އެދުނީ އާއިލާގެ މަސްލަހަތަށްޓަކާ ކަމަށެވެ.
އެ މައްސަލާގައި ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އޭގެ އިތުރުން ވެސް ހަތަރު ދައުވާއެއް ވެސް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އޭގެ ތެރޭން ދެ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ. ދެން ބާކީ ކުރި ދެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމައެއް ނުކުރި އެވެ. އެ އޮފީހުން ބުނީ މަރުވި ފަރާތުގެ އާއިލާއަށްޓަކައި އެ ދައުވާގެ ބާވަތް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުން، މި މައްސަލާގައި ސާހިލް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އޭނާ ޝިއާ މަރާލި މަގުސަދު އަދި ދެނެގަނެވިފައި ނުވާ ކަމުގަ އެވެ. އެ ކަން ހޯދުމަށް ޓަކައި ފުލުހުން ދިޔައީ އޭނާގެ ފޯނު ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
Comment