Advertisement

އަޑު ފެތުރުނު ނަމަވެސް، ޔާމީން ޝަރީއަތުގެ ވީޑިއޯ ޔޫޓިއުބަކުން ނުނަގާ

26 ޑިސެންބަރު 2022 - 14:34 2

ޔާމީން މާފުށީ ޖަލަށް ގެންދަނީ: އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ނެގި ކަމަށް އޮތީ އަޑު ފެތުރިފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަޑު ފެތުރުނު ނަމަވެސް، ޔާމީން ޝަރީއަތުގެ ވީޑިއޯ ޔޫޓިއުބަކުން ނުނަގާ

26 ޑިސެންބަރު 2022 - 14:34 2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް އެކައުންޓުން ރިމޫވްކޮށްފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ނުކުރާކަން އެނގިއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްގައި އަދިވެސް އެ ވީޑިއޯ ފެންނަ އެބަ އޮތެވެ. އަދި ވީޑިއޯ އަޕްލޯޑް ކުރި ކަމަށް އޮތީ ވެސް ޝަރީއަތް ލައިވްސްޓްރީމް ކުރަން ފެށި ވަގުތެވެ. އެހެންކަމުން އެ ވީޑިއޯ ޔޫޓިއުބުން ނަގާފައިނުވާކަން ސާފުކޮށް އެނގެ އެވެ.

ޔާމީންގެ ޝަރީއަތުގެ ވީޑިއޯ ޔޫޓިއުބުން ނަގާފައިވާ ކަމަށް އެންމެ ފުރަތަމަ ބުނީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމެވެ. އެ ވީޑިއޯ ނަގާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މެއިންސްޓްރީމް ނޫސްތަކުގައި ހަބަރު ވެސް ހަދާފައިވެ އެވެ.

ޔާމީންގެ ޝަރީއަތުގެ ވީޑިއޯ: ހުކުމް ކުރުމާއެކު ޔާމީން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައި -- ޔޫޓިއުބް


ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުގައި ސާބިތުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ އެވެ. އޭގެ އިތުރުން ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ނިންމި އެވެ. މީގެ ކުރިން ނޮވެމްބަރު، 2019 ގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވި އެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރި އެވެ.

މަނީ ލޯންޑަރިން މައްސަލައިގައި ޔާމީންގެ މައްޗަށް އައީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ރިޝްވަތުގެ މައްސަލައިގައި އައީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވުމާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ. މާފުށީ ޖަލުގައި ޔާމީން ބަންދުކޮށްފައި ހުންނާނީ ދައުލަތުގެ ވެރިންގެ ފެންވަރު ބޭފުޅުން ޖަލަށްލުމަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގަ އެވެ.