Advertisement

ޕެލޭގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ދަރިފުޅު

25 ޑިސެންބަރު 2022 - 12:45 0


ޕެލޭގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ދަރިފުޅު

25 ޑިސެންބަރު 2022 - 12:45 0

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 25) - ބަލި ހާލު ބޮޑުވެ، މިމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ ފުޓްބޯޅަ ތަރި ބްރެޒިލްގެ ޕެލޭގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ދަރިފުޅު ކެލީ ނެސެމެންޓޯ ބުނެފި އެވެ.

އެޑްސަން އަރަންޓޭސް ޑޮ ނެސިމެންޓޯ (ޕެލޭ) 82، ބަލި ހާލަތު ގޯސްވެފައިވަނީ މިދިޔަ އަހަރު އޭނާގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި ފަހުންނެވެ. އޭގެ ފަހުން އާންމުކޮށް އޭނާ ޑޮކްޓަރަށް ދައްކަމުން އަންނައިރު، ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް އަންނަނީ ފަރުވާ ހޯދަމުންނެވެ.

ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގިނަ މެޗުތައްވެސް ޕެލޭ ބަލާފައިވަނީ ހޮސްޕިޓަލްގައި އޮވެ އެވެ. އަދި މުބާރާތުގެ ތެރެއިން އޭނާގެ ހަލާތާ ގުޅޭ ގޮތުން ޕެލޭ ވަނީ ސަޕޯޓަރުންނަށް މައުލޫމާތުދީފަ އެވެ. ވޯލްޑް ކަޕްގެ ފައިނަލުން މޮޅުވެ މުބާރާތުގެ ތަށި އާޖެންޓީނާ އިން ކާމިޔާބުކުރުމާއެކު އެ ޓީމަށް މަރުހަބާކީ މުހިންމު ޝަހުސިއްޔަތުންގެ ތެރޭގައިވެސް ޕެލޭ ހިމެނެ އެވެ.

ޕެލޭގެ ބަލި ހާލަތު ގޯސްވަމުން އަންނަކަމަށް މިދިޔަ ދެ ދުވަހުވެސް އަންނަނީ އަޑުފެތުރެމުންނެވެ. މިގޮތަށް މީޑިއާތަކުން ރިޕޯޓްކުރަން ފެށީ ޕެލޭގެ ފިރިހެން ދަރިފުޅު އެޑިނިއޯ އިއްޔެ ހޮސްޕިޓަލަށް އައިސް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުންނެވެ.

މި ފޮޓޯތަކާ ގުޅިގެން މީހުން ބުނަމުން އަންނަނީ ޕެލޭގެ އާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް އެއްވީ ޕެލޭގެ ހާލަތު މިހާރު ގޯސްވަމުން އަންނާތީ ކަމަށެވެ. ނަމަވެސް އާއިލާއިން ވަނީ ޕެލޭގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށާއި އެޑިންއޯ ހޮސްޕިޓަލަށް އައީ ކްރިސްމަސްގެ ބަންދު އާއިލާއާއެކު ހޭދަކުރަންކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ޕެލޭގެ އަންހެން ދަރިފުޅު ކެލީ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯގައި ލިޔެފައިވަނީ ކްރިސްމަސްގެ ބަންދުގައި އާއިލާގެ އެންމެން އެއްތަނެއްގައި ތިބުމަކީ ލިބޭ ބޮޑު އުފަލެއްކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އެންމެން އެއްކޮށް ތިބުން މުހިންމު ކަމަށެވެ.

"އެންމެން އެއްކޮށް އެކުގައި މިތިބީ. އެންމެންގެ ލޯތްބާއި އެކުވެރިކަން މި ދަނޑިވަޅުގައި މުހިންމު. މިއީ ކްރިސްމަސް ބަންދުގައި ލިބޭ އެންމެ ބޮޑު އުފާ،" ކެލީ ލިޔެފައިވެ އެވެ.

ޕެލޭގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށް މީޑިއާގައި ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް މަޝްހޫރު ގިނަ ކުޅުުންތެރިން ވަނީ ޕެލޭ އަށް އޮތް ސަޕޯޓް ދައްކުވައިދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އިންގްލެންޑްގެ ހެރީ ކޭން ހިމެނެ އެވެ.

ބްރެޒިލްގެ ޕެލޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލެޖެންޑެވެ. ޕެލޭ އަކީ ފީފާ ވޯލްޑްކަޕް ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 77 ގޯލު ޖަހައިފަ އެވެ.