ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 10) - ލެޖެންޑަރީ ސްޓްރައިކަރު، ޕެލޭ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ހަދާފައި އޮތް ރެކޯޑް ނޭމާ މުުގުރާލައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހު މަރުވި ޕެލޭ، ބްރެޒިލް ޓީމަށް 92 މެޗުން 77 ގޯލު ޖަހައިދީގެން ހަދާފައިވާ ރެކޯޑް މުގުރާލުމަށް ނޭމާ އަށް 125 މެޗު ބޭނުންވި އެވެ. އެ ގޮތުން، ވޯލްްޑް ކަޕް ކޮލިފައިންގައި ބޮލިވިއާ އަތުން 5-1 އިން ބްރެޒިލް މޮޅުވި މެޗުގައި ޖެހި ދެ ގޯލާ އެކު، ނޭމާ ވަނީ ބްރެޒިލަށް 79 ގޯލު ޖަހައިދީފަ އެވެ.
ޕެލޭގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، އޭނާގެ ޓީމުން ވަނީ ނޭމާ މި ރެކޯޑް މުގުރާލުމުން މަރުހަބާ ކިޔައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވި ނޭމާ ވަނީ މި ފަދަ ބޮޑު ރެކޯޑެއް މުގުރާލެވުމަކީ ކެރިއަރުގައި ހާއްސަ ކާމިޔާބެއް ކަމަށް ބުނެފަ އެވެ.
ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަތުން ވަނީ ޕެނަލްޓީއެއް ވެސް ނާކާމިޔާބުވެފަ އެވެ. އެ ގޮތުން ނޭމާ ފޮނުވާލި ޕެނަލްޓީ ބޮލިވިއާ ކީޕަރު، ގިލެރްމޯ ވިސްކާރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނޭމާގެ ދެ ގޯލު ފެނިގެންދިޔައިރު، ދެން ބްރެޒިލުން ލަނޑުތައް ޖެހީ ރޮޑްރީގޯ ދެ ގޯލާއި ރަފީނިއާ އެވެ.
މެޗުގައި ބޮލިވިއާ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ވިކްޓޯ އަބްރޭގާ އެވެ.
ބްރެޒިލަށް ރޭގެ މެޗުގައި ކޯޗުކޮށްދިނީ އާ ކޯޗު ފެނާންޑޯ ޑިނީޒް އެވެ. މިއީ ދާއިމީ ކޯޗެއް ހަމަޖެހެންދެން ބްރެޒިލުން ޑިނީޒް އަށް ދިން ޒިންމާ އެކެވެ. އުރުގުއޭއާ ހަވާލުވި އާ ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މެޗުން ވަނީ ޗިލީ އަތުން 3-1 އިން މޮޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment