24 ޑިސެންބަރު 2022 - 08:53 0
24 ޑިސެންބަރު 2022 - 08:53 0
ބާސެލޯނާ (ޑިސެމްބަރު 24) - ބާސެލޯނާގެ ޒުވާން ތަރި، އަންސޫ ފާޓީ، 2012 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ބުނެފި އެވެ.
މިދިޔަ އަހަރުތަކުން ފެށިގެން ބާސެލޯނާގައި ވިދުން ގަދަވަމުން އަންނަ އަންސޫ ފާޓީ، 20، ކެރިއަރުގައި މިހާރު ވެސް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިވެފައިވާއިރު، އޭނާ ވަނީ ސްޕެއިނުގެ ނޫހަކަށް ކެރިއަރުގައި ކުރިމަތިވި އެކި ޗެލެންޖްގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.
އެ ގޮތުން ކެރިއަރުގެ އެންމެ ކުރީކޮޅުގެ ވާހަކަތައް ވެސް ވަނީ މީޑިއާގެ ސުވާލުތަކަށް ދިން ޖަވާބުގައި ކިޔައިދީފަ އެވެ.
"އެއީ 2012 ވަނަ އަހަރު، އަހަރެން ދިޔައީ ޓްރަޔަލްސްތައް ފުރިހަމަ ކުރަމުން. އެ ގޮތުން ރެއާލް މެޑްރިޑްގައި ވެސް ޓްރަޔަލްތަކެއް ކުރިއަށްދާ ގޮތަށް އޮތީ، އެކަމަކު، އެ ވަގުތު ރެއާލްގެ ޓްރެއިނިން ސެންޓަރުގައި އާ ކުޅުންތެރިންނަށް ހުރެވޭނެ ގޮތެއް ނެތީ، އެ ގޮތަށް އޮތީމަ، އަހަރެން އާއިލާއާ މަޝްވަރާ ކޮށްފައި ބާސެލޯނާގައި، ލަ މާސިއާގައި އޮތް ފުރުސަތުގެ ބޭނުންހިފީ،" ލިއޮނަލް މެސީ ބޭނުންކުރަމުން އައި ބާސެލޯނާގެ 10 ނަމްބަރު ޖޯޒީގައި މިހާރު ކުޅެމުން އަންނަ އަންސޫ ފާޓީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްޕެއިނުގެ އަންސޫ ފާޓީ ބޯޅަ ކޮންޓްރޯލް ކުރަނީ.
ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަށް ކުޅުމުގެ ފުރުސަތު ދޫކޮށްލައި، ސްޕެއިނަށް ކުޅެން އަންސޫ ފާޓީ ނިންމީ މީގެ ތިން އަހަރު ކުރިންނެވެ. ސްޕެއިންގެ ފުޓްބޯޅަ ސަގާފަތުގެ ތެރެއިން ޑިވެލޮޕްވި ކުޅުންތެރިއަކަށް ވުމަކީ އަންސޫ ފާޓީ، ސީނިއާ ލެވަލްގައި އެ ގައުމު ތަމްސީލުކުރަން ވެސް ބޭނުންވި ސަބަބެވެ.
"ބާސެލޯނާ އަށް ލަ މާސިއާ އަށް ބަދަލުވުމަކީ އަހަންނަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅު. ވަރަށް ހާސްވި ލަ މާސިއާގައި އެންމެ ފުރަތަމަ ޓްރެއިނިންތައް ފެށިއިރު، އެކަމަކު، އަހަންނަށް އަމިއްލަ ނަފްސާ މެދު އޮތް އިތުބާރު ކުޑައެއް ނުވޭ،" އަންސޫ ފާޓީ ބުންޏެވެ.
ބާސެލޯނާ އަށް 78 މެޗުން 22 ގޯލު ޖަހައިދީފައިވާ އަންސޫ ފާޓީ ބުނީ, އެންމެ ފުރަތަމަ ދުވަސްތަކުގައި ބާސެލޯނާގެ ލަ މާސިއާ އެކެޑަމީގައި ޓްރެއިނިންތައް އުނދަގޫވި ނަމަވެސް ހަފްތާއެއްހާ ދުވަސްތެރޭ އެ ތަނުގެ ސިސްޓަމަށް ހޭނި ކުރިއަށްދާން ފަސޭހަވި ކަމަށެވެ.
ޒުވާން އުމުރުގައި ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ގޯލު ޖެހުމަށް ފަހު ރެކޯޑްތަކެއް ހެދި އަންސޫ ފާޓީ ބުނީ އޭނާގެ ކެރިއަރުގެ ދުވެއްޔަށް މަޑު ޖެހުންތަކެއް އައީ މި ފަހުން ދިމާވި އަނިޔާގެ މައްސަލަތަކާ ހެދި ކަމަށެވެ. އެކަމަކު, މި ސީޒަނުގެ ބާކީ ބައިގައި ބާސެލޯނާ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކުމުގެ އަމާޒުގައި ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
Comment