21 ޑިސެންބަރު 2022 - 11:40 1
މުހައްމަދު އުޝާމް
ތިކި އެޕްލިކޭޝަން ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން - ފޮޓޯ: ތިކި ސޯޝަލް މީޑިއާ
21 ޑިސެންބަރު 2022 - 11:40 1
ލޭ ހަދިޔާ ކުރާ އެޕްލިކޭޝަން، "ތިކި" އަކީ ކޮޕީކޮށްގެން އުފެއްދި އެޕްލިކޭޝަނެއް ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ކޮޕީރައިޓް ގާނޫނުގެ ދަށުން ކޯޓަކަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ލޭ ހަދިޔާ ކުރުމަށް ތައްޔާރުކޮށްފައިވާ "ހަދިޔާ.އެމްވީ" ކިޔާ ވެބްސައިޓެއް, އެޕަކަށް ބަދަލުކުރުމަށް ލ. ފޮނަދޫ, ފާހި, އަހުމަދު އަނަސް އަށް ހަވާލުކުރި ކަމަށް އެ ވެބްސައިޓް ތައްޔާރުކުރި ފަރާތް ލ. ފޮނަދޫ, ޑޭލައިޓް ޔޫސުފް ހަލީލް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.
ނަމަވެސް, ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގެ ދުވަސްވަރު އެ މަސައްކަތް ހުއްޓިފައި އޮއްވާ އަނަސް ވަނީ ލޭ ހަދިޔާކުރުމުގެ އޭނާގެ އަމިއްލަ އެޕެއް ކަމަށްވާ "ތިކި" ލޯންޗުކޮށްފަ އެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އެއީ ޔޫސުފް ހަލީލްގެ ހިޔާލު "ވަގަށް" ނަގައިގެން ވުޖޫދު ކުރި އެޕްލިކޭޝަނެއް ކަމަށެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލާގައި ޝަރީއަތަށް ހެކިބަސް ދިން މީހުން ހެކިބަހަށް ރިއާޔަތް ކުރުމުން އެފަދަ އެޕްލިކޭޝަނެއް އުފެއްދުމަށް ދެ ފަރާތުން މަޝްވަރާ ކުރިކަން އެނގެން އެބަ އޮތް ކަމަށެވެ.
ނަމަވެސް އެޕްލިކޭޝަން ތައްޔާރުކުރުމަށް އަނަސްއަށް އެއްވެސް ވަސީލަތަކާއި ޑޭޓާބޭސްއެއް ހަވާލުކުރިކަން އެނގެން ނެތް ކަމަށާއި އެހެންވެ "ތިކި" އެޕްލިކޭޝަން އުފައްދާފައިވަނީ "ހަދިޔާ.އެމްވީ" ގެ ޑޭޓާބޭސް ބޭނުންކޮށްގެން ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
"ހަދިޔާ.އެމްވީ" އެޕްލިކޭޝަންގައި ޔޫސުފް ހަލީލް ހިމަނަން ބޭނުންވި ފީޗާސްތައް ވެސް "ތިކި" އެޕްލިކޭޝަންގައި ހިމެނޭ ކަމަށް ބުނެ އެ ކަން ސާބިތުކުރަން ޝަރީއަތަށް ހުށަހެޅި ލިޔުމުގައި ވެސް އެއީ އެޕްލިކޭޝަންގައި ހިމެނޭ ކޮންކޮން ސިފަތަކެއް ކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
މެޖިސްޓްރޭޓް އަލީ ޝަރީފް ނެރުއްވި އެ ހުކުމުގައި ވަނީ ކޮޕީރައިޓް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވިސްނުން ކޮޕީކޮށްފައިވާ ކަން ސާބިތުނުވާތީ، އަނަސްގެ އަތުން ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ކަނޑައެޅޭން ނެތް ކަމަށެވެ.
"ހަދިޔާ.އެމްވީ" އަކީ ޔޫސުފް ހަލީލަށް ލޭގެ ކެންސަރު ޖެހި އެ އުފުލި ވޭނާއި ކުރި ތަޖުރިބާގެ ސަބަބުން އޭނާގެ އަމިއްލަ ހިޔާލުން އުފަންކުރި ވެބްސައިޓެކެވެ. އޭނާއަކީ ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ މީހެއް ނަމަވެސް, ލޭގެ ކެންސަރަށްފަހު އެކަން މަނާވި އެވެ. އެހެންވެ, އޭނާ ބޭނުންވީ އޭނާއަށް ލޭ ހަދިޔާ ނުކުރެވުނު ނަމަވެސް ލޭ ހޯދާ މީހުންނަށް ފަސޭހައެއް ކޮށްދޭށެވެ.
ވެބްސައިޓްގައި ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތުތައް ހިމެނި އެވެ. ލޭ ހޯދާ ކޮންމެ މީހަކަށް ވެސް ވެބްސައިޓް ބަލައިގެން ފަސޭހައިން ލޭ ހޯދުމުގެ އިންތިޒާމް އޭގެން ފަހިވި އެވެ.
ކޯޓަށް ޔޫސުފް ހުށަހެޅި މައްސަލާގެ ދައުވާ ފޯމްގައި ބުނެފައިވާ ގޮތުގައި ލޭ ހޯދާ މީހުންނަށް އިތުރަށް ފަސޭހަކުރުމަށްޓަކައި "ހަދިޔާ.އެމްވީ"ގެ އެޕް ހެދުމަށް އަނަސްއާ ހަވާލުކުރީ އެވެ. އެކަން ކުރުމަށް ވެބްސައިޓްގައި ހުރި މައުލޫމާތުތަކަށް އެކްސެސްވެވޭ ގޮތަށް ލޮގިންއެއް ދިން ކަމާއި އެޕްގައި ހިމަނަން ބޭނުންވާ ފީޗާތަކުގެ މައުލޫމާތުތައް ވެސް އަނަސްއާ ހިއްސާކުރި އެވެ. ނަމަވެސް, އޭގެ ފަހުން އެ މަސައްކަތުން އަނަސް ވަކިކުރީ އެވެ.
އޭގެފަހުން, މިދިޔަ އަހަރު ފަހުކޮޅު އަނަސް ވަނީ އޭނާގެ އަމިއްލަ އެޕް "ތިކި" ލޯންޗުކޮށްފަ އެވެ. އެ އެޕަކީ ވެސް ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތު ފަސޭހައިން ފެންނަ އެޕެކެވެ. އެ އެޕްގައި މިހާރު ވެސް 649 ޑޯނަރުން އެބަތިއްބެވެ.
އެކަމާ ގުޅިގެން އަނަސް "އަދަދު"އަށް ބުނީ އެ ހުރިހާ ތުހުމަތުތަކަށް ސާފުކޮށް އިންކާރުކުރާ ކަމަށެވެ.
"ދައުވާގައި މި ތުހުމަތު ކުރަނީ ހިޔާލު ވަގަށް ނެގުމާއި ހަދިޔާ.އެމްވީގެ ވެބްސައިޓުގައި ހުރި ޑޯނަރުންގެ މައުލޫމާތު ބޭނުންކުރި ކަމަށް. އެ ތުހުމަތުތަކަށް އިންކާރު ކުރަން. އެފަދަ ކަމެއް ނުކުރަންކަން ހަމަ ޔަގީން،" އަނަސް ބުންޏެވެ.
Comment