Advertisement

ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުން އިސް ގާޒީ ޝަކީލް ތަނާޒުލްވެއްޖެ

20 ޑިސެންބަރު 2022 - 12:53 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް: ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުން ގާޒީ ތަނާޒުލްވެއްޖެ


ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުން އިސް ގާޒީ ޝަކީލް ތަނާޒުލްވެއްޖެ

20 ޑިސެންބަރު 2022 - 12:53 0

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވެއްޖެ އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ޝަކީލް މައްސަލައިން ދުރުވެ، އެ މައްސަލަ ގާޒީ އަލީ ނަދީމްގެ ސެކްޝަނާ ހަވާލުކޮށްފައިވާ ކަން ކްރިމިނަލް ކޯޓުން ޔަގީންކޮށްދެ އެވެ. އެކަމަކު އެ ބަދަލު އެ ގޮތަށް ގެނައި ސަބަބެއް ނޭނގެ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

މި މައްސަލަ ބައްލަވާ ގާޒީ ބަދަލުވިއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ހިންގަވަނީ ވެސް އިސް ގާޒީ ޝަކީލެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލާގައި އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސްވީއިރު، އާރަށު ހިޔާނާތުގެ މައްސަލަ އޮތީ ހުކުމާ ހަމައަށް ވާސިލްވެފަ އެވެ. މި އަހަރު ނިމުމުގެ ކުރިއަށް ހުކުމް ބޭއްވުމުގެ އަޑުއެހުން ބާއްވާނެ ކަމަށް އެންމެ ފަހުން އަޑުއެހުން އޮތް ދުވަހު އިސް ގާޒީ ވިދާޅުވެފައިވެ އެވެ.